މިދާދުވަހު ސުޕްރީމް ކޯޓުގައި އެ ހިނގި ބަހުސް އަޑުއެހީމު ހެއްޔެވެ؟ ޖިނާއީ މައްސަލައެއްގައި ނެރޭ ކޯޓު އަމުރެއް އިސްތިއުނާފު ކުރަން ދައުލަތަށް ލިބެނީ 48 ގަޑިއިރު ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރެ އެވެ. 48 ގަޑިއިރަކީ ދެ ދުވަހެވެ. ދުވަހުން ގުނާނަމަ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނަށް ބަލާއިރު ރަސްމީ ބަންދު ދުވަސްތައް އުނިކުރެވޭނެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު ބެލިއިރު އެ މާއްދާގައި އޮތީ އަމުރު ނެރޭ ތާރީހުން ފެށިގެން 48 ގަޑިއިރުގެ ވާހަކަ އެވެ. ވަގުތު ގުނަން ފެށެނީ ތާރީހަކުންނެވެ. ގުނަންޖެހެނީ ގަޑިއިރެވެ. މި އޮޅުންބޮޅުމުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހުށިޔާރު ފަނޑިޔާރުން ދޭތެރެ ދެމެދުގެ ހައްލެއް ހޯދައި ދައްކައިދިންއިރު 'މި ގާނޫނު ހަދާފައި އޮތީ ހާދަހާ ހަމަނުޖެހޭ ބަޔެކޭ' ވިދާޅުނުވެ ދޫކޮށްލާފައި އޮތީ ކިރިޔަކިރިޔާ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަކީ މުޅި ދައުލަތުން އަމަލުކުރަންޖެހޭ އެއްޗަކަށްވާތީ އެކަން ކުރެއްވުމުގައި އެ މަޖިލީހުގެ މެންބަރުން މިހާރުވެސް ނުހަނު ފަރުވާތެރި އެވެ. ހުށަހެޅޭ ކޮންމެ ބިލެއްގެ ފުރަތަމަ ކިޔުމާއި ދެވަނަ ކިޔުން ބާއްވައި، އެ ބިލަކާ ގުޅޭ ކޮމިޓީއަކަށް ފޮނުވައި، ފަންނީ މާހިރުންނާ ބައްދަލުކޮށް ލަފާނުލަފާ އަހައި، އަލުން ކޮށައިމަށައި ނިމުނު ގޮތް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްވެގެން މެނުވީ އެއްވެސް ބިލެއް ގާނޫނަކަށް ނުވެ އެވެ. މިހުރީ ގައިމު ގާނޫނު ހަދާ މަޖިލީހަކުން އަމަލުކުރާނޭ އެންމެ ރަނގަޅު އިޖުރާއަތުތަކެވެ. މިހާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ފާސްކުރެވޭ ގާނޫނަށް އަމަލުކުރަން ފެށޭއިރު އެކިދިހަމަތިން ނުކުންނަ މައްސަލަތަކާއި ތިލަވާ ކަންބޮޑުވުންތަކުން އަލުން ގާނޫނަށް ބަލާއިރު އެ ގާނޫނު ހެދި ބޭބޭކަލުން މުއްދުބަހަން ނުޖެހި ސަލާމަތްވާނެ ގޮތެއް ނޯވެ އެވެ. މިއީ ކީއްވެގެން ވާ ކަމެއްތޯ މަޖިލީހުން ވިސްނަންޖެހެ އެވެ.
ގާނޫނުތަކުގައި ހުންނަ ކޮރުކަމަކީ ދައުލަތުގެ ނުކުޅެދުންތެރިކަމާއި ގާނޫނު ހެދި މަޖިލީހުގެ މެންބަރުންގެ ގަބިޔާކަން ރަމްޒުކޮށްދޭ ކަމަކަށް މެނުވީ ނުވާނެ އެވެ. އެކަން އެހެން ވިޔަނުދިނުމަށްޓަކައި ދުނިޔޭގައި އާޖުފާޖު ދަންނަ މީހުން އަމަލުކުރާ ގޮތްތަކެއް ހުރެ އެވެ. އޭގެ ތެރެއިން، ތަހުޒީބު ހުރިހާ ތަނެއްގައިވެސް އަމަލުކުރާ ގޮތަކީ ގާނޫނު އެކުލަވާލުމުގެ ހަމަތައް ބަޔާންކުރާ ގާނޫނެއް ނުވަތަ އުސޫލެއް ގެންގުޅުމެވެ.
އެމެރިކާގައި ގެންގުޅެނީ ޕާލަމަންޓް ކައުސެލާ ހަދާފައި އޮންނަ ޑްރާފްޓިން މެނުއަލް އެކެވެ. ވެސްޓާން އޮސްޓްރޭލިޔާގައި އޮތީ ލެޖިސްލޭޝަން އެކްޓް ކިޔާ ގާނޫނެކެވެ. ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގައި އޮތީ ޕްރިންސިޕްލްސް އޮފް ލެޖިސްލޭޓިވް ޑްރާފްޓިން އޭ ކިޔާ ގައިޑްލައިން އެކެވެ. ޖުމުލަކޮށް ދަންނަވާނަމަ، އަޅުގަނޑުމެން މިސާލަކަށް ބަލައިއުޅޭ ރަނގަޅު ރަނގަޅު ހުރިހާ ތަނެއްގައި ގާނޫނު ހަދަނީ އެކަމުގައި އަމަލުކުރާ ހަމަތައް ބަޔާންކުރާ، ދުރާލައި ތައްޔާރުކުރެވިފައި އޮންނަ އުސޫލަކަށް ބަލައިގެންނެވެ.
މި އުސޫލުތަކުގައި ބަޔާންކުރަނީ ގާނޫނުތަކުގެ އެއްގޮތްކަން ހިފެހެއްޓުމާއި، އިބާރާތްތަކާއި ބަސްމަގު އެތުރުމުގައި ބަލަންޖެހޭނޭ ކަންކަމާއި، ގާނޫނަކަށް އިސްލާހު އަންނަ ހާލަތުގައި ގާނޫނު ތަރުތީބުކުރުމުގެ އުސޫލުތަކެވެ. ކުދިކުދި އަތުކުށްތައް ރަނގަޅު ކުރާނޭ ގޮތްތަކެވެ. ގާނޫނުތައް އެމުނިއެކުލެވުމަކީ މުހިންމު ކަމެކެވެ. އޭރުން ކޮންމެ ގާނޫނެއްގައި 'އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް' އޭ ލިޔާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި، ކުރިން ގާނޫނެއްގައި ބަޔާންކޮށްފައި އޮންނަ އުސޫލެއް އުވާލާ ނަމަ، ނުވަތަ އެއާ ފުށުއަރާ އުސޫލެއް ތައާރަފްކުރާ ނަމަ، އެ ވާހަކަ އަލަށް ފާސްކުރާ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރާނީ އެވެ.
ގާނޫނާއި ގަވާއިދު ހެދުމުގައި އަމަލުކުރާނޭ އުސޫލު ނުވަތަ ގާނޫނުގައި އަންނަނިވި ބައިތައް ހިމެނެންވާނެ ކަމަށް އަޅުގަނޑުގެ ހިޔާލު ބުނެ އެވެ.
- ކޮންމެ ގާނޫނެއްގައި ގާނޫނުގެ މަގުސަދު ބަޔާންކުރާނޭ ގޮތް
- ގާނޫނެއްގައި ބަސްމަގު ގެންގުޅޭނޭ ގޮތް
- ދުވަސް، ވަގުތު، ނުވަތަ ތާރީހެއް ހިމެނޭ މާއްދާއެއްނަމަ އެ މާއްދާ ޑްރާފްޓްކުރާނެ ގޮތް.
- ތަނަކަށް، މީހަކަށް (މަގާމަކަށް) ނުވަތަ ޒަމާނަކަށް އިޝާރާތްކުރާނަމަ އިބާރާތްކުރާނެ ގޮތް.
- ކުރިން ތައާރަފްކޮށްފައިވާ އުސޫލެއް ބަދަލުކުރާނަމަ، އެ އުސޫލަކާ ހަވާލާދޭންޖެހޭނެކަން.
- ގާނޫނެއްގެ މާއްދާއަކަށް އިސްލާހެއް ގެންނަނަމަ، ނުވަތަ މާއްދާއެއް އުނިކުރާނަމަ ނަންބަރު ޖަހައި ތަރުތީބުކުރާނޭ ގޮތް.
- ގާނޫނު ފާސްކޮށް ގެޒެޓްކުރަން ފޮނުވުމުގެ ކުރިން ގާނޫނުގައި ހުންނަ އަތުކުށްތައް ރަނގަޅުކުރަން އަމަލުކުރާނޭ ގޮތާއި އެކަން ކުރުމަށް މަތިކުރެވެނީ ކޮން މަގާމެއްގައި ހުންނަ ކާކާ ކަން.
- ގާނޫނުތައް ބެލުން ފަސޭހަވާނޭ ގޮތަކަށް އާންމު ކުރަމުން ގެންދިއުމުގެ ޒިންމާއޮތީ ކޮން ފަރާތަކަށް ކަން.
މި ހިޔާލު މިއަށްވުރެ މުއްސަނދި ކުރެވޭނޭ ކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނެތެވެ.
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ ބަހެއް ނުވަތަ ލަފްޒެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތަކީ، އެއް މާނައަށްވުރެ ގިނަ މާނަ ދޭހަ ނުވާ ސާދާ ބަހަކަށް، ނުވަތަ ސާދާ ލަފްޒަކަށް، ނުވަތަ ސާދާ އިބާރާތަކަށް، ނުވަތަ ސާދާ ޖުމްލައަކަށްވާ ނަމަ، ގަބޫލުކުރަންޖެހޭ އުސޫލަކީ، ގާނޫނުގައި ބަޔާންކޮށްފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން އެކަން ބަޔާންކުރަން ބޭނުންވިގޮތަށްކަމަށެވެ. އަދި އެ ގާނޫނުން ދޭހަވާ މާނައަކީ، ރައްޔިތުންގެ މަޖިލީހުން ދޭހަކޮށްދޭން ބޭނުންވާ މާނަކަމަށެވެ. މިއީ ގާނޫނު ލާޒިމުކުރާ އުސޫލެވެ. އެހެން އޮތްކަމެއްގައި، ގާނޫނުގެ މާއްދާއެއް އިބާރާތްކުރުމުގައި ހުންނަ ކޮރުކަމުގެ ސަބަބުން ލިބިދާނޭ ގެއްލުމަކީ ފޫބެއްދޭނޭ ގެއްލުމެއް ނޫނެވެ.
ގާނޫނު އެކުލަވާލައި ނިންމާލާއިރު އޮންނާންވާނީ ކަމުފޮޅޭ ގޮތަށެވެ. ގާނޫނު ހަދާ މަޖިލީހުގެ އެތެރޭގެ އެކި މަރުހަލާތަކުގެ ތެރެއިން ފާސްވެގެން ދާއިރު، ކޮންމެ މަރުހަލާއެއްގެ ބައިވެރިވުން ދޭންޖެހޭނީ ގާނޫނުގައި ކުށެއް ނެތްކަން ކަށަވަރުކުރުމަށެވެ. މެންބަރުންނާއި ފަންނީ މާހިރުންގެ އިލްމީ ހިޔާލުތަކުން އުއްތުންކޮށްފައި އޮތް ގާނޫނެއްނަމަ ފާސްވެގެން ނުކުންނައިރު މިހާރު މިފެންނަ ކަހަލަ އައިބުތައް ފެނުން ކުޑަވާނެ އެވެ.








