އެމްޑީޕީގެ ޗެއާޕާސަން ހޮވަން މުޅި ރާއްޖޭގައި މިއަދު ނަގަމުންދާ ވޯޓަކީ އެ ޕާޓީއަށް އިންތިހާއަށް މުހިއްމު ވޯޓެކެވެ. އެއީ އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެން ހިނގާނީ ކިހިނެއްކަން ކަނޑައަޅައި، ޕާޓީގެ މުސްތަގުބަލު ކުރަހައިދޭނެ ވޯޓެވެ. 2023 ގެ އިންތިހާބުގައި އެމްޑީޕީ އަށް ވާން އޮތް ގޮތުގެ ހިސާބު ޖެހޭނީ ވެސް މި ވޯޓުގެ ނަތީޖާއިން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މިފަދަ ގިނަ ސަބަބުތަކާ ހެދި، އިންތިހާބުގެ ކެމްޕޭންތައް ވާދަވެރި އެވެ. އެ ވާދަވެރިކަމާއި ޖޯޝު، މިއަދުގެ ވޯޓުލުމުން ވެސް ފެނެ އެވެ - ފެންނަ އިތުރު ކަމެއް ވެސް އެބަ އޮތެވެ. އެމްޑީޕީ ސިޔާސީ ޕާޓީ އެއްގެ ގޮތުގައި ފުޅާވެފައި އޮތް ވަރާއި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ފުރާ ފުރިހަމަވެފައި އޮތް މިންވަރު ވެސް މެ އެވެ -
ދަރުމަވަންތަ ސްކޫލުގައި އައްޑު އަތޮޅަށް ނިސްބަތްވާ މީހުން ވޯޓު ލުމަށް ބަހައްޓާފައި ހުރި ފޮއްޓަށް ވޯޓު ލާން ދިޔަ މަރިޔަމް ފަހުމީ އާއި ޖަމާލުއްދީން ސްކޫލުގައި ގަލޮޅުގެ ރައްޔިތުންނަށް ބަހައްޓާފައި ހުރި ފޮއްޓަށް ވޯޓު ލާން ދިޔަ ޒާހިޔާ އަބްދުﷲ އާއި ޝަފީގާ ގެ ވާހަކަ އިން ވެސް ދޭހަވި އެއް ކަމަކީ މިއީ އެވެ.
ތާއީދުކުރާ ޕާޓީ މިހާރު ހިނގަމުން އަންނަ ގޮތާ މެދު އެމީހުންގެ ކަންބޮޑުވުންތައް އެބަ ހުއްޓެވެ. ޕާޓީގެ ތެރޭން އައި ވެރިކަން ހިނގަމުންދާ ގޮތާ މެދު ވެސް ޝަކުވާތަކެއް އެބަ ހުއްޓެވެ. އެކަމަކު އެމީހުން ވޯޓުލުމަށް ނުކުތީ ޕާޓީ ހަރުދަނާ ކުރުމުގައި ޗެއާޕާސަން އެއްގެ މުހިއްމު ކަމާއި އޭނާގެ މަސްއޫލިއްޔަތުގެ މުހިއްމުކަން އެނގޭތީ އާއި ތާއީދުކުރާ ޕާޓީއާ މެދު އޮތް ޒިންމާގެ މުހިއްމުކަން ދަނެގެންނެވެ.

މަރިޔަމް ފަހުމީ، ސ ހިތަދޫ: މަރިޔަމް ބުނީ ޕާޓީގެ ކުރިމަގު ކަނޑައެޅުމުގައި އޭނާގެ ދައުރު އޮތުމަކީ މުހިއްމު ކަމެއް ކަމުގައި ގަބޫލުކުރާ ކަމަށް. ވޯޓު ލުމަކީ ޒިންމާ އެއް ކަމުގައި ދެކޭ ކަމަށް.
"ޗެއާޕާސަން ގެ މަގާމަކީ މުހިއްމު މަގާމެއް. އެހެންވީމަ އެ މަގާމަށް މިހާރު ކުރިމަތިލާފައިވާ ދެ ބޭފުޅުންގެ ތެރެއިން ޕާޓީ މިހާރަށްވުރެ ރަނގަޅަށް ހިންގާނެ ބޭފުޅަކަށް ވޯޓު ދޭން ވެގެން އަޅުގަނޑު މި އައީ. އެއީ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޒިންމާ އެއް ކަމަށް ގަބޫލުކުރާތީ،" މަރިޔަމް ބުންޏެވެ.

މީކާއިލް އަހުމަދު ނަސީމް، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު: މި އިންތިހާބުގެ ވޯޓުލުން ވަރަށް މުހިއްމުކަން އޭނާ އަށް ގަބޫލުކުރެވުނު އެންމެ މައިގަނޑު އެއް ސަބަބަކީ އޭނާގެ ވޯޓަކީ އެމްޑީޕީގެ ކުރިމަގަށް އަސަރުކުރާނެ ވަރުގެ ބާރު ހުރި ވޯޓެއްކަން ގަބޫލުކުރެވިފައި އޮތުން ކަމަށް ބުނޭ
ވޯޓު ލާން ގޮސް ތިބި ގިނަ މީހުން ދިނީ އެއް ކަހަލަ ޖަވާބެކެވެ.
"ޕާޓީގެ ގިނަ ކަންތައްތައް ކުރިއަށް ދާގޮތުން ވަރަށް ފޫހިވެފައި މި ތިބީ. އެކަމަކު ކަންކަން ރަނގަޅުކުރަން ބޭނުންވަންޏާ ކަންކަން ބަދަލުކުރަން ވެސް ވޯޓު ދޭން އެބަ ޖެހޭ. އެހެންވެ މި އައީ،" ޒާހިޔާ ބުންޏެވެ.
އޭނާ އާއި އެކުގައި ނުކުތް ދެތިން މީހަކު ވެސް އެ ޖަވާބުގެ ތެރެއަށް ވަދެލައި އެއްބަސްވީ ޕާޓީގެ ކަންކަން މިހާރު ހިނގާ ގޮތުން 2023 ގައި ގެއްލުން ދައްކަފާނެ ކަމަށެވެ. އެހެން ކަމުން ޕާޓީ ރަނގަޅު މިސްރާބަކަށް ގެންދަން އެމީހުން ދޭން އައި ވޯޓުން ހެޔޮ ބަދަލު އަންނާނެ ކަމަށް އެމީހުން އުންމީދުކުރެ އެވެ.

ހަސަން އާސިފް، މާލެ: އޭނާ ވޯޓުލާން ނިކުތީ ޕާޓީގެ ކަންކަން ރަނގަޅު ކުރުމަށް
ތާއީދުކުރާ ޕާޓީއާ މެދު އޮތީ ކިހާ ވަރެއްގެ ޒިންމާ އެއްކަން އާންމު މެންބަރުންނަށް އޮޅުންފިލައި، ގަބޫލުކުރެވިފައި އޮތުމަކީ އެ ޕާޓީ އެއްގެ އެތެރޭގެ ޑިމޮކްރަސީ އަށް ކްރެޑިޓް ދެވިދާނެ ކަމެކެވެ. އަމުދުން ޕާޓީގެ އެތެރޭގެ އިންތިހާބެއް ވާދަވެރިކަމާ އެކު ބޭއްވުމަކީ ވެސް ކުޑަ ކަމެއް ނޫނެވެ. މި އިންތިހާބުންން ފެންނަ މަންޒަރުން ސާފުވަނީ މިކަންކަމެވެ.
އިންތިހާބު ބޯމަތިވެގެން އައިއިރު, އެމްޑީޕީގެ ދެ ފެކްޝަން ވަރަށް ބޮޑަށް ފާޅުވެގެން ދިޔައިރު, ސިޔާސަތާއި ފަލްސަފީ ގިނަ ހިޔާލު ތަފާތުވުންތަކެއް އެ ދެ ފެކްޝަންގެ ތެރޭން ފެނިގެން ދިޔަ އެވެ. ފައްޔާޒުގެ ޓީމުން "އެމްޑީޕީ ހިންގާލަން" ނަމުގައި ކެމްޕެއިން ކުރިއަށް ގެންދިޔައިރު އެންމެ ބޮޑު އަމާޒަކަށް އޮތީ ރައީސް ސޯލިހަށް 2023 ޔަގީން ކުރުމެވެ.
އެއާ އިދިކޮޅަށް އިމްތިޔާޒު ވިދާޅުވަމުން ގެންދަވަނީ, އެމްޑީޕީ އާއި މި ސަރުކާރާ ގުޅުން ކުޑަވުމުގެ ސަބަބުންނާއި އެމްޑީޕީން ވީ ވައުދުތައް ފުއްދަމުން ނުދާތީ 2023 ހޯދަން އުނދަގޫވާނެ ކަމަށެވެ. އިމްތިޔާޒު ވަނީ ފައްޔާޒާއި ސަރުކާރަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ވެސް ކުރައްވާފަ އެވެ. އަދި, އެމްޑީޕީން ނަޝީދު ބޭރުކުރަން އުޅޭ ކަމުގެ ތުހުމަތު ވެސް އޭނާ ކުރައްވަ އެވެ.












