ހިތުގެ ލޭހޮޅިއަކަށް ދޭން ޖެހޭ އުނދަގޫ ފަރުވާއެއް ކަމަށްވާ "ކޮމްޕްލެކްސް ކޮރޮނަރީ އިންޓަވެންޝަނަލް" ޕްރޮސީޖާއެއް އައިޖީއެމްއެޗުން ފުރަތަމަ ފަހަރަށް ލައިވް ޓެލެކާސްޓްކޮށްފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލްގެ ކާޑިއަކް ޓީމުން އެ އެ ޕްރޮސީޖާ ލައިވްކޮށް ކުރިއަށް ގެންދިޔައީ ޑރ. އިމާދު ޝައިބާން އާއި ޑރ. އަލީ ޝަފީގު އިސްކޮށް ތިއްބަވައިގެން ކަމަށެވެ.
އައިޖީއެމްއެޗްގެ ޓީމުން ކޮމްޕްލެކްސް ކޮރޮނަރީ އިންޓަވެންޝަން ކޭސް ލައިވް ކުރީ އިންޑިއާގެ ނެޝަނަލް އިންޓަވެންޝަނަލް ކައުންސިލްގެ އަހަރީ އާއްމު ޖަލްސާ އަށެވެ.
ކޮމްޕްލެކްސް ކޮރޮނަރީ އިންޓަވެންޝަނަކީ ކޮބާ؟
ކޮމްޕްލެކްސް ކޮރޮނަރީ އިންޓަވެންޝަނަކީ ހިތުގެ ލޭހޮޅިއެއް ހިމަވެ ބަންދުވާ ގޮތް މެދުވެރިވުމުން، "ކެތެޓާ" ނަމަކަށް ކިޔާ އާލާތެއް ބޭނުންކޮށްގެން އެ ހޮޅި ހުޅުވައިލުމުގެ މަސައްކަތެވެ. ހިތުގެ ލޭހޮޅިއަށް ކެތެޓާ ލައްވަނީ އެތެރެ ހަށީގެ މަންޒަރުތައް ބަލަން ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތައް (އެޑްވާންސްޑް އިމޭޖަރީ ޓެކްނޮލޮޖީ)ގެ އެހީގައި ލޭހޮޅީގެ އެތެރެ ބަލަމުންނެވެ.

ލޭހޮޅި ހުޅުވައިލުމަށް ބޭނުންކުރާ ކެތެޑާ އަކީ ބޭނުންވާ ހިސާބަށް ގެންދިއުމަށް ފަހު އޭގެ ކޮޅު ހުޅުވައިލެވޭ ގޮތަށް އޮންނަ އާލާތެކެވެ. ލޭހޮޅި ހުޅުވައިލުމުގެ ފަރުވާ ދޭ އިިރު ކުރާ ކަމަކީ ލޭހޮޅީގެ ތެރެއަށް ކެތެޓާ ލައްވައިގެން ގެންގޮސް އެންމެ ބޮޑަށް ބެދިފައިވާ ހިސާބަށް ގެންދިއުމަށް ފަހު ކެތެޓާގެ ކޮޅުގައިވާ ހުޅުވޭ ގޮތަށް އޮންނަ ބައި (ބެލޫން) ހުޅުވައިލުމެވެ.













