ލުޒޭން، ސްވިޒަލެންޑް (މެއި 2) - މިދިޔަ މަހު ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ އެފްރިކާ ބައްރުގެ ޕްލޭއޮފްގައި މިސްރުން ސެނެގާލާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ހަރަކާތްތަކުގެ މައްސަލަ ބަލައި، ފީފާ އިން ފިޔަވަޅު އަޅައިފި އެވެ.
ސެނެގާލްގެ ޑިއަމްނިއާޑިއޯ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުގައި މިސްރުގެ ކުޅުންތެރިންގެ މޫނަށް ލޭޒާ ލައިޓް އެޅުމާއި ދަނޑަށް ފުޅި ފަދަ ތަކެތި އުކިއިރު، މެޗުގައި ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގައި ވެސްް އިތުރު ގޯލެއް ނުފެނި ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޖަހަން ދިޔަ މިސްރުގެ ކުޅުންތެރިން މޫނަށް ލޭޒާ އެޅުވުމުގެ އޭގެ އަސަރު ވެސް ކުޅުންތެރިންނަށް ކުރި އެވެ. އަދި ޕެނަލްޓީ ޖަހައިގެން މިސްރު ކެޓުމުން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ސެނެގާލާ ދެކޮޅަށް މައްސަލަ ހުށަހަޅައިފަ އެވެ.
ފީފާ އިން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ސެނެގާލް 180،000 ޑޮލަރުން ޖޫރިމަނާކޮށް، ސަޕޯޓަރުން ނުވައްދައި، އެއް މެޗު ކުޅެން ޖެހޭ ގޮތަށް ސަސްޕެންޝަނެއް ދީފަ އެވެ.
އެފްރިކާ ބައްރާއި އެކި ސަރަހައްދުގައި މި ފަހުން ކުޅުނު މެޗުތަކުގައި މި ފަހުން ހިނގި ހަމަނުޖެހުންތަކާ ދެކޮޅަށް ފީފާ އިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގޮތުން ނައިޖީރިއާ 154،000 ޑޮލަރުން ޖޫރިމަނާކޮށް، އެއް މެޗަށް ސަޕޯޓަރުން ނުވައްދައި، ކުޅެން ޖެހުނީ ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.
މީގެ އިތުރުން ފީފާ އިން ވަނީ އެކި މައްސަލަތަކާ ހުރެ، ރިޕަބްލިކް އޮފް ކޮންގޯ އާއި ލެބަނަން އަށް ވެސް އަދަބުދީފަ އެވެ. އެއީ ސަޕޯޓަރުން ނުވައްދައި އެއް މެޗު ކުޅެންޖެހޭ ގޮތަށް ދިން ސަސްޕެންޝަނެކެވެ.












