އާޓް ގެލެރީގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްދާ "ތުރޫ ދަ އައިސް އޮފް ވެން ގޯ" މައުރަޒު ގައި އެ ގެލެރީ ހާއްސަކޮށްފައިވާ މަޝްހޫރު އިންގިލާބީ ކުރެހުންތެރިޔާ ވިންސެންޓް ވެން ގޯ ގެ އަސްލު ކުރެހުމެއްގެ ޕްރިންޓެއް ބަހައްޓައިފި އެވެ.
އެ ޕްރިންޓަކީ 1890 ވަނަ އަހަރު "އާމަންޑް ބްލޮސޮމް" ގެ ނަމުގައި ވެން ގޯ ކުރަހާފައިވާ ކުރެހުމެކެވެ. އޮރިޖިނަލް ކުރެހުން މިހާރު ހުރީ ނެދަލެންޑްސްގެ އެމްސްޓަޑަމްގައި ހުންނަ ވެން ގޯ މިއުޒިއަމްގަ އެވެ. 'މިއުސް' އިން މިހާރު ކުރިއަށް ގެންދާ މައުރަޒުގައި ބަހައްޓާފައިވާ ޕްރިންޓަކީ ސީދާ އެ މިއުޒިއަމުން ގެނެސް ބަހައްޓާފައިވާ ޕްރިންޓެކެވެ.
އޮއިލް ޕެއިންޓުން ކުރަހާފައިވާ އެ ކުރެހުމުގައި ފެންނަނީ ރަބީއު މޫސުން ފެށޭއިރު ޖަޕާނަށް އަންނަ 'ޗެރީ ބްލޮސޮމް'އާ އެއްގޮތް މަންޒަރެކެވެ. ވެން ގޯގެ އެ ކުރެހުމަކީ އޭނާގެ ބޭބެ ތިއޯ އާއި ފަހަރި އަށް ފިރިހެން ދަރިއަކު ލިބުމުން އެ އާއިލާ އަށް ހަދިޔާކުރި ކުރެހުމެކެވެ.
ވެން ގޯ އަކީ ދުނިޔެ ދުށް އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ކުރެހުންތެރިންގެ ތެރޭގައި ހިމެނޭ އާޓިސްޓެކެވެ. އޭނާގެ ކުރެހުންތަކުން އިންސްޕަޔާވެގެން ބޭއްވި 'ތުރޫ ދަ އައިސް އޮފް ވެން ގޯ' ގައި ޖުމްލަ 80 އަށްވުރެ ގިނަ އާޓިސްޓުންގެ ހުނަރު ދައްކާލަން ވަނީ ބަހައްޓާފަ އެވެ.
މައުރަޒަށް އިއްޔެއާ ހަމައަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވެ އެވެ. ކުރިން ތާރީހު ހަމަޖައްސާފައި އޮތް ގޮތުން އިއްޔެއަށް މައުރަޒު ނިންމާނެ އެވެ. އެކަމަކު އާންމުންގެ ތަރުހީބު ބޮޑުވެ، މުއްދަތު އިތުރުކުރަން އައި ގިނަ ރިކުއެސްޓް ތަކާ އެކު 11 ވަނަ ދުވަހާ ހަމައަށް މައުރަޒު ކުރިއަށްދާނެ އެވެ.










