ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ހަދާ ކޮންމެ ގާނޫނަކާ ހެން ފުރަތަމަ ދެކޮޅު ހެދުމަކީ ވަރަށް ގިނަ ގައުމުތަކުގައި ކަން ހިނގާ ގޮތެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އެކަމުން މާލީ ގެއްލުމެއް ކުރިމަތިވާ ކަމަށް މީހުންނަށް އިހުސާސްވުމެވެ. ވިޔަފާރިތަކުން ފެށިގެން ފަރުދުންނާ ހަމަައަށް ވެސް ކަންހުރީ މިހެނެވެ. ރާއްޖެއަށް އަލަށް ތައާރަފްކުރަން އުޅޭ ކުނި މެނޭޖްކުރުމުގެ ގާނޫނާ މެދު މިހާރު ދެކެވޭ ވާހަކަތައް ހުރީ މި ފަދަ ގޮތަކަށެވެ.
ތިމާވެށްޓަށް ބޮޑެތި ގެއްލުންތައް ލިބޭ ގޮތަށް ކުރަމުން އަންނަ ގިނަ ކަންތައްތަކެއް ހުއްޓުވަން މަގުފަހިވާ ގޮތަށް ހަދާ އެގާނޫނުގެ ބިލުން މީހުންގެ ސަމާލުކަމަށް އަައިސްގެން އުޅެނީ ހިތުހުރި ވަރަކަށް ޕްލާސްޓިކް ކޮތަޅު ގެންގުޅެން ހުރަސް އެޅުމަށްޓަކައި ހިމަނާފައިވާ ކުޑަ ތަންކޮޅެކެވެ. ވަރަށް ތަފްސީލުކޮށް އެކުލަވައިލާފައިވާ އެ ބިލުން މީހުންގެ ލޮލުގައި އަޅައިގަތީ ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމުގެ ވާހަކަ އެވެ.
ފުރަތަމަ ފަށާއިރު އެއީ ބުރަޔަކަށް ވެސް ދާނެ އެވެ. އެކަމަކު ކުނި މެނޭޖްކުރުމުގެ ބިލު ރަނގަޅަށް ބަލައިލާ އިރު އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ ވާން އޮތް ވަރަށް ރަނގަޅު ގިނަ ކަންތައްތައް އެބަހުއްޓެވެ.
ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ފަރާތްތައް ޒިންމާދާރުކުރުވުން
ރާއްޖޭގެ ރީތި ރަށްތަކުގެ ގޮނޑޮދޮށްތަކަށް ލައްގާ ކުނީގެ ބޮޑު ބަޔަކީ ރިސޯޓްތަކުން މޫދަށް އަޅާ ކުނި ކަމަށް ތުހުމަތު ކުރެވެ އެވެ. އެ ތުހުމަތަށް ބާރުލިބޭ ކިތަންމެ ކަމެއް ތަކުރާރުކޮށް ދަނީ ފެންނަމުންނެވެ. ރިސޯޓްތަކުން ކުނި ހިފައިގެން ދަތުރުކުރާ ދޯނިފަހަރުން ކަނޑަަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ވެސް މީގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުކުރި އެވެ. އެ މައްސަލަ ދެމެހެއްޓެނިވި ގޮތެއްގައި ހައްލުކުރުމަށްޓަކައި ބިލުގައި މުހިންމު ބައިތަކެއް ހިމަނާފައި އެބަހުއްޓެވެ.

އޭގެ އެއް ކަމަކީ ބިލުގެ 21 ވަނަ މާއްދާގެ (ހ) ގައިވާ ސިނާއީ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެ ޕްލޭން ތަންފީޒު ކުރުމުގެ އުސޫލުތަކެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި ބިލު ގާނޫނަކަށްވެ، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް، ކުނި މެނޭޖްކުރާނެ ޕްލޭންތައް ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކުން އެކުލަވައިލަން ޖެހެ އެވެ. އެ ގޮތުން އެކުލަވައިލާ ޕްލޭން، ކަމާ ބެހޭ އިދާރާއަށް ހުށަހަޅައި ފާސްކުރަން އެ މާއްދާގެ (ށ)އިން ލާޒިމްކުރެ އެެވެ. އެ ޕްލޭން ވާން ޖެހޭނީ ކުނި މެނޭޖްކުރުމުގެ ގައުމީ ޕްލޭނާއި ސަރަހައްދީ ޕްލޭންތަކާ އެއްގޮތަށް އެކުލަވައިލާ ޕްލޭނެއް ކަމަށް އެ މާއްދާގެ (ނ)ގައި އެބަ އޮތެވެ.
މީގެ މާނައަކީ ރިސޯޓްތަކާއި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުން، ކުނި މެނޭޖްކުރާ ގޮތް ކަމާ ބެހޭ އިދާރާތަކަށް ފަސޭހައިން ބެލޭނެ އިންތިޒާމެއް ހަމަޖެހުމެވެ. އެކަން ބެލޭނެ އިންތިޒާމެއް އޮތުމުގެ އިތުރުން ޕްލޭނާ އެއްގޮތަށް ކުނި މެނޭޖްކުރޭތޯ ބަލަން ވެސް ބިލު ގާނޫނަކަށްވުމުން، ކަމާ ބެހޭ އިދާރާއަށް ލާޒިމުވާނެ އެވެ.
ބިލުގެ 22 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން، ކުނި މެނޭޖްކުރުމުގެ ޕްލޭންތައް ތަންފީޒުކުރާކަން ކަމާ ބެހޭ މިނިސްޓްރީންނާއި އެޖެންސީން އަދި އޮތޯރިޓީން ކަށަވަރުކުރަން ޖެހޭނެ އެވެ. ބެލެވޭ ގޮތުގައި ބިލު ގާނޫނަކަށް ވާއިރު، އެކަމަށް އާ އޮތޯރިޓީއެއް އުފައްދާނެ އެވެ. ނުވަތަ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ އެ އޮތޯރިޓީ ކަމަށް ކަނޑައަޅައި އެ އެޖެންސީއަށް ބާރުތައް ދޭނެ އެވެ.
ވިޔަފާރިތައް ޒިންމާދާރުކުރުވުން
ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގޮތަކީ ރާއްޖޭގައި އުފެދޭ ކުނީގެ ހަގީގީ މަސްދަރުކަމަށްވާ ތަކެތި އުފައްދާ ފަރާތްތަކާއި އެތެރެކުރާ ފަރާތްތަކުުގެ މާބޮޑު ޒިންމާއެއް ނެތި، ކުނި މެނޭޖްކުރުމަކީ ހަމަ އެކަނި ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި އޮތުމެވެ. އެހެން އެކަން އޮތުމުން އެއީ ބޮޑު ބުރަޔަކަށްވެ، ކުނި މެނޭޖްކުރުން އޮންނަނީ ބޮއްސުން ލައިފަ އެވެ. މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ކުނި މެނޭޖްކުރުމުގެ ބިލު ގާނޫނަކަށް ވުމުން އެކަން ބަދަލުވާނެ އެވެ. ރާއްޖެއަށް ތަކެތި އެތެރެކުރާ އަދި ރާއްޖޭގައި ތަކެތި އުފައްދާ ފަރާތްތަކުން ވެސް ކުންޏަށް ޒިންމާވާން އެ ބިލުން ލާޒިމްކުރެ އެވެ.
"...ދިވެހިރާއްޖެއަށް ތަކެތި އެތެރެކުރާ އަދި ދިވެހިރާއްޖޭގައި ތަކެތި އުފައްދާ ފަރާތްތަކުން، އެތަކެތިން އުފެދޭ ކުންޏަށް ޒިންމާވާން ވާނެ އެވެ،" ބިލުގެ 16 ވަނަ މާއްދާގެ (ހ)ގައިވެ އެވެ. އެ ޒިންމާ އުފުލާނެ ގޮތް އެ މާއްދާގެ (ށ)ގައި ތަފްސީލުކޮށްފައި އެބަ އޮތެވެ. (ށ)ގެ (1)ގައިވާ ގޮތުން، ތަކެތި އެތެރެކުރާ އަދި އުފައްދާ ފަރާތްތަކުން ޒިންމާވާން ޖެހޭނެ ބާވަތްތައް ކަނޑައަަޅާނީ މިނިސްޓްރީން ހަދާ ގަވައިދަކުންނެވެ. ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ވެސް ކަނޑައަޅާނީ އެ ގަވާއިދުގަ އެވެ.
ވިޔަފާރިކުރާ ފަރާތްތަކަށް ލާޒިމުކުރާ ކަންކަމާއެކު އެފަރާތްތަކަށް ލިބޭނެ އިނާޔަތްތައް ވެސް ބިލުގައި ކަނޑައަޅާފަައި އެބަހުއްޓެވެ. އެގޮތަށް އިނާޔަތްތައް ދޭނީ އުފެދޭ ކުނި، އަގުހުރި އެއްޗަކަށް ބަދަލުކުރަން (ރީސައިކަލް ކުރަން) ކުރަން ކުރާ މަސައްކަތްތަކަށެވެ. އެ މަސައްކަތްކުރާނެ ގޮތާއި ލިބޭނެ އިނާޔަތްތައް ކަނޑައަޅައި އަމަލީ ޕްލޭނެއް، ބިލު ގާނޫނަކަށް ވުމުން ކަމާ ބެހޭ މިނިސްޓްރީން އެކުލަވައިލަން ޖެހޭނެ އެވެ.
ބިލުގެ 17 ވަނަ މާއްދާގައިވާ ގޮތުން ބިލު ގާނޫނަކަށްވާތާ އެއް އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީން އެ ޕްލޭން އެކުލަވައިލަން ޖެހޭނެ އެވެ. އެ ޕްލޭނުގެ ދަށުން އުފެއްދުންތެރިންނަށް ދޭނެ އެއް އިނާޔަތަކީ އެކްސްޕޯޓް އިމްޕޯޓް ޑިއުޓީގެ ނިޒާމުގެ ތެރެއިން ދޭނެ ލުއިތަކެކެވެ.
ބިލު ގާނޫނަކަށް ވެ، އަމަލުކުރަން ފެށުމުން މިއީ ވަރަށް ފައިދާ ބޮޑު މަފްހޫމަކަށް ވާނެ އެވެ. އެއީ ރާއްޖޭގައި ކުނި ރިސައިކަލް ކުރުމުގެ މަސައްކަތް މިހާރަށް ވުރެ ފުޅާވެ، އެ މަސައްކަތް ވެސް ބޮޑު އިންޑަސްޓްރީއަކަށް ބަދަލުވާނެތީ އެވެ. އޭރުން ތަކެތީގެ އަގުހެޔޮވުމާއި، އިތުރު ވަޒީފާތައް އުފެދުން ފަދަ ފައިދާ ހުރި އެތައް ނަތީޖާއެއް ނުކުންނާނެ އެވެ.
ކުނި މެނޭޖްކުރުމުގެ ބިލުގައިވާ ރަނގަޅު އެހެން ކަންތައްތަކުގެ ތެރޭގައި ރަށްރަށާއި ސިޓީތަކުގެ ތިމާވެށި ހިމާޔަތްކުރުމުގައި ކައުންސިލްތަކުގެ ބާރާއި ޒިންމާ ފުޅާވުމާއި، ކުނި މެނޭޖްކުރުމަށްޓަކައި ގާއިމްކުރަން ޖެހޭ އުމްރާނީ ވަސީލަތްތަކަށް އިންވެސްޓްކުރުން ސަރުކާރަށާއި ކައުންސިލްތަކަށް މަޖުބޫރުވުން ހިމެނެ އެވެ.












