ގދ. ތިނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށައިފި އެވެ.
އެ ސެންޓަރު ހުޅުވާފައި ވަނީ ތިނަދޫ ބަނދަރު ސަރަހައްދުގަ އެވެ. އެ ސެންޓަރުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް އެ ރަށުގެ ރައްޔިތުންނަށާއި ރަށާށް ޒިޔާރަތްކުރާ މީހުންނަށް ލިބޭނެ އެވެ.
ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތުގެ އިތުރުން ގދ ތިނަދޫ ކައުންސިލްގެ ރައީސް ޝަހުދު އަލީ އެވެ.
ތިނަދޫއަކީ އެކި ބޭނުންތަކަށް އެކި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ރަށެކެވެ. އަދި މަސްވެރިންވެސް އެކި ބޭނުންތަކަށް އަބަދުމަ ބަނދަރު ކުރާ ރަށެކެވެ. އެހެންކަމުން ތިނަދޫ ބަނދަރުގައި މި ހުޅުވުނު ސެންޓަރަކީ މި ހުރިހާ ފަރާތްތަކަށް ލުއި ފަސޭހަކަން ގެނެސްދޭނެ ސެލްފަ ސާވިސް ސެންޓަރަކަށް ވެގެން ދާނެ އެވެ.
ގދ ތިނަދޫއަކީ މިވަގުތުވެސް އެމްއައިބީގެ ބްރާންޗެއް ހިންގަމުންދާ ރަށެކެވެ. މި ބްރާންޗު މެދުވެރިކޮށް އެމްއައިބީއިން ދަނީ ގދ އަދި ގއ ގެ ރަށްތަކަށް ހިދުމަތް ދެމުންނެވެ.











