ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 12) - އެމެރިކާގެ އަންހެނެެއް ކަމަށްވާ, ކެތަރިން މަޔޯގާ ރޭޕު ކުރިކަމަށް ތުހުމަތުކޮށް ކުރިއަށް ގެންދިޔަ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްސަަލަ އެމެރިކާގެ ކޯޓުން ބޭރުކޮށްލައިފި އެެވެ.
ރޮނާލްޑޯ، 37، ގެ މައްޗަށް އެމެރިކާގެ ކުރީގެ މޮޑެލް، ކެތަރިން ކުރި ރޭޕުގެ ތުހުމަތުގެ ތަހުގީގު ގިނަ އަހަރުތަކެއް ވަންދެން އެމެރިކާ ކޯޓުގައި ދެމި އޮތެވެ. އެންމެ ފަހުން އެ މައްސަލައިގެ ކަންކަން ވައިގައި ހިފީ 2018 ވަަނަ އަހަރުން ފެށިގެންނެވެ.
އެމެރިކާގެ ސިޓީ، ލަސް ވެގަސްގެ ހޮޓަލެއްގައި 2009 ވަނަ އަހަރުގެ ޖޫން މަހު ކެތަރިން ރޭޕްކުރި ކަމަށް ބުނެ، އޭނާ ކުރާ ތުހުމަތުތައް ރޮނާލްޑޯ ވަނީ ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. ކެތަރިން ބުނީ ރޭޕުގެ ވާހަކަތައް ސިއްރުކުރަން އޭނާ ލައްވައި 2010 ވަނަ އަހަރު ރޮނާލްޑޯގެ ގާނޫނީ ވަކީލުންގެ ޓީމަކުން މަޖުބޫރުން ލިޔުމެއްގައި ސޮއިކުރުވާފައިވާ ކަމަށެވެ.
އެ ފަހަރު ކެތަރިން އެ ވާހަކަތައް ނުދައްކާ ގޮތަށް އެއްބަސްވެ، 375،000 ޑޮލަރު ނަގާފައިވާ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ވާހަކަތައް އެމެރިކާގެ ނޫސްތަކުން ވެސް ރިޕޯޓްކޮށްފައިވެ އެވެ.
އެކަމަކު، ކެތަރިންގެ ވަކީލް 2018 ވަނަ އަހަރު ބުނީ އަހަރުތަކެއް ފަހުން، ރޭޕްގެ މި ވާހަކަތައް ހާމަކުރަން ކެތަރިން އަށް ހިތްވަރުލިބުނީ ނުފޫޒުގަދަ ފިރިހެނުންގެ ފަރާތުން ކުރިމަތިވާ ޖިންސީ ފުރައްސާރަ އާއި ރޭޕާ ދެކޮޅަށް ހިންގާ "މީޓޫ" ކެމްޕެއިނުގެ ސަބަބުން ކަމަށެވެ. ކޯޓުގައި ގިނަ ހެކިތަކެއް ކެތަރިންގެ ފަރާތުން ހުށަހަޅާފައިވެ އެެވެ.
ރޮނާލްޑޯގެ ގާނޫނީ ޓީމުން ބުނީ މިއީ ކެތަރިން ރޮނާލްޑޯ އަތުން ކަމެއް ހޯދަން އަލުން ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށެވެ.
އެ ހުރިހާ ކަމެއް ކުރިއަށް ދަނިކޮށް، މިދިޔަ ހުކުރު ދުވަހު ރޮނާލްޑޯގެ މި ރޭޕްގެ ތުހުމަތުގެ މައްސަލަ ކޯޓުން ބޭރުކޮށްލި އެވެ.
ކޯޓުން އެ ގޮތަށް ނިންމަން ޖެހުނީ ކެތަރިންގެ ވަކީލު ބަރޯސާވެގެން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވަނީ މީހެއްގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ ލިޔެކިޔުންތަކަކުން ވައްކަން ކޮށްގެން ކަމަށްވާތީ އެވެ. އަދި، އެ ފަދަ ކަންކަމުގެ މައްޗަށް ބިނާވެ އޮވެ، ރޭޕްގެ ތުހުމަތުގެ މި ފަދަ މައްސަލައެއް ކޯޓުގައި ކުރިއަށް ނުގެންދެވޭނެތީ ކަމަށް ކޯޓަށް ގަބޫލުކުރެވުނީ އެވެ.
ރޭޕްގެ ތުހުމަތާއި ކޯޓުގައި މައްސަލައެއް އޮތުމުން ރޮނާލްޑޯ އަށް 2019 ވަނަ އަހަރު ޔުވެންޓަސް އިން އެމެރިކާގައި ކުރިއަށްދިޔަ ޕްރީ ސީޒަން ޓްރެއިނިން ޓުއާގައި ބައިވެރިނުވެވުނެވެ.












