މިދިޔަ އަހަރުގެ ތެރޭގައި ދައުލަތަށް ދައްކަންޖެހޭ ޓެކްސްގެ އިތުރުން ސަރުކާރުގެ ހިއްސާއަށްވާ ފައިދާގެ ގޮތުގައި 674 މިލިއަން ރުފިޔާ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދައްކާފައިވާ ކަމަށް އެ ބޭންކުން މިރޭ ބުނެފި އެވެ.
މިހާރު ކުރިއަށްދާ ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ބޭންކުގެ ފައިދާ 470 ޕަސަންޓް އިތުރުވެ، 1.9 ބިލިއަން ރުފިޔާއަށް މިދިޔަ އަހަރު އަރާފައިވާ ކަމަށެވެ.
އެއާއެކު، ޓެކްސްގެ ގޮތުގައި ދައުލަތަށް ބީއެމްއެލްއިން 543 މިލިއަން ރުފިޔާއިން ދައްކާފައިވާއިރު، ހިއްސާގެ ފައިދާގެ ގޮތުގައި އިތުރު 131 މިލިއަން ރުފިޔާ ލިބިފައިވާ ކަން ސޯޔާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެނާ [ބީއެމްއެލް] ނުލައި ދައުލަތުގެ ހަރަދުތައް ކުރަން އިތުރަށް ދަތިވާނެ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ކާމިޔާބީގެ މަތީގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކަށް ލިބުނު ފައިދާ މިދިޔަ އަހަރާ އަޅާބަލާއިރު ދެ ގުނަ އިތުރުވެ، 554 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ސޯޔާ ވިދާޅުވި އެވެ.
ގައުމު އެންމެ ބޭނުންވި ވަގުތު އެހީވީ ބީއެމްއެލްއިން
ސޯޔާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ގައުމަށް ކުރިމަތިވި މާލީ އަދި އިގުތިސޯދީ ހާލަތުން އަރައިގަތުމަށް ބީއެމްއެލްއިން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
މިގޮތުން، ކުރިމަތިވި ދަތިކަމުގެ ތެރޭގައި ވެސް ލޯނު ދޫކުރުމާއި އެހެނިހެން ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން އެކަން މެނޭޖުކުރި ގޮތުގެ ކޭސް ސްޓަޑީއެއް ހަދަން ބައިނަލްއަގުވާމީ ގިނަ ފަރާތްތަކުން ވަނީ އެދިފައި. އެ ފަރާތްތަކުން އޭރު ގަބޫލު ނުކުރޭ މިކަން ކުރެވިދާނެ ކަމަށް،" ސޯޔާ ވިދާޅުވި އެވެ.
"ގައުމަށް އެންމެ ބޭނުންޖެހުނު ވަގުތުގައި، ބީއެމްއެލްއިން ވަރުގަދައަށް ތެދުވެ، ގައުމަށް ކުރިމަތިވި އިގުތިސޯދީ ނުރައްކަލުން އަރައިގަންނަން އެހީވެދީފައި،" އޭނާ ވިދާޅުވި އެވެ.
ހިދުމަތުގެ ފެންވަރު ރަނގަޅުކުރަންޖެހޭ
ބީއެމްއެލްއިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރަންޖެހޭ ކަމަށް ސޯޔާ ގަބޫލުކުރައްވަ އެވެ.
އެއާއެކު ފާއިތުވި އަހަރުގެ ތެރޭގައި އެކަން ރަނގަޅު ކުރަން ކުރެވުނު މަސައްކަތްތަކަށް ވެސް އޭނާ ވަނީ އަލިއަޅުވައިލައްވައިފަ އެވެ.
މިގޮތުން، 2019 ވަނަ އަހަރު ބީއެމްއެލްއިން 661،000 ކޯލްތަކަށް ޖަވާބު ދެވިފައިވާއިރު އެ އަދަދު 2021ގެ ނިޔަލަށް 837،000 އަށް އަރާފައިވާ ކަމަށް ސޯޔާ ވިދާޅުވި އެވެ.
އަދި 2021 ވަނަ އަހަރުގެ ފަހު ތިން މަހަށް ތައާރަފްކުރި އޮންލައިން ޗެޓު ހިދުމަތުން 20،000 ކަސްޓަމަރުންނަށް ޖަވާބު ދެވިފައިވާއިރު، 2019 ވަނަ އަހަރު ޖަވާބު ދެވުނު 71،000 އިމެއިލްއާ އަޅާބަލާއިރު މިދިޔަ އަހަރު އެ އަދަދު ހުރީ 249،000 ގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"2019 ވަނަ އަހަރުގެ ނިޔަލަށް ބޭންކުގެ ސްކޯ ހުރީ މައިނަސް 15 ގައި. އޭގެ މާނައަކީ އަޅުގަނޑުމެންގެ ހިދުމަތްތަކާމެދު ކަސްޓަމަރުން ހިތްހަމަނުޖެހޭކަން. އެކަމަކު މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް އެ ސްކޯ ވަނީ ޕްލަސް 29 އަށް އުފުލިފައި. އޭގެ މާނައަކީ އަޅުގަނޑުމެނާ މެދު ކަސްޓަމަރުން ހިތްހަމަޖެހުނަސް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ގަބޫލުކުރުން. އެކަމަށް ހަމަ ގައިމުވެސް މަސައްކަތް ކުރާނަން،" ސޯޔާ ޔަގީންކަން ދެއްވި އެވެ.
ބޭރުގެ މުއާމަލާތްތައް ކުރުމުގައި ހުރި ދަތިކަން
ކޮވިޑުގެ ބަލިމަޑިކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގުތިސޯދީ ހީނަރުކަމުގައި ޑޮލަރު ލިބުން ތާށިވުމާއެކު ބޭރުގެ މާލީ މުއާމަލާތްތައް ކުރުމުގައި ހުރި ހިފެހެއްޓުންތަކުން ކަސްޓަމަރުންގެ މާޔޫސްކަން ސޯޔާ ގަބޫލުކުރައްވަ އެވެ.
ނަމަވެސް، ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ދޭ ހަމައެކަނި ބޭންކަކީ ބީއެމްއެލްކަން ފާހަގަކުރައްވައި ސޯޔާ ވިދާޅުވީ އެ ހިފެހެއްޓުންތައް އަޅަންޖެހިފައިވަނީ ގައުމުގެ އިގުތިސޯދީ ހާލަތު ހުރި ގޮތުން ކަމަށެވެ.
މިގޮތުން، ކަސްޓަމަރުންގެ ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ފަހިކޮށްދޭން، ކޮންމެ މަހަކު 20 މިލިއަން އެމެރިކާ ޑޮލަރު ބޭންކުން ހޭދަކުރާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.
"މި 20 މިލިއަން ޑޮލަރަށް އަޅުގަނޑަށް ލިބޭ ޝުކުރުގެ އަދަދަކީ ސުމެއް. އެކަމަކު އަޅުގަނޑަށް ލިބޭ ޝަކުވާ އުޅެނީ 100 އަށް ވުރެ މަތީގައި. މީގެ ފަހަތުގައި އޮތީ ގައުމުގެ އިގުތިސޯދީ ހާލަތު،" ސޯޔާ ވިދާޅުވި އެވެ.
ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އެކަމަށް އެދެވިގެންވާ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.










