ވިސާ ނެތި ދިވެހިންނަށް ކަޒަކިސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
"އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔާމަންޓްސް"ގެ ދަށުން ކަޒަކިސްތާނާއި ރާއްޖޭގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި، ވިސާ ނުލައި 30 ދުވަހަށް އެތެރެވެވޭނެ އެވެ.
އަދި، ޓްރާންސިޓުކުރުމުގައި ވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލް އެވެ. އަދި، ކަޒަކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ނޫރްލާން ޝަލްގަސްބަޔޭވް އެވެ.
އެއްބަސްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވީ މި ވިސާ ވެއިވާ އެގްރިމެންޓްއާއެކު ދެގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށް، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައި ފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ޗައިނާއަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.












