ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާއި އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަކުރަން އުރީދޫން ހިންގާ ހަރަކާތަކުގެ ތެރޭގައި ހިމަނައިގެން، ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް އުރީދޫން ތައާރަފްކޮށްފި އެވެ.
އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފްކުރި "އިސްރަހަވެހިޕްލޭން" އަކީ، އެކުންފުނިން ބުނި ގޮތުގައި ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕްލޭނެކެވެ.
އުރީދޫ އިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕެކޭޖް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އޮނަރަބަލް ޢާއިޝަތު މުޙައްމަދު ދީދީއެވެ. "އުރީދޫގެ ސީނިއާ ސިޓިޒަން "ޕޯސްޓްޕެއިޑް" އޮފާ އާއި އެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ" މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވިއެވެ.
އައިޝަތު ދީދީ ވިދާޅުވީ އިންޓަރނެޓަކީ މިހާރު ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވެފައިވާ ކަމަށާއި ޓެކްނޮލޮޖީއަށް މިހާރު އަޅުގަނޑުމެން ބަރޯސާވެފައި މިއޮތީ ހަމައެކަނި މުވާސަލާތު ކުރުމަށް އެކަންޏެއް ނޫން، ކަމަށެވެ. މައުލޫމާތު ހޯދުމަށާއި އިގުތިސާދުދު ކުރިއެރުވުމަށާއި، ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ތަކެއް ފޯރުކޮށްދިނުމަށްވެސް ޓެކްނޮލޮޖީ މުހިންމު ރޯލެއް އަދާކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ވަރަށް މުހިންމު ކަމެކެވެ. މިއަދު މި ތައާރަފްކުރި އިސްރަށްވެހިންގެ ޕެކޭޖަކީ އުމުރުން ދުވަސްވީ މީހުނަށް ހާއްސަ ޕެކޭޖްގެ ސަބަބުން މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކުރުކޮށް އާ ފުރުސަތުތަކާ ގުޅުވައިލަދޭނެ ޕެކޭޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން." އެ ރަސްމިއްޔާތުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމްދީ ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އަލަށް ތައާރަފްކުރި ޕެކޭޖް ކަމަށްވާ "އިސްރަހަވެހިންގޭ ޕެކޭޖް" މެދުވެރިކޮށް 60 އަހަރާއި މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން %30 ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބޭނެ އެވެ. އެ ޕެކޭޖަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއަރ ގޯލްޑް މެމްބަރޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފަރތައްވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އިސް ރަށްވެހިންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމުގެ ގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު ހަލުވިކުރުމުގެ ގޮތުން، އުރީދޫން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މިއަހަރުވެސް ކުރިއަށް ގެންދާނެއެވެ. ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ތަޢާރަފްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫއިން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުދި ބޮޑު އެންމެހައި ބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުމުގައި އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން އެކުންފުނިން ދެ އެވެ.












