އިދިކޮޅު ޕީޕީއެމުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިނަށް ހިތްވަރުދިން ކަމަށް ބުނެ ސަސްޕެންޑު ކުރި އަރަބިއްޔާ ސްކޫލްގެ ހަދީސް ޓީޗަރު އަދި ސޯޝަލް މީޑިއާ ޝަހްސިއްޔަތު ޒަމްޒަމް ފާރިޝް، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރީ އޮޅުމަކުން ކަމަށް ބުނެ ސަސްޕެންޝަނަށް ލުއި ދީފި އެވެ.
ޒަމްޒަމް ފާރިޝް އޮފީހަށް ނުކުތުން މަނާ ކުރީ ޓީޗަރުންގެ އަހުލާގީ މިންގަނޑާ ހިލާފުވެ، އިންޑިއާ އައުޓް ކެމްޕެއިނަށް ހިތްވަރުލިބޭ ގޮތަށް ޓުވިޓާގައި ލިޔެފައިވާތީ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އޭނާއަށް ފޮނުވި ލިޔުމެއްގައި ބުނެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ޒަމްޒަމް ފާރިޝް ސަސްޕެންޑު ކުރީ 30 ދުވަހުގެ މުއްދަތަށް، މުސާރަ ވެސް ނުލިބޭ ގޮތަށެވެ.
ޒަމްޒަމް ފާރިޝް މިއަދު މި ނޫހަށް ވިދާޅުވީ މުސާރަ ނުލިބޭ ގޮތަށް މިނިސްޓްރީން ފޮނުވާފައި އޮތް ނަމަވެސް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އެއީ މުސާރަ ހިނގާ ގޮތަށް 30 ދުވަހަށް ސަސްޕެންޑު ކުރުމަށެވެ.
"މިނިސްޓްރީން ފޮނުއްވި އީމެއިލްގައި ވިދާޅުވެފައި ވަނީ، މުސާރަ ނުލިބޭ ހެން ޗިޓް ފޮނުވިފަ ވަނީ އޮޅުމަކުން ކަމަށް" ޒަމްޒަމް ފާރިޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަސްޕެންޑް ކޮށްފައި ވަނީ އެއްވެސް މައުލޫމާތެެއް ސާފު ކުރުމަކާ ނުލާ ކަމަށެވެ. މިނިސްޓްރީން ވަނީ ބަޔާން ނެގުމަށް މާދަމާ ހާޒިރުވާން އަންގާފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމް ފާރިޝް ސަސްޕެންޑު ކުރުމާ ގުޅިގެން، އެކަމާ ގިނަ ދީނީ އިލްމުވެރިންނާއި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އައުޓް ކެމްޕޭނު ހުއްޓުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ގަރާރާ ގުޅިގެންނެވެ. އެ ގަރާރުގައި ވަނީ "އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އަދި އެއީ ގައުމީ ސަލަމަތާ ގުޅުންހުރި ނުރައްކާތެރި ކަމެއް ކަމަށާއި ވަކި ގައުމަކާ ދެކޮޅަށް ހިންގޭ އެފަދަ ނަފުރަތު އުފެއްދުމުގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ގަރާރުގައި ފާހަގަކުރެ އެވެ.













