ލަންޑަން (މެއި 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 2-1 އިން ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ލީގުގެ ފަހު މެޗުތަކަށްދާއިރު، މެންޗެސްޓާ ސިޓީ އެއް ވަނައިގައި އޮތީ 37 މެޗުން 90 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 37 މެޗުން ލިބިފައިވަނީ 89 ޕޮއިންޓެވެ. ލީގުގެ ފަހު މެޗުތައް އަންނަ އާދިއްތަ ދުވަހު ކުޅޭއިރު، ސިޓީ އަމިއްލަ ދަނޑުގައި ކުޅޭނީ އެސްޓަން ވިލާއާ އެވެ. އަދި ލިވަޕޫލް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ވުލްވްސްއާ އެވެ. ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް ލީގު ޔަގީންވީ އެވެ. އެކަމަކު، ސިޓީ އަށް މޮޅުނުވެވި ލިވަޕޫލް މޮޅުވެއްޖެނަމަ ޗެމްޕިއަންކަން ލިބޭނީ އެ ޓީމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ލިވަޕޫލުން ރޭގެ މެޗަށް ނުކުތްއިރު، ފުރަތަމަ އެގާރަ އަށް ވަނީ ނުވަ ބަދަލެއް ގެނެސްފަ އެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭތީ، ލިވަޕޫލުން ގިނަ ބަދަލުކުރަން މަޖުބޫރުވީ ކަމަށް ޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ބުނެފަ އެވެ.
މެޗުގެ ފެށުން ދިޔައީ ލިވަޕޫލް ބޭނުންވި ގޮތަކަށް ނޫނެވެ. ސައުތެމްޓަނުން ވަނީ 13 ވަނަ މިނިޓްގައި ނޭތަން ރެޑްމަންޑްގެ ގޯލުން ލީޑުނަގައިފަ އެވެ. މިއީ ކައުންޓަ އެޓޭކުގައި އޭރިއާ ރޮނގުކައިރިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ރެޑްމަންޑް ޖެހި ގޯލެކެވެ. ސައުތެމްޓަނުން މިކައުންޓަ އެޓޭކު ފެށިއިރު، އެ ޓީމުގެ ޑިފެންޑަރު ލިޔާންކޯ ބޯޅަ ހޯދީ ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް ފައުލުކުރުމަށް ފަހު ކަމަށް ބުނެ، ލިވަޕޫލުން ހިތްހަމަ ނުޖެހުނެވެ.
ނަތީޖާ ހަމަހަމަ ކުރަން ލިވަޕޫލުން ކުޅުން އަވަސްކޮށް ގިނަ ހަމަލާތަލެއް އުފައްދަން މަސައްކަތްކުރިއިރު، ރޮބާޓޯ ފިރްމީނޯ ބޮލުން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ލިވަޕޫލުން އެއްވަރުކުރީ 27 ވަނަ މިނިޓްގައި ޓަކޫމީ މިނަމީނޯ ޖެހި ގޯލުންނެވެ. މިއީ ޖޮޓާ ދިން ބޯޅަ އަކުން ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން މިނަމީނޯ ޖެހި ގޯލެކެެވެ. ގޯލު ޖެހުމަށް ފަހު މިނަމީނޯ އުފާފާޅު ނުކުރީ މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން އޭނާ ސައުތެމްޓަން އަށް ކުޅެފައިވާތީ އެވެ.
ލިވަޕޫލް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ދެ ވަނަ ހާފުގައި ޖޮއެލް މަޓިޕް އެވެ. މެޗުގެ 67 ވަނަ މިނިޓްގައި ލިވަޕޫލަށް ލިބުނު ކޯނަރެއްގައި ސައުތެމްޓަން ކުޅުންތެރިންނަށް ރަނގަޅަށް ޑިފެންސްނުކުރެވިގެން، މަޓިޕަށް ލިބުނު ބޯޅަ އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.












