ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި މިއަދު އިއުލާނުކޮށްފި އެވެ.
ދިރާގުން ބުނީ "ގާލްސް އިން ޑޭޓާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި އޭގެން މާނަ ދޭހަކުރުމާއި އަދި ޑޭޓާ ބޭނުންކޮށްގެން މުހިންމު ނިންމުންތައް ނިންމާނެ ގޮތްތައް އެ ކުދިންނަށް ދަސްކޮށްދޭނެ އެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28ގަ އެވެ. މި ޕްރޮގްރާމްގެ ފުރުތަމަ އެޑިޝަން އަމާޒުކުރެވިފައިވަނީ މާލެ ސަރަހައްދުގެ ގްރޭޑް 5 އާއި 7 އާއި (10 އަހަރާއި 13 އަހަރާ) ދެމެދުގެ އަންހެން ކުދިންނަށެވެ.
މި ޕްރޮގްރާމް ދޮޅު މަސްދުވަހަށް ދެމިގެންދާއިރު ކްލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އަދި ޕްރޮގްރާމް ފަރުމާ ކުރެވިފައިވާނީ ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި، ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ފީލްޑް ޓްރިޕްތައްވެސް ހިމަނައިގެންނެވެ. އެއީ ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ހޯދައި ދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ދިރާގުން ބުންނެވެ.
އެއްވެސް ފީ އެއް ނުނަގާ ގޮތަށް ހުޅުވާލާފައިވާ އެ ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ވެބްސައިޓް މެދުވެރިކޮށް ފެށޭ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ވިމެން އިން ޓެކް މޯލްޑިވްސް އަކީ ޓެކް އިންޑަސްޓްރީގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުވައި، މިދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ.
ޑޭޓާ ސައިންސް ހުނަރަކީ ޓެކް ދާއިރާގެ ވަރަށް މުހިންމު ހުނަރެއް ކަމަށްވުމާއެކު، ޑޭޓާއަށް އަހުލުވެރި ބަޔަކަށް ވުމަކީ ކޮންމެ މީހަކަށް ވެސް، ހާއްސަކޮށް އަންހެން ކުދިންނަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވިމެން އިން ޓެކް މޯލްޑިވްސްއިން ގަބޫލުކުރެ އެވެ.
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން މީގެ ކުރިންވެސް އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި ގާލްސް ޓު ކޯޑްގެ ނަމުގައި ކޮންމެ އަހަރަކުވެސް ޕްރޮގްރާމެތަކެއް ހިންގާފައިވެ އެވެ.










