ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން ކުރާ މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދެވޭ ގޮތަށް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކުރި އެ ބިލު ރައީސް ތަސްދީގު ކުރެއްވުމުން ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ގާނޫނެއްގެ ގޮތުގައި ޝާއިއުކޮށްފަ އެވެ. އަދި އެ ކަން ރައީސް އޮފީހުގެ ވެބްސައިޓްގައި ވެސް ލިޔެފައިވެ އެވެ.
އެ ބިލުގައި އިލެކްޓްރޯނިކް މުއާމަލާތްތައް ބަޔާންކޮށްފައިވާއިރު، މައުލޫމާތެއް އޮންނަން ވާނީ ލިޔުމުންކަމަށް އެއްވެސް ގާނޫނަކުން ލާޒިމުކޮށްފައިވާ ހާލަތެއްގައި، ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާ ނަމަ، އެ މައުލޫމާތެއް ލިޔުމުން އޮތުމުގެ ގާނޫނީ ޝަރުތު އެ ޑޭޓާ މެސެޖުގައި ފުރިހަމަވާނެކަމަށް ބުނެފައި ވެ އެވެ.
ބޭންކިން މުއާމަލާތްތައް ހިމެނޭނެ
އިލެކްޓްރޯނިކް މުއާމަލާތާ ބެހޭ ބިލުގެ އެއްވަނަ ބާބުގެ ހަތަރު ވަނަ މާއްދާގައި ބުނަނީ ބޭންކުތަކުން ހިންގާ އިލެކްޓްރޯނިކް އަދި ޑިޖިޓަލް މުއާމަލާތްތަކާއި، ބަދަލުކުރާ ލިޔެކިޔުންތަކުގެ މައްޗަށް އެ ގާނޫނު ނުހިނގާނެ ކަމަށެވެ.
ނަމަވެސް ކޮމިޓީ މަރުހަލާއިން ބިލުގެ އެ މާއްދާ އުނިކުރި އެވެ. އުނި ކުރި ސަބަބަކީ މާލީ އަދި ބޭންކިން ދާއިރާއަކީ އިލެކްޓްރޯނިކް މުއާމަލާތްތައް އެންމެ ބޮޑަށް ބޭނުން ކުރާ އެއް ދާއިރާ ކަމަށް ވާތީ އެވެ. އަދި ބޭންކިން މުއާމަލާތްތައް އިސްތިސްނާ ކޮށްފި ނަމަ ބިލުގެ މަގްސަދު ހާސިލު ނުވެދާނެތީ އެވެ.

ބިލުގައި އިސްތިސްނާކުރެވިފައިވާ މުއާމަލާތްތަކުގެ ތެރޭގައި ހިމެނެނީ މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ހިއްސާގެ ބާޒާރު ބަލަހައްޓާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ގަވާއިދުތަކުގެ ތެރެއިން ގާނޫނު ހިނގާ މުއާމަލާތްތަކެވެ. މި މާއްދާ ވަނީ ކޮމިޓީން އުނިކޮށްފަ އެވެ.
މަޖިލީހުގެ ކޮމިޓީން މި މާއްދާ އުނިކުރިއިރު، ބިލު ދިރާސާ ކުރުމުގެ މަރުހަލާގެ ތެރެއިން އެ ކޮމިޓީއަށް ބޭންކުތަކުގެ މެނޭޖަރުން ހާޒިރުކޮށްފައިވެ އެވެ. ބޭންކުތަކުން އެދިފައި ވަނީ ބިލު ކުރިން ވެސް އޮތް ގޮތަށް ބޭންކިން މުއާމަލާތްތަކުގެ މައްޗަށް އެ ގާނޫނު ނުހިނގާ ގޮތަށް ބޭއްވުމަށެވެ.
ޑޭޓާ މެސެޖު ހެކީގެ ގޮތުގައި ބަލައިގަތުން
އެ ބިލު ފަރުމާކޮށްފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ޑޭޓާ މެސެޖުތައް ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ގޮތަށެވެ.
އެގޮތުން، ހެކީގެ ގޮތުގައި ބަލާނީ ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާނަމަ އެވެ.
ޑޭޓާ މެސެޖެއް ބެހެއްޓިފައިވަނީ އެ މެސެޖު ޖެނެރޭޓުކުރެވުނު، ފޮނުވުނު ނުވަތަ ލިބުނުއިރު އޭގައިވާ މައުލޫމާތު ލިބުނުގޮތަކަށް ޔަގީންކަމާއެކު ދައްކުވައިދޭނެ ފޯމެޓެއްގައި ކަމަށްވާންޖެހޭނެ އެވެ.
titledesc
އޭގެ އިތުރުން ޑޭޓާ މެސެޖުގައި ހިމެނޭ މައުލޫމާތު ބެހެއްޓިފައިވަނީ، އެ މެސެޖު ޖެނެރޭޓުކުރެވުނު ތަނާއި ރައްދުވި ތަން އަދި އެ ޑޭޓާ މެސެޖު ފޮނުވުނު ނުވަތަ ރައްދުވި ތާރީހާއި ވަގުތު ދެނަގަނެވޭނެފަދަ ގޮތަކަށް ކަމަށްވާ ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
އިލެކްޓްރޯނިކް އެއްބަސްވުންތަކާއި ޓްރަސްޓުގެ ހިދުމަތް
އެ ބިލުގައި ބުނާ ގޮތުން ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ފުރިހަމަވާންޖެހޭ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެ ފަރާތުން އެއްބަސްވާ ނަމަ، އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރިއްޔާއިން އެއްބަސްވުންތައް އެކުލަވާލެވިދާނެ އެވެ.
އެފަދަ އެއްބަސްވުންތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސޮއި ބަލައިގަނެވޭނެ ހާލަތްތަކާއި އުސޫލުތައް ވެސް އެ ބިލުގައި ކަނޑައަޅާފައި ވެ އެވެ.
އެގޮތުން ސޮއިގެ ކްރިއޭޝަން ޑޭޓާއަކީ ހަމައެކަނި އެ ސޮއިކުރި ފަރާތާ ގުޅުވައިދޭ ޑޭޓާއަކަށް ވާންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
އޭގެ އިތުރުން އިލެކްޓްރޯނިކް ސޮޔާ ގުޅޭ ސެޓްފިކެޓް ދޫކޮށް އަދި ބެލެހެއްޓުމަށް ޓްރަސްޓުގެ ހިދުމަތެއް ބޭނުންކުރެވޭނެ އެވެ.
އެ ގޮތުން ރާއްޖޭން ބޭރުގެ އެފަދަ ހިދުމަތްދޭ ފަރާތްތައް ވެސް ބޭނުންކުރެވޭއިރު، ރާއްޖޭގައި އެ ހިދުމަތްތައްދޭ ފަރާތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކްރެޑިޓްކޮށް އާންމުކުރަންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ލާޒިމުކޮށްފައި ވެ އެވެ.












