ލަންޑަން (ޖޫން 16) - ކޮވިޑާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ކުރިއަށް އޮތް ސީޒަންގައި ފަސްކުރާނީ، ވަރަށް "ހާއްސަ ހާލަތެއް" ކްލަބަކަށް މެދުވެރިވެގެން ކަމަށް ޕްރިމިއާ ލީގުން ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވެ، މިިދިޔަ ސީޒަންގައި މެޗުތަކެއް ފަސްކުރުމުގެ ސަބަބުން، ޕްރިމިއާ ލީގުގެ ޝެޑިއުލް އަށް ބުރޫތަކެއް އެރި އެވެ.
ކޮވިޑްގެ ސަބަބުން ޝެޑިއުލް އަށް މިދިޔަ ސީޒަންގައި ދިމާވި މައްސަލަތަކާ ގުޅިގެން، އަންނަ ސީޒަންގައި ކޮވިޑާ ގުޅިގެން މެޗުތައް ފަސްކުރުމަށް އަމަލުކުރަމުންދާ އުސޫލު ޕްރިމިއާ ލީގުން ވަނީ ހަރުކަށިކޮށްފަ އެވެ.
ޕްރިމިއާ ލީގުން ބުނީ އަންނަ ސީޒަނަގައި ކޮވިޑާ ގުޅިގެން މެޗެއް ފަސްކުރާނީ "ވަރަށް ހާއްސަ ހާލަތެއް" މެދުވެރިގެން ކަމަށެވެ. އަދި މެޗެއް ފަސްކުރުމަށް ކްލަބަކުން އެދުމުގެ ކުރިން، މެޗު ކުރިއަށް ގެންދިއުމުގެ މަގެއް ފެނޭތޯ "ކުރެވެން އޮތް ހުރިހާ ކަމެއް" ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ކަނޑައަޅަފައި އޮތް ހާއްސަ އުސޫލުތައް ބޭނުންކޮށް، މިދިޔަ ސީޒަންގައި މެޗުތައް ފަސްކުރުމަށް ބައެއް ކްލަބުތަކުން ނާޖައިޒު ފައިދާ ނަގާފައިވާ ކަމަށް ބުނެ، ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.
ކޮވިޑާ ގުޅިގެން އިންގްލެންޑްގައި އަޅާފައިވާ އޮތް ފިޔަވަޅުތައް ލުއިކޮށްފައިވާއިރު، ކުރިއަށް އޮތް ސީޒަންގެ މެޗުތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަކީ ޕްރިމިއާ ލީގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.
ޕްރިމިއާ ލީގުން އަންނަ ސީޒަނަށް މެޗު ފަސްކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ސްކޮޑް ލިސްޓުގައި ހިމެނޭ 10 ކުޅުންތެރިންނާއި ގޯލްކީޕަރެއް ނުވަތަ، ކޮންޓުރެކްޓްގައި ތިބި 15 ކުޅުންތެރިންނާއި ގޯލްކީޕަރެއް ކްލަބެއްގައި ކުޅެވޭ ގޮތަށް ތިބި ނަމަ، މެޗު ފަސްނުކޮށް އެ މެޗު ކުޅެންޖެހޭނެ އެވެ. އިންޖަރީގައި ކުޅުންތެރިއެއް ހުރި ނަމަ، އެ ކުޅުންތެރިންގެ އިންޖަރީއާ ގުޅޭ ލިޔެކިއުންތައް ހުށަހަޅަންޖެހެ އެވެ. ކުޅުންތެރިއެއް ޕޮޒިޓިވްވެއްޖެ ނަމަ، އަލާމާތްތައް ފެންނަން ފެށި ދުވަހާއި ޕޮޒިޓިވް ޓެސްޓާ ގުޅޭ ލިޔެކިއުންތައް ހުށަހަޅަންޖެހެ އެވެ.
"މެޗެއް ފަސްކުރެވޭނީ ވަރަށް ހާއްސަ ހާލަތެއް މެދުވެރިވެގެން،" ޕްރިމިއާ ލީގުން ބުންޏެވެ. -- ބީބީސީ












