ނިއު ޔޯކް (މެއި 11) - ވީޑިއޯ ގޭމް އުފައްދާ ކުންފުނި އީއޭ ސްޕޯޓްސް އާއި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާއާމެދު އޮތް ޕާޓްނަޝިޕް އާނުކުރެވި، "ފީފާ" ބްރޭންޑްގެ ދަށުން ވީޑިއޯ ގޭމް އުފެއްދުން ހުއްޓާލަން އީއޭ ސްޕޯޓްސް އިން ނިންމައިފި އެވެ.
އީއޭ ސްޕޯޓްސް އިން ފީފާއާ ގުޅިގެން "ފީފާ"ގެ ބްރޭންޑުގައި ފުޓްބޯޅައިގެ ވީޑިއޯ ގޭމް އުފައްދަން ފެށީ 1993 ވަނަ އަހަރެވެ. މި ފާއިތުވި 29 އަހަރުގެ ތެރޭގައި "ފީފާ"ވެފައިވަނީ އެންމެ މަގްބޫލު އެއް ވީޑިއޯ ގޭމަށެވެ. މި މުއްދަތުގައި، މި ގޭމުގެ ވިޔަފާރިން 20 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް "ނިއު ޔޯކް ޓައިމްސް" ނޫހުން ބުނެ އެވެ.
އެހެން ނަމަވެސް، އީއޭ ސްޕޯޓްސް އާއި ފީފާ އިން އެއްބަސްވުން އާ ކުުރުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު، އާ އެއްބަސްވުމަކަށް ނާދެވުނެވެ. އެހެންކަމުން، 2023 ވަނަ އަހަރު ފެށިގެން "ފީފާ" ބްރޭންޑްގައި އީއޭ ސްޕޯޓްސް އިން ވީޑިއޯ ގޭމެއް ނުނެރޭނެ އެވެ. އެ ކުންފުނިން ދެން ފުޓްބޯޅައިގެ ވީޑިއޯ ގޭމް ނެރޭނީ އާ ނަމެއްގަ އެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި ފީފާ އިން ބޭނުންވަނީ މިހާރު ކޮންމެ އަހަރު އީއޭ ސްޕޯޓްސް އިން އެ އިދާރާ އަށް ފައިސާގެ އަދަދު ބޮޑުކުރުމަށެވެ. ގޭމުގެ ރައިޓްސް އަށް އީއޭ އިން ފީފާ އަށް މިހާރު އަހަރަކަށް ދެނީ 150 މިލިއަން ޑޮލަރެވެ. ރިޕޯޓްތަކުން ބުނާގޮތުގައި އެއްބަސްވުން އާކުުރުމަށް ފީފާ އިން ބޭނުންވީ އަހަރަކު އެންމެ މަދުވެގެން 250 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ.
ފީފާގެ ބްރޭންޑް ދަށުގައި އީއޭ ސްޕޯޓްސް އިން ނެރޭ ފަހު ގޭމަކަށް ވާނީ މި އަހަރު ނެރުމަށް ހަމަޖެހިފައިވާ "ފީފާ 23" އެވެ.
އީއޭ ސްޕޯޓްސް އިން ފުޓްބޯޅައިގެ ވީޑިއޯ ގޭމް ރީބްރޭންޑްކޮށް، އަންނަ އަހަރު ގޭމް ނެރޭނީ "އީއޭ ސްޕޯޓްސް އެފްސީ"ގެ ނަމުގަ އެވެ. އީއޭ ސްޕޯޓްސް އިން ވަނީ ޔުއޭފާ އާއި ދުނިޔޭގެ އެންމެ ބޮޑު ލީގުތަކުން ލައިސަންސް ހޯދައިފަ އެވެ. މީގެ އިތުރުން ބައެއް ކުޅުންތެރިންގެ ލައިސަންސް ވެސް ވަނީ ހޯދައިފަ އެވެ. އެކަމަކު ފިފާ ވޯލްޑް ކަޕް "އީއޭ ސްޕޯޓްސް އެފްސީ"ގެ ގޭމުގައި ނުހިމެނޭ އެވެ. -- އޭއެފްޕީ












