ބާންލީ (ޖޫން 14) - މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ބާންލީގެ ކޯޗުކަމާ މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު، ވިންސެންޓް ކޮމްޕެނީ ހަވާލުވެއްޖެ އެވެ.
ބާންލީގެ ކޯޗުކަމާ ކޮމްޕެނީ، 36، ހަވާލުވި މުއްދަތެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެ އެވެ. ކޮމްޕެނީ މިދިޔަ ދެ އަހަރު ހުރީ އަންޑަލެކްޓްގެ ކޯޗަކަށެވެ. އޭނާ މިދިޔަ މެއި މަހު އެ ޓީމުގެ ވަޒީފާ ދޫކޮށްލީ، ދެ ފަރާތް އެއްބަސްވެގެންނެވެ. މިދިޔަ ސީޒަނުގައި އަންޑަލެކްޓް ނިންމީ ބެލްޖިއަމް ލީގުގެ ތިން ވަނައިގަ އެވެ.
"މި ޗެލެންޖް އަހަންނަށް ވަރަށް ޝައުގުވެރި، ބާންލީ އަކީ އިނގިރޭސި ފުޓްބޯޅައިގެ ތާރިހެއް އޮތް ކްލަބެއް. މި ފަދަ ޓީމެއްގެ ކޯޗަކަށް ހުރުމުގެ ފުރުސަތު ލިބުނީތީ އުފާކުރަން،" މިދިޔަ 10 އަހަރު ތެރޭ ޕްރިމިއާ ލީގުގައި ކުޅުނު އެންމެ މޮޅު އެއް ޑިފެންޑަރު، ކޮމްޕެނީ ބުންޏެވެ.
ހަތް އަހަރަށް ފަހު ބާންލީ ޕްރިމިއާ ލީގުން ރެލިގޭޓްވީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ފަހު ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވުމުންނެވެ.
ސިޓީ އަށް 11 އަހަރު ކުޅެދިން ކޮމްޕެނީ، ވަނީ 2019 ވަނަ އަހަރު ކުޅުންތެރިއަކާ ކޯޗެއްގެ ވަޒީފާއާ އެކު އަލުން އަންޑަލެކްޓަށް ބަދަލުވެފަ އެވެ. ފުލް ޓައިމް ކޯޗެއްގެ ގޮތުގައި 2020 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިދިޔަ ސީޒަނުގެ ނިޔަލަށް އަންޑަލެކްޓަށް ކޮމްޕެނީ ކޯޗުކޮށްދިނެވެ.
ބާންލީ އަށް 10 އަހަރު ދުވަހު ކޯޗުކޮށްދިން ޝޯން ޑައިޝް ވަނީ މިދިޔަ އޭޕްރީލް މަހު މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން ވަގުތީ ކޯޗެއްގެ ގޮތުގައި ބާންލީ އަށް އިރުޝާދުދިނީ މައިކް ޖެކްސަން އެވެ. ނިސްބަތުން ރަނގަޅު މަސައްކަތެއް ޖެކްސަން ކުރި ނަމަވެސް އެ ޓީމު ރެލިގޭޓްވުމުން ސަލާމަތް ނުކޮށްދެވުނެވެ.
ކޮމްޕެނީ، ބާންލީ ކޯޗުކަމަށް ގެނައިއިރު، އެ ޓީމު އޮތީ މާލީ ގޮތުން ނުރަނގަޅު ހާލަތެއްގަ އެވެ. ބާންލީން ވަނީ އެ ޓީމުގެ މާލީ ހާލަތު ރަނގަޅުކުރަން، އެމެރިކާގެ ފިނޭންސް ހޯލްޑިން ކޮމްޕެނީ، އެމްއެސްޑީ ހޯލްޑިންސް އިން 78 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. ޕްރިމިއާ ލީގުގައި ދެމި އޮތްނަމަ ބާންލީގެ އެ ލޯން މަޑުޖައްސާލުމުގެ އިހުތިޔާރެއް އޮތެވެ. އެކަމަކު، ރެލިގޭޓްވުމުން މި މަހުގެ ނިޔަލަށް 50 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.












