ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވަން ޖެހޭ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރުން އިންތިހާބުކުރި ފަނޑިޔާރު މުހައްމަދު ނިޔާޒް އެ ކޮމިޝަންގެ މެންބަރު ކަމަށް މިއަދު އައްޔަންކޮށްފި އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބު ކުރާ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު ނިޔާޒް އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑީޔާރު އަލީ ސަމީރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ފަނޑިޔާރު ނިޔާޒު މިއަދު މަގާމުގެ ހުވާ ކުރެއްވި ކަން ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި އެކަން ހާމަކޮށް ޝާއިއުކޮށްފައިވާ ލިޔުމުގައިވާ ގޮތުން އޭނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.
ފަނޑިޔާރު ނިޔާޒް ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އޭނާ ކުރައްވާފައިވެ އެވެ.













