ހުޅުމާލޭގެ 10 ބިމެއްގައި އެޕާޓްމަންޓު އިމާރާތްތަކެއް އަޅައި ހިންގާނެ ބަޔަކު ހޯދުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އިއުލާންކޮށްފި އެވެ.
އެޗްޑީސީން ބުނީ ލޯކަލް ޑެވެލޮޕާޒް 3 މަޝްރޫއުގެ ދަށުން ހުޅުމާލޭގެ 10 ޕްލޮޓެއްގައި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމެންޓް ތަރައްގީކޮށް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތަށް ދޫކުރާ ބިންތަކަކީ 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.
އެ މަސައްކަތަށްޓަކައި ބިން ދޫކުރަން އެޗްޑީސީން ނިންމާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ފޭސް ދެއެއްގެ ވަގުތީ މިސްކިތް ހުންނަ ސަރަހައްދާއި ކައިރިން އަށް ޕްލޮޓާއި ފޭސް އެކެއްގެ ނެއިބާހުޑް ދޭއެއްގެ ނިރޮޅު މަގު 20 ނަމްބަރު ގޯޅީގައި ހުންނަ ޕްލޮޓެއްގެ އިތުރުން ނެއިބާހުޑް އެކެއްގެ ރީތިގަސް މަގާއި ގުލްޗަމްޕާ މަގު ގުޅޭ ކަންމައްޗަށް ހުސްކޮށް އޮތް ޕްލޮޓެއް ހިމެނެ އެވެ.
އެ މަސައްކަތަށްޓަކައި ބާއްވާ ޕްރީ ޕްރޮޕޯސަލް ބައްދަލުވުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ 13:00 ގައި ބާއްވަން އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެ އިމާރާތްތައް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން އޮންނަ އެންމެ ފަހު ތާރީހަކީ ޖޫން 9، ކަމަށް އެޗްޑީސީން ބުނެ އެވެ.
- ޕްރީ ޕްރޮޕޯޒަލް ބައްދަލުވުން: މޭ 12، 2022، 13:00 ގައި އޮންލައިންކޮށް
- މައުލޫމާތު ސާފުކުރުން: މޭ 19، 2022 ގެ ކުރިން އީމެއިލް މެދުވެރިކޮށް
- މައުލޫމާތު ސެޝަން: ޖޫން 5، 2022 ގައި އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި
- ޕްރޮޕޯސަލް ހުށަހެޅުން: ޖޫން 9، 2022ގެ 14:00ގެ ކުރިން
ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އެއް ބިން ތަރައްގީކުރުމަށް ދޭން އެޗްޑީސީން ވަނީ ނިންމައިފަ އެވެ.

އެ ބިންތަކުގައި ތަރައްގީކުރާ އެޕާޓްމެންޓްތަކުގެ ތެރެއިން އަގުހިފެހެއްޓިފައވާ އެޕާޓްމެންޓްތަކެއް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަގު ހިފެހެއްޓިފައިވާ އެޕާޓްމެންޓުތަކުގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކޭނީ 1.5 މިލިއަން ރުފިޔާގެ އަގެއްގަ އެވެ.
ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކޭނީ 2.5 މިލިއަން ރުފިޔާއަށް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެ އެޕާޓްމެންޓްތަކުގައި ފިނިޝިން މަސައްކަތްތަކާއި އެހެނިހެން ކަންކަން އެޗްޑީސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރަންވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ލޯކަލް ޑެވެލޮޕާޒް 3 މަޝްރޫއަށް އެޗްޑީސީން ބިން ދޫކުރަން ހަމަޖެހިފައިވާ ގޮތް.
އެ އެޕާޓްމެންޓްތައް ވިއްކަން ޖެހޭނީ ޕްލޭނިން މިނިސްޓްރީން އެކަމަށް ތައްޔާރުކުރާ ގައިޑްލައިންތަކެއްގެ ދަށުންކަމަށް އެޗްޑީސީން ބުނެ އެވެ.
އެޕާޓްމެންޓްތަކާއި ކައިރިން އެތަންތަން ގަންނަ ފަރާތްތަކަށް ހަމަހަމައަށް ޕާކިން ޖާގަތަކެއް ވެސް ތަރައްގީކުރަންވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. ކާރު ޕާކްކުރަން ޖާގަ ވިއްކުމަށް އޮންނަ އަގަކީ ފޫޓަކަށް 1،000 ރ. ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ އިވެލުއޭޝަންގައި އަގު، ތަޖުރިބާ އަދި ވިޔަފާރި ޕްލޭނަށް ރިއާޔަތްކުރާނެކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެންމެ ބަލައިގަނެވޭ އަގެއް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދީ އިވެލުއޭޓް ކުރުމުގައި 70 ޕަސަންޓު ހާއްސަކުރަން އެޗްޑީސީން ވަނީ ނިންމައިފަ އެވެ.
އެޗްޑީސީން ބުނީ ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތްތަކުން އެޕާޓްމެންޓްތައް މާކެޓްކޮށް ޕްރޮމޯޓްކުރަންވާނީ އެގްރިމެންޓުގައި ސޮއިކުރުމަށްފަހު ކަމަށެވެ.
އަދި ބުކިން ފީ ފަދަ އެއްވެސް ފައިސާއެއް ގަންނަ ފަރާތެއްގެ އަތުން ނަގަން ވާނީ އެޗްޑީސީގެ ފަރާތުން ވިއްކުމުގެ ކުރިން ހޯދަން ޖެހޭ ހުއްދަ ހޯދުމަށްފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެޕާޓްމެންޓް ތަރައްގީކުރާ ފަރާތްތަކުން އެއް އެޕާޓްމެންޓަށްވުރެ ގިނަ އެޕާޓްމެންޓް އެއް ފަރާތަށް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.











