އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް އޮފިޝަލުންތަކެއް ކީރިތި ރަސޫލާ އަށް ފުރައްސާކުރުމާ ގުޅިގެން ނުރުހުން ފާޅުކޮށް މުޒާހަރާ ކުރި އުއްތަރު ޕްރަދޭޝްއަށް ނިސްބަތްވާ މުސްލިމުންތަކެއްގެ ގެތައް އެ ގައުމުގެ އިދާރާތަކުން ބިމާ ހާމަކޮށްފި އެވެ.
ބައެއް ސްޓޭޓުތަކުގައި ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން، އުއްތަރު ޕްރަދޭޝްގެ މުޒާހަރާތަކުގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި، ދެ ޒުވާނަކު މަރުވެ 30 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ލިބުނެވެ.

އެ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ތިން މީހެއްގެ ގެތައް ބިމާ ހަމަކުރިއިރު އިދާރާތަކުން ބުނަނީ އެއީ ހުއްދަ ނުހޯދައި ހަދާފައިވާ އިމާރާތްތަކެއް ކަމަށެވެ. ނަމަވެސް، އެ ތުހުމަތުތައް އެ މީހުން ދޮގުކުރެ އެވެ.
މުޒާހަރާތަކާ ގުޅިގެން ބައެއް ސްޓޭޓުތަކުގައި ކާފިއު އިއުލާނުކޮށް ބައެއް ސަރަހައްދުތަކުން އިންޓަނެޓުގެ ހިދުމަތް ވެސް މެދުކަނޑާލި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް އެ މައްސަލައާ ގުޅިގެން ދަނީ އަޑު އުފުލަމުންނެވެ. ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދިވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމާ ގުޅިގެން އިންޑިއާގެ ގިނަ އަދަދެއްގެ މުސްލިމުން އަންނަނީ މޯދީއަށް ފާޑުކިޔަމުންނެވެ.










