ހުޅުމާލޭ ފޭސް ޓޫ ގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓު ބަލާލުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލަން އެ ކޯޕަރޭޝަނުން ނިންމައިފި އެވެ.
އެ ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފްލެޓުތަކަށް ފައިސާ ދެއްކޭނެ ގޮތްތަކާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ފްލެޓުގެ "މޮކްއަޕް" އެޕާޓްމެންޓު ދައްކާލުން ވެސް މީގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފަ އެވެ.
މިއަހަރުގެ ޖުލައި މަހަށް ނިންމަން އަމާޒު ހިފާފައިވާ މި ފްލެޓްތައް އާންމުންނަށް ވިއްކަން ހުޅުވާނެ ތާރީހެއް އެޗްޑީސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ވިނަރެސްއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޗްޑީސީން ކުރިޔަށް ގެންދާ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެކެވެ.

އެއީ މެދު މިނުގެ ފުދުންތެރިކަން ހުރި އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން، ފިނިޝިން އާއި އިންޓީރިއާ ނިންމާފައި ހަވާލުކުރާ ފެންވަރު ރަނގަޅު ފްލެޓްތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓާއި، އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ހާއްސަ ކޮމާޝަލް ޔުނިޓުތައް ހިމެނެ އެވެ.











