މެންޗެސްޓާ (އޭޕްރީލް 26) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ފޯރިގަދަ ކުޅުމަކަށް ފަހު 4-3 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
އަންނަ ހަފްތާގައި ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދޭނެ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން 93 ސިކުންތު ތެރޭ އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. މިއީ ރިޔާދު މާރޭޒް ނެގި ހުރަހަކުން ކެވިން ޑިބްރޭނާ ބޮލުން ޖެހި ގޯލެކެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.
ސިޓީން ވަނީ އެ މެޗުގެ 11 ވަނަ މިނިޓްގައި ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ޑިބްރޭނާ ނެގި ހުރަހަކުން ގަބްރިއެލް ޖީސޫސް ޖެހި ގޯލެކެވެ. ރެއާލްގެ ޑިފެންޑަރުންގެ ތެރެއިން ހުސްވި ޖާގައެއްގެ ބޭނުންހިފައި، ޖީސޫސް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސިޓީގެ ޑިބްރޭނާ (ކ) އާއި ރެއާލްގެ މޮޑްރިޗް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ
ތިން ވަނަ ގޯލެއް ޖަހަން ސިޓީ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. މާރޭޒް އަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އެ ބޯޅަ ޖަހަން އަރައި، ތިބި ކުޅުންތެރިންނަށް ނުދީ މާރޭޒް އަމިއްލަ އަށް ފޮނުވާލުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، ކައުންޓަ އެޓޭކެއްގައި ޑިބްރޭނާ ދިން ބޯޅައަކުން އޭރިއާތެރެއިން ފިލް ފޯޑެން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ސިޓީން ތިން ވަނަ ގޯލެއް ޖަހަން ލިބުނު ފުރުސަތު ނަގާލިއިރު، ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ވަނީ މެޗުގެ 33 ވަނަ މިނިޓްގައި ގޯލެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. މިއީ ފާލަންޑް މެންޑީ ނެގި ހުރަހަކުން ބެންޒެމާ ޖެހި ގޯލެކެވެ. މި ގޯލާ އެކު ބެންޒެމާ ވަނީ ސީޒަނުގައި ޖުމްލަ އެކު، 40 ގޯލު ހަމަކޮށްފަ އެވެ. މިއީ، 2018 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް ދޫކޮށްލި ފަހުން އެ ޓީމުގެ ކުޅުންތެރިއަކު ސީޒަނުގައި ޖުމްލަ އެކު، 40 ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދެ ވަނަ މިނިޓްގައި ސިޓީން ތިން ވަނަ ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. މެޗުގެ 47 ވަނަ މިނިޓްގައި މާރޭޒް ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން ފޯޑެން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ރެއާލްގެ ޑިފެންޑަރު ޑެނީ ކާވަހާލް ވަނީ ބްލޮކްކޮށްފަ އެވެ. އެކަމަކު، އޭގެ ފަސް މިނިޓް ފަހުން ސިޓީން ވަނީ ތިން ވަނަ ގޯލެއް ވަނީ ޖަހައިފަ އެވެ. މިއީ، ފެނާންޑީނިއޯ ނެގި ހުރަހަކުން މެޗުގެ 52 ވަނަ މިނިޓްގައި ފޯޑެން ބޮލުން ޖެހި ގޯލެކެވެ. ފެނާންޑީނިއޯ ކުޅެން އެރީ، ފުރަތަމަ ހާފުގައި ސިޓީގެ ކަނާތު ބެކަށް ކުޅެމުން އައި ޖޯން ސްޓޯންސަށް އަނިޔާވުމުންނެވެ.
ސިޓީން ދެ ގޯލުގެ ލީޑެއް ނެގިތާ، ދެ މިނިޓް ފަހުން ރެއާލުން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 54 ވަނަ މިނިޓްގައި މި ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ. ހާފުގެ މެދެއްހާ ހިސާބުން ފެނާންޑީނިއޯ ކައިރިން ދެމިގަތުމަށް ފަހު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ވިނީޝިއުސް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގޯލު ޖެހުމަށް ފަހު ރެއާލް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
މެޗުގެ 67 ވަނަ މިނިޓްގައި ސިޓީން ވަނީ ރަނގަޅު އެޓޭކެއް ކޮށްފަ އެވެ. ސިޓީގެ ވާތުބެކް، އޮލެކްސަންޑަ ޒިންޗެންކޯ ނެގި ބޯޅައެއް އޭރިއާތެރެއިން އައިމެރިކް ލަޕޯޓަށް ލިބުމުން އެއް ފަހަރުން ފޮނުވާލި ނަމަވެސް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 73 ވަަނަ މިނިޓްގައި ސިޓީން ވަނީ ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ. ރެއާލްގެ އޭރިއާތެރެއިން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މި ގޯލު ޖެހީ ބެނާޑޯ ސިލްވާ އެވެ. އެ ބޯޅަ ހުއްޓުވަން ރެއާލްގެ ކީޕަރު ކޯޓުއާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އެ އެޓޭކް ކުރިއަށްދާން ރެއާލްގެ ކުޅުންތެރިން ހުއްޓިގެން ތިބެވުނީ، ބެނާޑޯ ސިލްވާ އަށް ބޯޅަ ލިބުމުގެ ކުރިން ޒިންޗެންކޯ އަށް ފައުލުކުރުމުން ރެފްރީ ހިލޭ ޖެހުމެއް ދޭނެ ކަމަށް ވިސްނައިގެންނެވެ.
ރެއާލުން އަނެއްކާ ވެސް ކުރިއަށް ޖެހިގެން ކުޅެން ފަށައި، ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ މެޗުގެ 81 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބެންޒެމާ ޖެހި ގޯލެކެވެ. ރެއާލަށް ޕެނަލްޓީ ދޭން ނިންމީ ސިޓީގެ ލަޕޯޓް އަތުގައި ބޯޅައިން ޖެހުމުންނެވެ.
އޭގެ ފަހުން އިތުރު ގޯލެއް ޖެހޭތޯ ސިޓީ އާއި ރެއާލުން ވެސް މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި މާދަމާރޭ ލިވަޕޫލުން ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.












