އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓަށް ސަމާލުކަން ދީގެން ކަމަށާއި ހިއްކަން ފެށުމުގެ ކުރިން އެ ސަރަހަައްދުގައި ހުރި މުރަކަތައް އެހެން ތަނަކަށް ބަދަލު ކުރާނެ ކަމަށް އެ މަސައްކަތް ހަވާލު ކުރި ނެދަލެންޑްގެ ކުންފުނި، ވެން އޫޑްއިން ބުނެފި އެވެ.
ތިމާވެއްޓަށް ބޮޑު ގެއްލުމެއްވާނެތީ, ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިން ހިއްކުމުގެ މަޝްރޫއު، އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ) ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އިތުރު ޖަމިއްޔާތަކަކުން ވަނީ ގޮވާލައިފަ އެވެ.
އޭގެ ތެރޭގައި ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް، މޯލްޑިވްސް ރިސިލިއަންޓް ރީފްސް، ލޭންޑް ސީ މޯލްޑިވްސް، އިކޯކެއާ މޯލްޑިވްސް ވެސް ހިމެނެ އެވެ.
އަދި އެ މަސައްކަތް ހުއްޓުވައި ދިނުމަށް އަމިއްލަ ފަރާތަކުން ވަނީ މައްސަލައެއް ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލަ ބަލައިގެންފައިވީ ނަމަވެސް ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާ ނުލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރުން ދެކޭ ގޮތުގައި އައްޑޫގައި ހިންގާ މަޝްރޫއަކީ ކުރިއަށް އޮތް 50 އަހަރަށް އެ އަތޮޅުގެ ބިމުގެ ދަތިކަން ހައްލުކޮށް، މުޅި އަތޮޅުގެ އިގްތިސާދު ކުރިއަރައިގެންދާނެ މަޝްރޫއެކެވެ.

އޫޑް ޑްރެޖިން ކުންފުނިން ބުނީ ދެމެހެއްޓެނެވި ގޮތެއްގައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ދިރާސާ ކުރަމުންދާ ކަމަށެވެ.
އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުގެ މުރަކަތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ރާއްޖޭގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރާނީ ޕްރޮޖެކްޓް އެކްސެކިއުޝަން ގެ ކުރިން ހިއްކާ ސަރަހައްދުން މުރަކަ އާއި އެއާ ގުޅިފައިވާ ބާވަތްތައް އެސަރަހައްދުން ގެންދިއުމަށް،" ވެން އޫޑްއިން ބުންޏެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އޫޑް ޑްރެޖިންއާ ހަވާލުކުރީ މިދިޔަ މަހުގެ 27ގަ އެވެ.
އައްޑޫ ބިން ހުއްކުމުގެ މަޝްރޫއުގެ ދަށުން އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާނެ އެވެ.
އަދި އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، 228 ހެކްޓަރުގެ ބިމުގެ އޭރިޔާއެއް އުފެއްދޭނެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 'ވަން-އޮފް' މަޝްރޫއުއެއް ވަނީ ހުށަހަޅާފަ އެވެ.
އެގޮތުން ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫ (75 ހެކްޓަރު) ގައި ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 6.9 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވެ އެވެ. އެއީ ގާތްގަނޑަކަށް 465 ފުޓްބޯޅަ ދަނޑުގެ ތެރެއަށް ދެ މީޓަރު އުސްމިނަށް އަޅާނެހާ ވެއްޔެވެ. އަދި މިކަމަށް ބޭނުންވާ ވެލި ނަގާނީ އައްޑޫގެ އެތެރެވަރިން ދެ ސަރަހައްދަކުންނެވެ.












