އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ގެ މިއަހަރުގެ ކޮންގްރެސްގައި ބައިވެރިވެ ނޫސްވެރިންއަށް ކުރިމަތިވެފައިވާ މައްސަލަތަކާ މެދު މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އަޑުއުފުލައިފި އެވެ.
މެއި 31 އިން ޖޫން 3 އަށް އޮމާންގެ ވެރިރަށް މަސްކަޓުގައި ބޭއްވި އައިއެފްޖޭގެ ކޮންގްރެސްގައި އެމްޖޭއޭ ތަމްސީލުކުރީ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރު އަދި ނޫސްވެރިޔާ މުހައްމަދު ޖުނައިދު އެވެ.
ރާއްޖޭގެ ނޫސްވެރިންނަށް މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު ހިއްސާކޮށް އެކަންކަން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް އެމްޖޭއޭ އިން ވަނީ މި ކޮންގްރެސްގެ ތެރެއިން ގެނެސްފަ އެވެ.
އޭގެ އެ ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކާއި ކުރަން ރާވާފައިވާ ކަންކަން އަދި އެމްޖޭއޭގެ ހަރަކާތްތަކާއި އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށް އެމްޖޭއޭ އިން ބުނެ އެވެ.
ހަމައެހެންމެ، މި ކޮންގްރެސްގެ ތެރެއިން އެމްޖޭއޭ އިން ވަނީ އައިއެފްޖޭގެ ދާއިމީ މެމްބަރަކަށް ވުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.

އަދި، އޭޝިޔާ އާއި އޭޝިޔާ ޕެސިފިކް ގައުމުތަކުގެ ނޫސްވެރިން ތަމްސީލް ކުރާ ޖަމްއިއްޔާތައް އެކުވެގެން ވަނީ "ފެޑެރޭޝަން އޮފް އޭޝިޔާ ޕެސިފިކް ޖާނަލިސްޓްސް" ޔޫނިއަން އުފައްދާފަ އެވެ. އެ ޔޫނިއަންގައި އެމްޖޭއޭ ހިމެނެ އެވެ.
ނޫސްވެރިންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އައިއެފްޖޭގެ ދާއިމީ މެންބަރު ޖަމްއިއްޔާތަކުން، އެ ކޮންގްރެސްއަށް ހުށަހެޅި ގަރާރުތަކަށް ރާއްޖެއިން ވަނީ ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ.
ވަކިން ހާއްސަކޮށް ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް ދިނުމަށް އެދި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް، ޕަލަސްތީނިއަން ޖާނަލިސްޓް ސިންޑިކޭޓް (ޕީއެސްއައި) އާއި އައިއެފްޖޭ އަދި އައިސީޖޭޕީ އިން ހުށަހަޅާ މައްސަލައަށް އެމްޖޭއޭ ތާއީދުކޮށް ވާހަކަ ދެއްކި އެވެ.
އެ ކޮންގްރެސްގައި ބޭއްވި އައިއެފްޖޭގެ ހިންގާ ކޮމިޓީގެ އިންތިހާބުގައި އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީއަށް އަލަށް އިންތިހާބުވި ފަރާތްތަކާ ރަސްމީކޮށް ބައްދަލުކޮށް އެމްޖޭއޭއިން ވަނީ މަރުހަބާ ކިޔައި، ނޫސްވެރިންގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
މިއީ ކޮންމެ އަހަރަކު އެއް ފަހަރު އައިއެފްޖޭ އިން ބާއްވާ ކޮންގްރެސްއެކެވެ. އެގޮތުން، މިއަހަރުގެ ކޮންގްރެސްގައި ދުނިޔޭގެ 99 ގައުމަކުން 200 އަށްވުރެ ގިނަ ނޫސްވެރިންނާއި މީޑިއާ ތަމްސީލުކުރާ މީހުން ބައިވެރިވި އެވެ.
އައިއެފްޖޭ ވުޖޫދަށް އައީ 1926 ގަ އެވެ. އެ ފެޑެރޭޝަނަކީ 140 ގައުމަކަށް ނިސްބަތްވާ 187 ނޫސްވެރިންގެ ޔޫނިއަންތަކާއި، ޖަމިއްޔާ ޖަމާއަތްތައް ތަމްސީލުކުރާ ފެޑެރޭޝަނެކެވެ. މިއީ ނޫސްވެރިންގެ ޖަމިއްޔާތައް ތަމްސީލްކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޖަމިއްޔާ އެވެ.











