މެންޗެސްޓާ (މެއި 3) - ގޯލު ޖަހައި އަމިއްލަ ރެކޯޑުތައް ހެދުމަށް ވުރެ ބޮޑަށް ބޭނުން ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު ގިނަ ތަށިތަކެއް ހޯދަން ކަމަށް އެ ކުލަބުގެ އެއް ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ދޫކޮށް ޔުނައިޓެޑާ ގުޅުނު ފެނާންޑޭސް އަކީ ފަހަކަށް އައިސް ގޯލު ޖެހުމާއި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމަށް ބަލާއިރު، އެންމެ ރެކޯޑް ރަނގަޅު އެއް ކުޅުންތެރިޔާ އެވެ. އެކަމަކު، ފެނާންޑޭސްގެ އެ ރެކޯޑްތަކުގައި އަސްލު ބޭނުންވާ ސިފަ ނުޖެހި އޮތީ ފާއިތުވި ފަސް ސީޒަނުގައި ޔުނައިޓެޑުން ތަށްޓެއްގައި އަތްލަން ކުރި މަސައްކަތް ކާމިޔާބުނުވީމަ އެވެ. ޔުނައިޓެޑުން އެންމެ ފަހުން ހޯދި ތަށްޓަކީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގެވެ.
މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ފައިނަލުން ބަލިވި ޔުނައިޓެޑް މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނައިގައި އޮތްއިރު، ބާކީ އޮތީ ދެ މެޗެވެ. ގަދަ ހަތަރަކުން ފުރުސަތު ހޯދަން ޔުނައިޓެޑްގެ އަމިއްލަ ބާރެއް ނެތެވެ. އަމުދުން ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެހުރި ރަލްފް ރަންގްނިކް ވަނީ ގަދަ ހަތަރެއްގެ އުންމީދު ވެސް ދޫކޮށްލައިފަ އެވެ.
ބްރެންޓްފޯޑް އަތުން ރޭ 3-0 އިން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު ފެނާންޑޭސް ބުނީ މޮޅުވި ކަމުގައިވިޔަސް މި ސީޒަންގައި ޓީމުން ދައްކަމުން އަންނަ ކުޅުމާ މެދު މާޔޫސްވާ ކަަމަށެވެ. ރަނގަޅަށް ނުކުޅެވި ވާދަވެރި ޓީމްތައް އަތުން ލަދުވެތިކޮށް ބަލިވުމަކީ ސަޕޯޓަރުން ވެސް ހިތްހަމަނުޖެހޭނެ ސަބަބެއް ކަމަށް ފެނާންޑޭސް ގަބޫލުކުރެ އެެވެ.
މި ސީޒަންގައި 10 ގޯލު ޖެހިފައިވާތީ އެ ކަމާ ހިތްހަމަޖެހޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފެނާންޑޭސް ބުނީ އޭނާ އެއްވެސް އިރެއްގައި ބައިވަރު ގޯލްތަކެއް ޖަހަން ނުވިސްނާ ކަމަށެވެ. ބަދަލުގައި ބޭނުން ވަނީ އަބަދުވެސް ޔުނައިޓެޑާ އެކު ތަށި ހޯދަން ކަމަށެވެ.
"ވަރަށް ގިނަ ދުވަހަށް ފަހު ގޯލެއް މި ޖެހުނީ. އެ ހިތްހަމަޖެހުން އެބައިން. އެކަމަކު، އަހަރެން އެއްވެސް އިރަކު މާ ގިނަ ގޯލް ޖަހަން ނޫޅެން. ތަށި ހޯދަން ބޭނުންވަނީ،" ފެނާންޑޭސް ބުންޏެވެ.
"އަހަންނަށް އެނގޭ ސަޕޯޓަރުން ބޭނުންވި ވަރުގެ ކުޅުމެއް މި ސީޒަންގައި ނުދެއްކޭ ކަން. އަންނަ ސީޒަންގައި އެ ކަން ބަދަލުކުރަން ވަރަށް ބޮޑަށް ތައްޔާރުވާނަން. މި ކުލަބުގެ ސަޕޯޓަރުން ދޭ ހިތްވަރު އަބަދު ވެސް ފާހަގަކުރަން ބޭނުން،" ފެނާންޑޭސް ބުންޏެވެ.
ފެނާންޑޭސް ބުނީ މި ސީޒަންގެ ވާހަކަ ދައްކައިން ދެންވާނެ ފައިދާއެއް ނެތް ކަމަށެެވެ. އޭގެ ބަދަލުގައި މިހާރު ހުރިހާ ވިސްނުމެއް ހުރީ އަންނަ ސީޒަނުގައި ޔުނައިޓެޑާ ހަވާލުވާ ކޯޗު އެރިކް ޓެން ހާގަށް އެހީތެރިވެ، ސަޕޯޓަރުން ގަޔާވާނެ ކްލަބަކަށް ޔުނައިޓެޑް އަލުން ހެދުމަށް ކަމަށެވެ.
ފެނާންޑޭސް ވަނީ މިހާތަނަށް ޔުނައިޓެޑަށް 50 ގޯލު ޖަހައިފަ އެވެ. ފެނާންޑޭސް، 2020 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ފަހުން އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިނީ އޭނާ އެވެ. ދާދި ފަހުން ފެނާންޑޭސް ވަނީ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2026 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ. އާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވެސް ފެނާންޑޭސް ވަނީ ޔުނައިޓެޑާ އެކު ތަށި ހޯދުމުގެ ޓާގެޓްތަކެއް އެބައޮތް ކަމަށެވެ.












