ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާ ގަތުމަށް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލޮން މަސްކް ހުށަހެޅި 44 ބިލިއަން ޑޮލަރުގެ ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.
އިލެކްޓްރިކް ކާރު އުފެއްދުމުގައި އިންގިލާބީ ބަދަލެއް ގެނުވި ޓެސްލާ އާއި ޖައްވަށް ރޮކެޓް ފޮނުވުމުގައި އިންގިލާބީ ބަދަލެއް ގެނެސްފައިވާ ޖައްވީ އުދުހުންތަކާ ގުޅޭ، ސްޕޭސްއެކްސްގެ ވެރިޔާ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ގަތުމަށް ހުށަހެޅީ ކުންފުނީގެ ނުވަ ޕަސެންޓް ހިއްސާއާއެކު ޓްވިޓާގެ މެޖޯރިޓީ ހިއްސާދާރަކަށް ވުމަށް ފަހު، މީގެ ދެ ހަފުތާ ކުރިންނެވެ.
މިލްކިއްޔާތުގެ އަގު 200 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ އުމުރުން 50 އަހަރު މަސްކް، ޓްވިޓާ ގަތުމަށް ހުށަހެޅީ ހިއްސާ އަކަށް 54.20 ޑޮލަރުގެ މަގުން 44 ބިލިއަން ޑޮލަރަށެވެ.
ޓިވިޓާގެ ބޯޑުން އެ ޑީލަށް އެއްބަސްވުމަށް ފަހު ނެރެފައިވާ ބަޔާނުގައި މަސްކް ބުނެފައި ވަނީ މިނިވަން ހިޔާލަކީ ހަރަކާތްތެރި ޑިމޮކްރަސީއެއްގެ އަސާސެއް ކަމަށާއި ޓްވިޓާ އަކީ އިންސާނިއްޔަތުގެ މުސްގަތުބަލަށް މުހިންމު ކަންތައްތަކުގެ ބަހުސް ކުރެވޭ ޑިޖިޓަލް ޓައުން ސްކޮޔާއެއް ކަމަށެވެ. އޭނާ ބޭނުން ވަނީ އިތުރު ފީޗާތަކާއެކު ޓްވިޓާ ވަރުގަދަކޮށް، އިތުބާރު ބޮޑުކުރުމަށްޓަކައި އަލްގުރިދަމް އޯޕަން ސޯސްކޮށް، ސްކޭމް ބޮޓްސްތަކަށް ނުކުޅެވޭ ސައްހަކަން ކަށަވަރު އެއްޗަކަށް ޓްވިޓާ ހެދުމަށް ކަމަށް ބަޔާނުގައިވެ އެވެ.
"ޓްވިޓާ އަށް ލިބިފައިވާ އާދަޔާ ހިލާފު ގާބިލްކަން ވަރުގަދަކުރަން، ކުންފުންޏާއި ޓްވިޓާ ބޭނުންކުރާ ފަރާތްތަކާއެކު މަސައްކަތް ކުރަން ބޭނުން،" މަސްކް ބުނެފައިވެ އެވެ.
ދުވާލަކު 217 މިލިއަން މީހުން ބޭނުންކުރާ ޓްވިޓާ ވިއްކާލަން ނިންމުމަށް ފަހު ބޯޑުގެ ޗެއާ، ބްރެޑް ޓޭލާ ބުނެފައި ވަނީ މަސްކްގެ ޑީލަށް ބޯޑުން ވަރަށް ފުންކޮށް ވިސްނި ކަމަށާއި ކުންފުނި ވިއްކާލުމަކީ ހިއްސާދާރުންގެ މަސްލަހަތަށް އެންމެ ރަނގަޅު މަގު ކަމަށެވެ.
ޓްވިޓާ ގަތުމަށް މަސްކް ލޯނުގެ ގޮތުގައި 25.5 ބިލިއަން ޑޮލަރުގެ ހޯދާއިރު، 21 ބިލިއަން ޑޮލަރު ދައްކާނީ އޭނާގެ އަމިއްލަ ފައިސާއިންނެވެ. އެ 21 ބިލިއަން ޑޮލަރު ހޯދަނީ ކިހިނެއްކަން ހާމަކޮށްފައި ނެތް އިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ފައިސާ ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޓެސްލާގެ ހިއްސާ ވިއްކައިގެންނެވެ.
ޓްވިޓާ ވިއްކާލުމުގެ ޑީލާއެކު ހިއްސާގެ ބާޒާރުގައި ޓްވިޓާގެ ހިއްސާގެ އަގު ވަނީ މައްޗަށް ޖެހިފަ އެވެ.









