މެޑްރިޑް (މެއި 4) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ފަހު ވަގުތު ތަފާތު ހިތްވަރެއް ދައްކައި، ރެއާލް މެޑްރިޑުން 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އެގްރިގޭޓަށް ބަލާއިރު ސިޓީގެ މައްޗަށް ރެއާލުން ކުރިހޯދީ 6-5 އިންނެވެ. ޗެމްޕިއަންސް ލީގުގެ ނޮކައުޓް ތިން މެޗުގައި ވެސް މި ފަހަރު ރެއާލް މޮޅުވީ ފަހު ވަގުތު ހިތްވަރު ދައްކައިގެންނެވެ. އެ ގޮތުން ގަދަ 16 ބުރުގައި ޕީއެސްޖީ އަތުން ފަހު ވަގުތު ކުރި ހޯދިއިރު، ޗެލްސީގެ މައްޗަށް ކުއާޓާ ފައިނަލުގައި ކާމިޔާބު ހޯދީ ވެސް ފަހު ވަގުތު އެވެ. އަދި އެކަން މިރޭގެ ސެމީ ފައިނަލުގައި ވެސް ރެއާލުން މި ވަނީ ތަކުރާރުކޮށްފަ އެވެ.
ރެއާލުން 17 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދިއިރު، މި މަހު 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ކުޅޭ ފައިނަލުގައި ރެއާލް ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. ލިވަޕޫލުން ވަނީ 1981 ވަނަ އަހަރު ޕެރިހުގައި ކުޅުނު ޗެމްޕިއަންސް ލީގު (ޔޫރަޕިއަން ކަޕް) ފައިނަލުގައި ރެއާލް އަތުން 1-0 އިން މޮޅުވެފަ އެވެ. އެކަަމަކު، އެންމެ ފަހުން 2018 ވަނަ އަހަރުގެ ފައިނަލުގައި ރެއާލުން ވަނީ 3-1 އިން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ރެއާލްގެ ބެންޒެމާ (ވ) އަތުން ބޯޅަ ހޯދަން ސިޓީގެ ވޯކާ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިދިޔަ ހަފްތާގައި ސިޓީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި އެ ޓީމުން ވަނީ 4-3 އިން ރެއާލް ބަލިކޮށްފަ އެވެ. އެ މެޗާ އަޅާކިޔާއިރު، މިރޭ ދެ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފެނުނު ބަދަލަކީ ސިޓީގެ ކަނާތު ބެކް، ކައިލް ވޯކާ ޓީމުގައި ހިމެނުމާއި، ރެއާލްގެ މިޑްފީލްޑަރު ކަސެމީރޯ މި މެޗުގައި ކުޅުމެވެ.
މެޗު ފަށައިގެން ފުރަތަމަ ފުރުސަތު ލިބުނީ ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ އަށެވެ. އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް އަރައި، ބެންޒެމާ ބޮލުން ޖެހި ނަަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ސިޓީ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވުނު ބޯޅައެއް ހޯދައި، ރެއާލްގެ ވިނީޝިއުސް ޖޫނިއާ ވޮލީ އަކުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.
ރެއާލަށް ފުރަތަމަ ހާފުގައި ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. އެހެން ނަމަވެސް ސިޓީން ވަނީ ރެއާލް ގޯލަށް ރަނގަޅު ދެ ޝޮޓް ފޮނުވާލައިފަ އެވެ. އޭރިއާތެރެއިން ސިޓީގެ ބެނާޑޯ ސިލްވާ ޖެހި ބޯޅަ އާއި އޭރިއާބޭރުން ފިލް ފޯޑެން ޖެހި ޝޮޓް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ރެއާލް ކޮޅަށް ސިޓީގެ މާރޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ،.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މިނިޓެއް ނުވަނިސް ރެއާލަށް ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ރެއާލްގެ ޑެނީ ކާވަހާލް މުޅިން ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ނެގި ބޯޅަ ފޮނުވާލަން އެރި ވިނީޝިއުސް އަށް ރަނގަޅަށް ބޯޅައިގައި ނުޖެހި ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ވިނީޝިއުސް އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ.
ސިޓީން ގޯލު ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. ބަދަލަކަށް ކުޅެން އެރި ސިޓީގެ އޮލެކްސަންޑަ ޒިންޗެންކޯ އާއި އިލްކާއި ގުންޑޮގާން ބައިވެރިވެގެން ފެށި އެޓޭކެއްގައި ބެނާޑޯ ސިލްވާ ބޯޅަ ހިފައިގެން ގޮސް ހުސްކޮށްލާފައި ދިނީ ރިޔާދު މާރޭޒް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
އޭގެ ފަހުން ސިޓީ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ޔައޯ ކަންސޭލޯ އޭރިއާބޭރުން ޖެހި ބޯޅައެއް ކީޕަރު ކޯޓުއާ މަތަކުރިއިރު، ބަދަލަކަށް އެރި ސިޓީގެ ޖެކް ގްރީލިޝް ރަނގަޅު ދެ ބޯޅައެއް ފޮނުވާލި އެވެ. ގްރީލިޝްގެ ފުރަތަމަ ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ރެއާލްގެ ފާލަންޑް މެންޑީ އެވެ. ދެ ވަނަ ފުރުސަތުގައި ގްރީލިޝް ޖެހި ޝޮޓް ކީޕަރު ކޯޓުއާ ވަނީ ފައިން މަތަކޮށްފަ އެވެ.
ސިޓީން ގޯލު ޖެހުމުން ކުޅުން އަވަސްކޮށްލުމުގެ ބޭނުމުގައި ރެއާލުން ވަނީ އެޑޮއާޑޯ ކަމަވިންގާ އާއި މާކޯ އަސެންސިއޯ ކުޅެން އަރުވައިފަ އެވެ. ބަދަލަކަށް އަރައި މި މެޗުގައި ވެސް ކަމަވިންގާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރެއާލުން ވަނީ މެޗުގެ 89 ވަނަ މިނިޓްގައި ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ. ރެއާލްގެ ކަމަވިންގާ އޭރިއާތެރެއަށް ނެގި ބޯޅައެއް ގޯލު ކުރިމައްޗަށް ބެންޒެމާ ހުރަސްކޮށްލި ވަގުތު ރޮޑްރީގޯ ވަނީ ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި ރެއާލުން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ކާވަހާލް ނެގި ހުރަހަކުން ރޮޑްރީގޯ ބޮލުން ޖެހި ގޯލެކެވެ.

ރެއާލްގެ ރޮޑްރީގޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެގްރިގޭޓުން އެއްވަރުވެފައި އޮތުމުން ވަނީ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގައި ރެއާލުން ވަނީ ތިން ވަނަ ގޯލު ޖަަހައި، އެގްރިގޭޓުން ކުރިހޯދައިފަ އެވެ. މިއީ ޕެނަލްޓީ އަކުން ބެންޒެމާ ޖެހި ގޯލެކެވެ. މިއީ ސިޓީގެ ކެޕްޓަން ރުބެން ޑިއާސް އޭރިއާތެރެއިން ބެންޒެމާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ސިޓީން އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާތެރެއިން ފޯޑެން ބޮލުން ޖެހި ބޯޅައެއް ކީޕަރު ކޯޓުއާ އަތުގައި ޖެހިފައި ސިޓީގެ ފެނާންޑީނިއޯ އަށް ގޯލަށް ފޮނުވާލަން ލިބުނު ނަމަވެސް އޭނާ ފައިގައި ރަނގަޅަށް ބޯޅަ ނުޖެހި ދިޔައީ ބޭރުންނެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ސިޓީ ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ. ޖެހިޖެހިގެން ދެ ވަަނަ ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަށް ސިޓީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.












