ކައިވެނި ވެވޭ އަންހެނާ ގޮވައިގެން މޮޅަދޫ ސައްޔިދު ތޯހާގެ ޒިޔާރަތަށް ގޮސް، ކަންޖާއި ބޮޑިބަތާ އަޅާ އޭނާ ކިރައި އެއިން ސޮދަގާތްކޮށްފިނަމަ އެއީ އެ ކައިވެނީގައި ލެއްވޭ ބަރަކާތެކެވެ. ނުހަނު އުއްމީދު ކޮށްގެން ހުއްޓައި ލިބޭ އަލަތު ދަރިފުޅު ގޮވައިގެން ވެސް ބުރަ، އަދި ދިގު ދަތުރެއްކޮށް ފުރަތަމަ މިސްރާބު ޖަހަނީ މޮޅަދޫ ސައްޔިދު ތޯހާގެ ޒިޔާރަތަށެވެ. މިއީ ޒަމާންތަކެއް ކުރިން، ޒިޔާރަތަށް ނަދުރު ބުނުމުގެ އާދަ ދިވެހިންގެ ތެރޭގައި އޮތްއިރު، މޮޅަދޫ ސައްޔިދު ތޯހާގެ ޒިޔާރަތަށް ދެވިފައި އޮތް ގަދަރެވެ. އެ ޒިޔާރަތަށް ދާ މީހުން ނަދުރު ބުނެ، އެ ނަދުރު ފުއްދުމަށް ޒިޔާރަތަށް ވެދުންކުރާ ކާށިން ކޯދު ފެޅީމާ ގެންގޮސް އިންދި ސަރަހައްދުގައި އެ ހުރީ ޒިޔާރަތް ރުށްގަނޑެވެ.
ހއ މޮޅަދޫ އަކީ ގުދުރަތީ ހާއްސަ ރީތި ސިފަތަކެއް ލިބިފައިވާ ބޮޑު ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އޭ-5 އެވެ.

މޮޅަދޫ: އާބާދީ މަދު ރީތި ރަށެއް
ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ، ބޮޑުމިނުގައި 118 ހެކްޓަރު ހުރި މިރަށަކީ ރާއްޖޭގެ އެންމެ އާބާދީ މަދު އެއް ރަށެވެ. ނަވާރަސަތޭކަ އަށްޑިހަ ފަސްވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބަށް ބަލާއިރު، މިރަށުގައި ދިރިއުޅުނީ 98 އަންހެނުންނާއި 107 ފިރިހެނުންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރުވެސް ރަށުގެ އާބާދީ މާބޮޑުތަނުން އިތުރުވެފައެއް ނުވެ އެވެ. އެ އަހަރު ރަށުގެ ރަޖިސްޓްރީގައި ތިބީ 220 މީހުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު މިހާރު އެރަށުގެ އާބާދީއަކީ 187 އަންހެނުންނާއި 215 ފިރިހެނުންނާއެކު ޖުމުލަ 402 މީހުންނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ރަށުގައި ދިރިއުޅޭ އަދަދު 300 އަށް ނާރަ އެވެ.

ބިން ބޮޑު ރަށަކަށްވުމާއެކު، މިރަށުގައި އެންމެ ބޮޑު އިގްތިސާދީ މަސައްކަތަކީ ދަނޑުވެރިކަމުގެ މަސައްކަތެވެ. މިހާރު އެންމެ ގިނައިން ހައްދާ އުޅެނީ ކަރާ، މިރުސް އަދި ބަރަބޮލެވެ. ފަންގިވިނުމުގެ މަސައްކަތްވެސް މިރަށުގައި ކޮށްއުޅެ އެވެ. ހާއްސަ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެނީ ކަނަމަދު ވިއްކުމެވެ. މާލޭގެ ބާޒާރުން ތިޔަ ފެންނަންހުރި ކަނަމަދުތަކުގެ ބޮޑުއިންސައްތައަކީ މޮޅަދޫ ރައްޔިތުންގެ ބުރަ މަސައްކަތެވެ. ކަނަމަދު މެޓާ ހަދައިގެން އަތޮޅުތެރެއަށާއި މާލެއަށް ވިއްކުމަކީ ވެސް މިރަށުގައި ކުރާ މަސައްކަތެކެވެ.
އާބާދީ މަދު މިރަށުގައި ހުރީ އާންމު ވިޔަފާރިކުރާ ތިން ފިހާރަ އެވެ. ރަށުގައި މިވަގުތު ކެފޭއެއް ނުވަތަ ރެސްޓޯރަންޓެއް ނެތެވެ. އެހެން ނަމަވެސް ރަށުގައި ކެފޭއެއް ހުޅުވުމުގެ މަސައްކަތް އެބަ ކުރިއަށް ދެ އެވެ. ރަށުގައި ގެސްޓްހައުސްއެއް ނެތް ނަމަވެސް ގޭގޭގައި ކުއްޔަށް މީހުން ބައިތިއްބާ ކޮޓަރިތައް ތައްޔާރުކުރެވިފައި ހުރެ އެވެ. މިރަށާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށަކަށް އޮންނަނީ އިހަވަންދޫ އަދި ހޯރަފުށްޓެވެ. މިއިން ކޮންމެ ރަށަކަށްވެސް ސްޕީޑް ލޯންޗްގައި 15 މިނެޓުން ދަތުރުކުރެވޭނެ އެވެ. މިރަށާ ވަރަށް ކައިރީ އޮންނަ ބެރިންމަދޫގައި ރިޒޯޓެއް ހެދުމުގެ މަސައްކަތް ފެށި ނަމަވެސް މިހާރު އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. މި ރިސޯޓަކީ މި ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި އެތައް އިގްތިސާދީ މަސައްކަތެއްގެ ދޮރު ހުޅުވިގެންދާނޭ ޕްރޮޖެކްޓަކަށްވާތީ، މި ރިސޯޓު ތަރައްގީކުރެވިގެން ދިއުމަކީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.
މޮޅަދޫއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ގިނަ އެވެ. މިރަށުގައި ރަނގަޅު ބަނދަރެއް ހެދިފައެއް ނެތެވެ. ފެނާއި ނަރުދަމާގެ ނިޒާމެއް ނެތެވެ. ސުކޫލުގެ ޖާގައިގެ ދަތިކަން އެބައޮތެވެ. ހެލްތު ސެންޓަރުން އެކަށީގެންވާ ހިދުމަތްތަކެއް ލިބޭކަށް ނެތެވެ. ކުނި މެނޭޖްކުރުމަށް ހާއްސަ ސަރަހައްދެއް އެކަށައެޅިފައެއް ނެތެވެ. މިހުރިހާ ދުވަހަކު މި މައްސަލަތަކެއްގެ އަސްލު ގުޅިފައި އޮތީ ރަށުގެ އާބާދީ މަދުވުމާ އެވެ.

މޮޅަދޫ ކުޑަކުދިންގެ ޕާކު
މިހާރު ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށް، އެ ޕާކަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމުގެ މަސައްކަތް އޮތީ ޓެންޑަ ކުރެވިފަ އެވެ. ހައިސްޕީޑް ފެރީ ނެޓްވޯކުގައި މިރަށް ހިމެނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އެބަދެ އެވެ. ރަށުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ސުކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އިތުރު ކްލާސްރޫމުތައް ހެދުމުގެ މަސައްކަތް އޮތީ ހަވާލުކުރެވިފަ އެވެ. ކުނިމެޖޭޖްކުރުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އޮތީ ޕްލޭންކުރެވިފަ އެވެ.
މި ހުރިހައި ޕްރޮޖެކްޓެއް ހިންގައި ނިންމުމަށް ރޭވިފައިވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ. މި ޕްރޮޖެކްޓްތައް ނިމުމުން މޮޅަދޫއަށް ދިމާވެފައި އޮތް ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ އެވެ.
މޮޅަދޫއަކީ ރާއްޖޭގެ ތާރީހާ ގުޅިފައި އޮތް ރަށެކެވެ. ރަށުގައި ހުރި އާސާރީ ހުކުރު މިސްކިތުގައި އޮތް ވެވުގައި އޮތް ތާރީހަކީ ހިޖުރައިން 1201 އެވެ. މީލާދީ ސަނަތަށް ބަލާއިރު އެއީ 1786-1787 އެވެ. މި ވެވަށް އެއްވެސް ގެއްލުމެއް ނުލިބި އަދިވެސް ސަލާމަތުން އެބަހުއްޓެވެ. މިވެވު ހަދާފައިވަނީ ތަނބުގެ ގޮތުގައި އަޑިއަށް ރުށްގުޅިޖަހައި، އޭގެ މަތީގައި ބޮޑެތި ވެލިގާ ޝީޓު ޖަހައިގެން ކަމަށް މިހާތަނަށް ކުރެވުނު ދިރާސާތަކުން އެނގެން އޮވެ އެވެ.
މޮޅަދޫ ސައްޔިދު ތޯހާއާމެދު ބުނެވޭ ގޮތުގައި އެއީ މަތީރަށްފުޅުގައި އޮންނެވި ވަލީވެރިކަލޭފާނުގެ އާއިލާ ބޭފުޅެކެވެ. ސައްޔިދު ތޯހާގެ ސަންދޯއް މޮޅަދޫއަށް ލެއްގީ އެވެ. އެ ސަންދޯއް ފެނުނު މީހުން ރަށުގެ މިސްކިތުގައި ސަންދޯއް ވަޅުލައި، ޒިޔާރަތް އެރުވީ އެވެ. އެކަން ނިމުނުތަނާ މޮޅަދުއަށް ދިގު ހޮޅި ދަނޑިއެއް ލައްގައިފި އެވެ. މޮޅަދޫގެ ރައްޔިތުން ނިންމީ އެއީ އެރަށުގައި ސައްޔިދު ތޯހާގެ ޒިޔާރަތް ހެދުމާ ގުޅިގެން އެ ޒިޔާރަތުގައި އެ ދިދަ ދަނޑި ނެގުމަށް ވީ އިލްހާމެއް ކަމަށެވެ. އަތޮޅުވެރިންނަށް މި ހަބަރު ލިބިވަޑައިގަތުމުން އެންގެވީ އެ ދިދަދަނޑި އަތޮޅު އޮފީހަށް ފޮނުވުމަށެވެ. އަދި މޮޅަދޫ ޒިޔާރަތުގައި އޮތީ ދިދަދަނޑި ޖަހަންޖެހޭ ވަރުގެ ބޭކަލެއްކަމަށްވިއްޔާ އަދި ދިދަދަނޑިއެއް ލައްގާނޭ ކަމަށް އަތޮޅުވެރިން ވިދާޅުވިކަމަށްވެ އެވެ. މި އެންގެވުމާ ގުޅިގެން މޮޅަދޫ ރައްޔިތުންނަށް ޖެހުނީ ހޮވި ދިދަދަނޑި އަތޮޅު އޮފީހަށް ފޮނުވާށެވެ. އެހެން އެކަން ހިނގާފައި އޮއްވައި އަނެއްކާ ވެސް މޮޅަދޫއަށް ދިދަ ދަނޑިއެއް ލެއްގި އެވެ. މޮޅަދޫ ސައްޔިދު ތޯހާގެ ޒިޔާރަތުގައި ނެގީ މި ދިދަ ދަނޑި އެވެ.

މޮޅަދޫ ކުޅި
މޮޅަދޫ ޒިޔާރަތަށް ނަދުރުބުނުމުގެ ސަގާފަތު އުވިގޮސްފި އެވެ. އެރަށު ރައްޔިތުން މިހާރު އެތަނާމެދު ދެކެނީ ރާއްޖޭގެ ތާރީހު ދައްކުވައިދޭ އާސާރީ ބިނާއެއް ކަމުގަ އެވެ. އެއީ މޮޅަދޫގެ ފަހުރުވެރި ތާރީހެވެ.
މޮޅަދޫ ރައްޔިތުންނަކީ އެކުވެރި ބަޔެކެވެ. ރަށުގެ ގޭގޭގައި މެހެމާނުން ތިބެން ހާއްސަކޮށްފައިވާ ކޮޓަރިތަކުގައި ތިބެން ކޮންމެވެސް ވަރެއްގެ އަގެއް ނެގިނަމަވެސް މެހެމާންދާރީ އަދާކުރަނީ އުފަލެއް ކަމުގައި ދެކިގެންނެވެ. މާލެ ފަދަ ކާރޫބާރު ބޮޑު، ތޮއްޖެހިފައިވާ ރަށެއްގައި ދިރިއުޅޭ މީހަކަށް މޮޅަދޫގެ ހަމަހިމޭން ޖައްވުން ކުރުވާނޭ އިހުސާސަކީ އެހެން ދަރަޖައެއްގެ އުފަލެކެވެ.













