ކޮލަމްބިއާގެ ސަންތިއާގޯ ދި ކަލީގައި އަންނަ އޮގަސްޓު މަހު އޮންނަ ޖޫނިއާ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލް ކުރާނެ އެތުލީޓަކަށް ކުރިއަރަމުން އަންނަ ތަރި އަހުމަދު ވިސާމް ހޮވައިފި އެވެ.
އޮގަސްޓު މަހުގެ އެކަކުން ހަތަކަށް ކޮލަމްބިޔާގައި އޮންނަ ދުނިޔޭގެ ޖޫނިއާ މުބާރާތުގައި 140 ގައުމަކުން 900 އެއްހާ އެތުލީޓުން ވާދަކުރާނެ އެވެ.
މި ގޮތުން 800 މީޓަރު ދުވުމުގައި މިވަގުތު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ވިސާމް އަކީ ޖޫނިއާ ގައުމީ ރެކޯޑާއި ޔޫތު ރެކޯޑުވެސް މިވަގުތު މިރޭހުގައި އޮންނަ އެތުލީޓެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ތެރެއިން ވިސާމް އިވެންޓެއް ނިންމުމަށް ފަހު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ވިސާމް ވަނީ މިދިޔަ މަހު ނިމުނު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދައިފަ އެވެ. މުބާރާތުގެ 800 މީޓަރު ދުމުވުންނާއި، 1500 މީޓަރު ދުވުން އަދި 5000 މީޓަރު ދުވުމުން އޭނާ އެއް ވަނަ ހޯދި އެވެ.
ވިސާމް ވަނީ އިންޓަ ސްކޫލްގެ 1500 މީޓަރު ދުވުމުގެ ސްކޫލު ރެކޯޑު މުގުރާލައިފަ އެވެ. އިމާދުއްދީން ސްކޫލުގެ ވިސާމް މި ރެކޯޑު ހެދީ 4 މިނެޓު 26.72 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން ވިސާމް އަކީ މިދިޔަ އަހަރު ކުރިއަށްދިޔަ ތިން ވަނަ ގްރޯން ޕްރީގައި ވާދަކޮށް 800 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނިމުނު ގައުމީ އެތުލެޓިކްސް މުބާރާތުގެ 800 މީޓަރު ދުވުމުން ވިޝާމް ދެ ވަނަ ހޯދި އެވެ.
ވިސާމް، ޓްރެއިނިން ހަދަމުން ދަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދުގެ މޭސްތިރިކަމުގައި ހިންގަމުން އަންނަ "ސާއިދު ސްޕޯޓްސް" ގަ އެެވެ.
ޖޫނިއާ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރަން ރާއްޖެއަށް ލިބެނީ އެއް ޖާގަ އެވެ. އެއީ މުބާރާތަށް ކޮލިފައި ނުވާ ގައުމުތަކަށް ދޭ ޙާއްސަ ޖާގައިގެ ދަށުންނެވެ.











