ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ، ޝަމްހާ އަހުމަދު, ރާއްޖޭގެ ދުވުމުގެ ފަސް ކިލޯމީޓަރު ރެކޯޑް އިއްޔެ މުގުރާލައިފި އެވެ.
ސަމްހާ ވަނީ ފަސް ކިލޯމީޓަރުގެ މި ރެކޯޑް 2017 ވަނަ އަހަރު ވެސް ހަދައިފަ އެވެ. ސަމްހާގެ ރެކޯޑް މުގުރާލީ މި އަހަރު ޔޫއޭއީގައި އޮތް އިވެންޓެއްގައި އަރަމުން އަންނަ ދުވުންތެރިޔާ، އާމިނަތު ޖާއިޝާ ޖުނީޒް އެވެ. އޭނާގެ ޓައިމިން އަކީ 20 މިނިޓް 26 ސިކުންތެވެ. ޝަމްހާ އެ ރެކޯޑް މުގުރާލީ އިއްޔެ، ޖަރުމަނުގައި ބޭއްވި ރޭހުގެ ފަސް ކިލޯމީޓަރު ބައި، 20 މިނިޓް 8 ސިކުންތުން ނިންމައިގެންނެވެ.
ސަމްހާ މި ރެކޯޑް މުގުރާލިއިރު، އޭނާ ދިގު ރާސްތާ ދުވުމުގެ ޓްރެއިނިންތައް ފަހަކަށް އައިސް ކުރިއަށް ގެންދަނީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮތް، ނަސްރުﷲ އަހުމަދުއާ އެކު އެވެ.
ނަސްރުއާ އެކު ތިން މަސް ދުވަހުގެ ޓްރެއިނިން ފުރިހަމަ ކުރުމަށް ފަހު، ރެކޯޑަކާ ހަމައަށް ދިއުމުން ސަމްހާ ހުރީ ހިތްހަމަޖެހިފަ އެވެ. އެކަމަކު، އެހާ ހިސާބުން މަޑުޖައްސާލަން ސަމްހާ ބޭނުމެއް ނޫނެވެ.
"މިއީ 2022 ވަނަ އަހަރު އަހަރެންގެ ފުރަތަމަ ފަސް ކިލޯމީޓަރު ރޭސް. މެރަތަން ރަނާސް އާއި ނަސްރު އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތިން މަސް ދުވަހުގެ ވަރަށް އުނދަގޫ ޓްރެއިނިން އަށް ފަހު އަހަރެން އުންމީދުކުރީ 20 މިނިޓަށް ވުރެ އަވަހަށް ރޭސް ނިންމަން," މި ވަގުތު ޖަރުމަނުގައި ދިރިއުޅެމުން އަންނަ ސަމްހާ، 40، ބުންޏެވެ.
"އަލްހަމްދުލިއްލާހި، ދެން ފަހަރަކުން،"
ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ދުވުމުގެ ރެކޯޑް އޮތީ ޝަމްހާ އަތުގަ އެވެ. އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް ކަމަށްވާ 12:27 ސިކުންތަކީ ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާ ދުވި ރޭހުގެ ނަތީޖާ އެވެ.











