މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) ފާހަގަކުރުމަށް، މަސައްކަތްތެރިންގެ ހުރި ކަންބޮވުންތަކާއެކު ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ މަސައްކަތްތެރިން އަގުވަޒަންކުރުމަށެވެ.
އެ ހިނގާލުން އޮންނާނީ މާދަމަގެ ހަވީރު 4:00 އިން 6:00 އަށް ރަސްފަންނުން ފެށިގެން ކާނިވާ ސަރަހައްދާއި ހަމައަށެވެ.
ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގުރެސް (އެމްޓީޔޫސީ)ގެ ރައީސް މައުރޫފް ޒާކިރު ވިދާޅުވީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ވެސް ރެލީއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
"މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ ދައްކާ އިހުތިޖާޖުކޮށް އަދި އެކި ފަންތި ތަކުގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުން ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އޮންނަ އެންމެ ފަހި، އެންމެ ފަހު އެންމެ މުހިންމު އެއް ދުވަހަކީ މޭޑޭ،" އޭނާ ވިދާޅުވި އެވެ.

މި ހިނގާލުމުގައި އެންމެހާ މަސައްކަތްތެރިން ބައިވެރިވުމަށް މައުރޫފް ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން މި ހިނގާލުމުގައި ބިދޭސީއެއް ދޭސީއެއް ނުބަލާ އެންމެހާ މަސައްކަތްތެރިން ބައިވެރިވުމަށް އޭނާ ވަނީ އެދިފަ އެވެ.
މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާލުންތަކާއެކު ފާހަގަކުރާ ދުވަހެވެ.













