ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)އިން މާލޭގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ "އެސްއެމްއީ މަލްޓި ޕާޕަސް ފެސިލިޓީ"ގެ އިތުރުން ހުޅުމާލޭގައި ގާއިމުކުރާ "އެސްއެމްއީ ޕާކް" އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ބީސީސީން ކުރި އިއުލާނެއްގައި ބުނީ މާލޭގައި ގާއިމުކުރާ 2،000 އަކަފޫޓުގެ ފެސިލިޓީއަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު އިމާރާތް ކުރަން ނިންމައިފައިވާ ތަނެއް ކަމަށެވެ.
މި ފެސިލިޓީގައި ފެހުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ގެވެށި ވިޔަފާރިވެރިންގެ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ގާމަންޓް/ފެޝަން މޭކާ ސްޕޭސް ތަކަކާއި، ފްރީލާންސްކޮށް މަސައްކަތް ކުރާ ފަންނުވެރިންގެ އުފެއްދުންތައް ކުރިއެރުވުމުގެ ގޮތުން ޒަމާނީ ސްޓޫޑިއޯއެއް ހުންނާނެ ކަމަށް ބީސީސީގެ އިއުލާނުގައިވެ އެވެ.
މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ފްރީލާންސްކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ގާއިމު ކުރާ އޮފީސް ޖާގަތަކެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އޮފީސް ޖާގަތަކުގެ އިތުރުން އޮފީހުގެ އިދާރީ ކަންކަން ކުރުމަށް ބޭނުންވާ ޕްރިންޓިން، އިންޓަނެޓް ފަދަ ގިނަ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް ބީސީސީން ބުންޏެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 5،000 އަކަފޫޓުގެ "އެސްއެމްއީ" ޕާކުގައި މޭކާ ސްޕޭސްތަކާއި، ހެޔޮ އަގެއްގައި ލިބޭނޭ ސްޓޯރޭޖް ޔުނިޓުތަކުގެ އިތުރުން ދިވެހިންގެ އުފެއްދުންތައް ރަނގަޅު ފެންވަރެއްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާކެޓުތަކަށް ނެރުމަށްޓަކައި، ޕެކޭޖިން ފެސިލިޓީއެއް ގާއިމް ކުރެވިގެންދާނެ ކަމަށް ބީސީސީން ބުނެފައިވެ އެވެ.
މިގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުން އުފައްދާ ތަކެތިން، 'ވެލިއު އެޑެޑް' އުފެއްދުންތައް އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބީސީސީން ބުންޏެވެ.
މި ދެ މަޝްރޫއު އަށް ޝައުގުވެރިވާ ފަރާތްތަކުން މެއި 8 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މައުލޫމާތު ސާފުކުރުމަށްފަހު، މެއި 29 ގެ މެންދުރު 12:00ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ބީސީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ބިންގާ އެޅި އެސްއެމްއީ ޕާކު ކޮބާ؟
ހުޅުމާލޭގައި އެސްއެމްއީ ޕާކެއް އަޅަން ބީސީސީން އިއުލާނުކުރިއިރު، އެނަމުގައި އެފަދަ ޕާކެއް ގާއިމުކުރުމަށް 2017 ވަނަ އަހަރު ކުރީގެ ސަރުކާރުން ބިންގާ ވެސް އެޅި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ކ) އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެސްއެމްއީ ޕާކުގެ ބިންގާ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަޅުއްވައި ދެއްވަނީ. -ފޮޓޯ: ޓްވިޓަ
ދައުލަތުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ކަނޑައެޅައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އެ މަޝްރޫއު ހިންގަން އިއުލާނުކޮށް، ބިންގާ އަޅާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ގާތްގަނޑަކަށް 120 އަށް ވުރެ ގިނަ ކުދި ވިޔަފާރިތަކަށް ޖާގަ ލިބޭ އެ މަޝްރޫއު 2018 ވަނަ އަހަރުގެ ޖޫން މަހަށް ނިމޭނެ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.











