ދިވެހި ކުޅިވަރުގެ ތާރީހުގައި ހާއްސަކޮށް ފާހަގަކުރެވޭނެ އެއް ސަހުސިއްޔަތަކީ ރިނބިދޫ އަހުމަދު ނާސިރެވެ. ރާއްޖޭގެ ކުޅިވަރު މިހާރު މި އޮތް ހިސާބަށް އައުމުގައި ނާސިރު ފަދަ ބޭފުޅުން ވަނީ ދިވެހި ކުޅިވަރުގެ ޅަފަތުގެ ދައުރުގައި މުހިންމު ބިންގަލެއް އަޅުއްވައިފަ އެވެ. އޭގެ އަށް އެންމެ ބޮޑަށް ބާރު ލިބޭ އެއް ސަަބަބަކީ، ނާސިރުގެ ފަރާތުން ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ކުޅިވަރު ތެރެއަށް ނުކުތް އޭނަގެ ދަރިން ވެސް ކުޅިވަރަށް އަގުހުރި މަަސައްކަތްތަކެއް ކޮށްދޭމުން އަންނާތީ އެވެ.
ނާސިރުގެ ދަރިފުޅު، ނީޝާމް ނާސިރަކީ ކުރިން މަޝްހޫރު ކުޅިވަރު ތަރިއެކެެވެ. މި ވަގުތު ގައުމީ ކްރިކެޓް ޓީމުގެ ކޯޗެވެ. ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަމަށް އައުމާ ހަމައަށް، އަދި އޭގެ ފަހުން ވެސް ނީޝާމަށް އަބަދުވެސް އެންމެ ގާތުން ލިބެނީ ބައްޕަ އާއި މުޅި އާއިލާގެ ސަޕޯޓެވެ.
ނީޝާމް ދެކޭ ގޮތުގައި ކުޅިވަރު ދަންނަ މީހަކުގެ އެހީތެރިކަން ލިބުމަކީ ވަރަށް ބޮޑު ކަމެކެވެ. އޭނާގެ ކެރިއަރުން އެކަން ސާބިތުވާނެ އެވެ. ނީޝާމް އަށް އަބަދު ވެސް ލިބުނު އެއްބާރުލުމަކީ ބައްޕަގެ ސަޕޯޓެވެ. މިހާ ހިސާބަށް އައުމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނީޝާމް އަށް ބައްޕަ، ނާސިރުގެ އެއްބާރުލުން ބޭނުންވި ކޮންމެ ހިނދެއްގައި ދިޔައީ ލިބެމުންނެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ނީޝާމް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ކުޅިވަރު ތެރެއަށް ދިއުމުގައި ނީޝާމް އަށް ވެސް ހިތްވަރު ލިބުނު އެއް ކަމަކީ އުޅެބޮޑުވި ސަރަހައްދާއި ސްކޫލްގައި ވެސް ރަށްޓެހިން ކުޅިވަރުގެ ތެރޭގައި ޝާމިލުވެ އުޅުމެވެ.
"ދެން، ބައްޕަ (ނާސިރު) އަކީ ކުޅިވަރުގެ ބޮޑު މީހެއް ކަމަށް ވީމަ، ބައްޕަ ކްރިކެޓް ކުޅުއްވާނެ، ފުޓްބޯޅަ ވެސް، އަދި އެހެން ކުޅިވަރު ވެސް ކުޅޭނެ، ބާސްކެޓް ވެސް ވޮލީ ވެސް. އެހެން ކަމަށް މި ބަލަނީ ކުޅިވަރު ތެރެއަށް ވަދެވުނީ. ކްރިކެޓްގެ އެންމެ ދުރު ހަނދާނަކީ ގޭ ކުރިމަތީގައި ހުންނަ ގެޔާ. ކައިރީގެ ބައެއް ގޭގަ އަށް ކްރިކެޓް ކުޅެން ދާ ހަނދާން،" ކްރިކެޓް ކުޅެން ފެށުނު ގޮތް ނީޝާމް ކިޔައިދިނެވެ.
ރާއްޖޭގެ ކުޅިވަރުގައި އެންމެ ފުރަތަމަ އުޅުނު ގިނަ ތަރިންނަކީ އެކިއެކި ކުޅިވަރު ކުޅުނު ހުނަރުވެރިންނެވެ. ނީޝާމް އަކީ ހަމައެކަނި މޮޅު ކްރިކެޓް ކުޅުންތެރިއެއް ނޫނެވެ. އޭނާ ފުޓްބޯޅައިގައި ވެސް ހުނަރު ސާބިތުކޮށްދިނެވެ.
ފުޓްބޯޅަ ފަދަ ކޮންޓެކްޓް ސްޕޯޓެއްގައި އަނިޔާގެ ކަންކަން ކުރިމަތިވެ، ގިނަ ބަޔަކު ކެރިއަރު ނިމުމަކަށް ގެންނަން ޖެހިފައިވާކަން ތާރީހުން ފެންނަން އޮތްއިރު، ނީޝާމްގެ ވާހަކަ ވެސް އޭގެ ތެރޭގައި ހިމަނަލާން ޖެހެ އެވެ. ނީޝާމްގެ ފުޓްބޯޅަ ކެރިއަރު ވެސް ނިމުމަކަށް ގެންނަން ޖެހުނީ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި އެވެ. އޮޕަރޭޝަން ކޮށްފައި އަލުން އައިސް ދެ އަހަރެއް ކުޅެވޭތޯ ބެލި ނަމަވެސް އަމިއްލަ ސިއްހަތަށް އިސްކަން ދީ ނީޝާމް ނިންމީ ފުޓްބޯޅަ ބޫޓު އެ ހިސާބުން ބަހައްޓާށެވެ.
ގައުމަށް ކޮންމެ ވެސް ރީތި ނަމެއް ހޯދައިދޭން ކޮންމެ ވެސް ކުޅިވަރެއް ކުޅެން ވާނެއޭ ހިތާ އެ ގޮތަށް ހިތައް އެރީ ކްރިކެޓުންނޭ ދެން ކުރިއަށް ދާނީ - ނީޝާމް
އެއް ކަމެއްގެ ނިމުމަކީ އަނެއް ކަަމަކަށް ދޮރު ހުޅުވޭ ހިސާބު ކަމަށް، ދުނިޔެ ދައްކާފައިވާ މިސާލުތަކުން ހެކި ލިބެން އެބަހުއްޓެވެ. ނީޝާމްގެ ކްރިކެޓް ކެރިއަރު ވެސް މިއީ އެ ކަހަލަ ވާހަކަ އެކެވެ. ސްކޫލް ދައުރުގައި ކްރިކެޓް ކުޅެފައިވާ ނީޝާމަށް ރަސްމީކޮށް ކްރިކެޓަށް ހުސްވެގެން ކުރިއަށްދާން ދޮރު ހުޅުވުނީ، ފުޓްބޯޅައިގެ ޗެޕްޓަރު ނިންމާލިތާ މާގިނަ ދުވަހެއް ނުވެ އެވެ.
"ފުޓްބޯޅަ ކުޅުން މަޑުކޮށްލައިގެން ހުރީ، ހުއްޓައި، ނިއު ރޭޑިއަންްޓްގެ ފަރާތުން ރިކުއެސްޓެއް އައީ. ކްރިކެޓް ކުޅެލަން، ނިއު ރޭޑިއަންޓްގައި ސްކޫލް ދައުރުން ފެށިގެން ވެސް އެންމެ ކުޅުނު ކުޅުންތެރިން މޫސަ މެން، ވެސް އެ ޓީމުގައި ތިބީ. އެ ރިކުއެސްޓަށް ކުޅެން ފެށީ." ރަސްމީކޮށް ކްރިކެޓަށް އައި ގޮތް ނީޝާމް ކިޔައިދިނެވެ.
"2000 (ވަނަ އަހަރު) ގައި ރަސްމީކޮށް ކްރިކެޓް ކުޅެން ފެށީ، ދެން އޭރުގައި އެނގޭ އަހަރެމެންނާ އެއް ލެވަލެއްގައި ކުޅެފައި އައިސް ތިބި ބަޔަކާ އެކީގައި ކަން މި ކުޅެނީ. ސްކޫލް އޭޖްގެ ގޮތުން ދެން އެ މީހުންނާ އެއްވަރަށް ހިފެހެއްޓޭތީ ގައުމަށް ކޮންމެ ވެސް ރީތި ނަމެއް ހޯދައިދޭން ކޮންމެ ވެސް ކުޅިވަރެއް ކުޅެން ވާނެއޭ ހިތާ އެ ގޮތަށް ހިތައް އެރީ ކްރިކެޓުންނޭ ދެން ކުރިއަށްދާނީ،"

ކްރިކެޓް މުބާރާތެއްގެ ގުރުއަތުލުމުގެ ތެެރެއިން ނީޝާމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ގައުމީ ޓީމަށް ކްރިކެޓް ކުޅެން ފެށިިއިރު، މިއީ ވެސް ފަސޭހަނުވާނެ ޗެލެންޖެއް ކަން ނީޝާމް ގަބޫލުކުރި އެވެ. އެއީ މަޝްހޫރު ގިނަ ކުޅުންތެރިންނާއި ގިނަ ދުވަހު ރަސްމީކޮށް ކްރިކެޓްގެ ކުޅެފައި ތިބި ކުޅުންތެރިންގެ ތެރެއިން ޓީމަށް އަރަން ކުރަން ޖެހޭ މަސައްކަތުގެ ގޮތުންނެވެ. އެކަމަކު، ކުޅިވަރުގައި ކުރިއަށްދެވޭނީ ރަނގަޅު އަހުލާގު މަތީގައި ސާބިތުވެ ހުރެ، 100 ޕަސެންޓް ދީގެން ކޯޗުންގެ ބަސް ވެސް އަހައިގެންކަން ގަބޫލުކުރެވޭތީ އޭނާ ހުރީ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާ ޔަގީންކަމާ އެކު އެވެ.
ގައުމީ ޓީމުގައި ކުޅެލަން ލިބުމުން މާޒީ އަށް ބަލައިގެން ނީޝާމަށް ހިތްވަރު ހޯދޭނެ ކަންކަން ވެސް ހުއްޓެވެ. އެ ގޮތުން ސްކޫލް ދައުރުގައި މަޖީދިއްޔާ ޓީމަށް ކްރިކެޓް ކުޅުނުއިރު، ލަންކާ އާއި އިންޑިއާގައި ކޭމްޕް ތަކެއް ފުރިހަމަކޮށްފައި ހުރުމަކީ، ބައިނަލްއަގުވާމީ ލެވަލްގެ ކްރިކެޓަށް އޭނާގެ ލޯ ހުޅުވިފައި ހުރި ސަބަބެކެވެ.
"ކުރާހިތުން މި ކުރަނީ. އެހެންވެ، ޗެލެންޖަކަށް ނުވޭ. ކޯޗުންގެ ބަސް އަހައިގެން މަސައްކަތް ކުރުން އެއީ އެންމެ ރަނގަޅަށް ގައުމީ ޓީމުގައި ވެސް ކްލަބް ކްރިކެޓްގައި ވެސް ކުރިއަށް ދެވުނު ސަބަބަކީ،" ނީޝާމް ބުންޏެވެ.
"އަސްލު ކްރިކެޓެއް އެހާ ވަރަށް ނުއެއް ބަލަން، ބެލޭނީ ވެސް ފުޓްބޯޅަ،"
އޭސީސީ ދެކުނު އިރުމަތީ އޭޝިއާގެ އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އިން 2005 އަދި 2006 ގައި ހޯދިއިރު، ނީޝާމް އަކީ ޓީމުގެ މުހިންމު ނަމެކެވެ. އަދި އޭގެ ފަހުން 2010 ވަނަ އަހަރު ތައިލެންޑްގައި ބޭއްވި ޗެލެންޖް މުބާރާތުން ލިބުނު ކާމިޔާބީގައި ވެސް ނީޝާމްގެ ދައުރު އެބައޮތެވެ.
ކްރިކެޓުން 2014 ވަނަ އަހަރު ރިޓަޔާކުރިއިރު، ވެސް ނީޝާމްގެ ކެރިއަރު ކްރިކެޓުން ދެވޭނެ މަގެއް އޮތީ ކޮށިފަ އެވެ. އެއީ ކުޅެމުން އައިއިރު، ހެދި ކޯޗިން ކޯހެއްގެ ސަބަބުންނެވެ.
ކްރިކެޓް ކޯޗިން އިން ކުރިއަށް ދިއުން ވެސް ނީޝާމަށް ހާއްސަ
ރާއްޖޭގެ ކްރިކެޓްގެ ބެލެނިވެރި ފަރާތް، ކްރިކެޓް ބޯޑުން 2006 ވަނަ އަހަރު، ކްރިކެޓް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ބޭއްވި އެވެ. އޭރު އެންމެ މަތީ ފަންތީގައި ކުޅެމުން އައި، ކުޅުންތެރިން އެ ޕްރޮގްރާމްގައި ބައިވެރިވިއިރު، ނީޝާމް އަކީ އޭގެއިން އެކަކެެވެ.
ކްރިކެޓް ބޯޑުން ބޭއްވި އެ ޕްރޮގްރާމް ފުރިހަމަކޮށް، ނީޝާމް ވަނީ ދޮޅު އަހަރެއް ވަރު، ސްކޫލެއްގެ ޓީމެއްގައި ކޯޗިން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، ކުޅުމާއި ކޯޗިން އަކީ އެއްވަރަކަށް ފޯކަސް ކޮށްގެން އެއް ވަގުތެއްގައި ކުރެވޭނެ ކަމަކަށް ނުވާތީ، ބޮޑަށް ކުޅުމަށް ވަގުތު ދޭން ނީޝާމް ނިންމީ ކޯޗިން މަޑުޖައްސާލާށެވެ.
"ދެން، 2014 ގައި ކުޅުން ހުއްޓާލާފައި. ދެ އަހަރު ވަންދެން ގައުމީ ކްރިކެޓްގެ އެއްވެސް ކަމެއްގައި އަނެއްހެން ނޫޅެވި، ނެޝަނަލް ޓީމު ކުޅޭތަން ވެސް ނުފެނި އުޅެވުނީ. ވާ ގޮތަކީ ކުޅޭތަނަށް އައީމަ މާ ބޮޑަށް ކުޅޭހިތްވަނީ،" ނީޝާމް ބުންޏެވެ.
"ދެން، ދެ އަހަރު ފަހުން ކުޅުންތެރިން ކުޅޭތަން ބަލާލަން އައިސްފައި ހިތަށް އެރީ. މިތަނަށް ނައިސް އަސްލު ނެތޭ ވާކަށް. ކޮންމެ ވެސް ކަހަލަ ކަމެއް އެބަ ކޮށްދޭން ޖެހެއޭ އަަހަރެމެން މި ކަމުގައި އުޅެފައި ތިބި މީހުން. އެހެން ހިތަށް އަރާފައި، 2016 ގައި ކޯޗިން އަށް އަލުން ނުކުތީ ވަކި އަނެއްހެން ޓާގެޓްތަކެއް ކޮށްގެނެއް ނޫން. އައީ ހަމަ އޭރު ތިބި ކޯޗުންނާ އެކީ ޓީމަށް އެހީވާން،"
ގައުމީ ޓީމު ގޮވައިގެން އުޅުމަކީ ރާއްޖެ ކޮނޑަށް ލައިގެން އުޅުން ފަދަ ކަމެއް - ނީޝާމް
ކޯޗިން ކެރިއަރެއް ބައްޓަން ކުރަން ނީޝާމް އަށް އެކިއެކި މަރުހަލާ ކަޑަތުކުރަން ޖެހި، ރަނގަޅު ކަންތައްތަކެއް ވެސް ދަސްވި އެވެ. އެ ގޮތުން 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެގެން ކުރި ތަޖުރިބާ އަކީ ނީޝާމް އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމެކެވެ. ނީޝާމަށް 16 އަހަރުން ދަށުގެ ޓީމާ އެކު ކުރިއަށްދާން ފުރުސަތު ފަހިވީ އޭރު ހުރި ކޯޗު އާސިފް ހާން އެކަން ކުރަން ބާރު އެޅުމުންނެވެ. ނީޝާމް އެ ޗެލެންޖް ނެގީ، އުފަލަން ޖެހޭނެ ބުރަ އަކަށް ބެލުމެއް ނެތި، ގިނަ ކަންތައްތަކެއް ދަސްވާނެތީ އެވެ.
"އޭރު ނޭނގޭ (ގައުމީ 16 އަހަރުން ދަށުގެ ޓީމަށް) އަންނަނީ ކޮން ކުދިންނެއް ކަމެއް ވެސް. ތިރީސް ކުދިން އައިސް ތިބި ޕްރެކްޓިސް އަށް. އޭރު އައިސްތިބި 70 ޕަސެންޓް ކުދިންނަކީ ހަރު ބޯޅައިގައި އަތްލާފައި ވެސް ތިބި ކުދިންނެއް ނޫން. މުޅިން ވެސް ޓޭޕްބޯޅަ ކުޅެފައި ތިބި ކުޅުންތެރިން ތިބީ. ވަރަށް ގިނަ ދުވަހު ގިނަ ވަގުތު ދީގެން ރަނގަޅު މަސައްކަތެއް ކުރެވުނު. މުބާރާތަށް ގޮސް، އުންމީދުކުރި ވަރަށް ވުރެ ވެސް ރަނގަޅަށް ކުޅުނު،" ނީޝާމް ބުންޏެވެ.
އޭގެ ފަހުން ގައުމީ ސީނިއާ ޓީމުގެ ކޯޗުކަމާ ހަވާލުވާން ޖެހުނުއިރު، ވެސް ނީޝާމް އަށް ގޮންޖެހުންތަކެއް ހުއްޓެވެ.
ނީޝާމް ބުނީ ފުރަތަމަ ކޯޗުކޮށްދޭން ޖެހުނު ސީނިއާ ގައުމީ ޓީމުގައި ތިބީ އެކީގައި ކުޅުނު ވަރަށް ބައިވަރު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ.
އޭރު ގައުމީ ޓީމުގެ 80 ޕަސެންޓް ކުޅުންތެރިންނަކީ ނީޝާމާ އެކީގައި ގައުމީ ޓީމަށް ކުޅެފައި ތިބި ކުޅުންތެރިންނެވެ.
"ކުޑަކޮށް ހިތަށް އެރި ޕްރެޝަރެއް އައިސްފާނެހޭ. އެކަމު، ކުޅުންތެރިން. ވަރަށް ރަނގަޅޭ ބުނެވުނީ. އައިސީސީ ކްރިކެޓް ޗެލެންޖް 2017 މުބާރާތް ރަނގަޅަށް ދިޔައީ، ބައެއް ޓީމުތައް ސަޕްރައިޒް ކޮށްލެވުނު ފީލްޑިން އާއި ބޯލިން އިން. ބެޓިން ކޮންމެ ވެސް ވަރަކަށް ފެއިލްވި،" ކޯޗެއްގެ ގޮތުގައި ފުރަތަމަ މުބާރާތް ހަނދާން އާ ކުރަމުން ނީޝާމް ބުންޏެވެ.
"ގައުމީ ޓީމު ގޮވައިގެން އުޅުމަކީ ރާއްޖެ ކޮނޑަށް ލައިގެން އުޅުން ފަދަ ކަމެއް. އަސްލު އެހެން ވިސްނަނީ، މުޅި ގައުމު ރިޕްރެޒެންޓް ކުރުން، އެ ގޮތަށް ވިސްނަނީ. ފުރަތަމަ ނެޝަނަލް ޓީމު ކޯޗަކަށް ވާން ތައްޔާރުހޭ އެހީމަ ވެސް އެ ގޮތަށް ހިތަށް އެރީ. މުޅި ގައުމު ގޮވައިގެނޭ މި ކަމުގައި ކުރިއަށް ދާން މި ޖެހެނީ. ވަރަށް ބޮޑު ޒިންމާއެއް،" ނީޝާމް ބުންޏެވެ.
ކުޅުމުގެ ކެރިއަރުގައި ނީޝާމް އަބަދު ވެސް ފަހުރުވެރިކަމާ އެކު ހަނދާން އާ ކުރާނެ ތަޖުރިބާތަކެއް އެބަހުއްޓެވެ. އޭގެއިން ހާއްސަ ކަމަކީ 2005 ވަނަ އަހަރު އޭސީސީ މުބާރާތް ކާމިޔާބު ކުރެވުނު ދުވަހު ފުރަތަމަ ފަހަރަށް ޓީމު އިވެންޓް މުބާރާތަކުން ރާއްޖެ އަށް ތަށްޓެއް ގެނެވުމެވެ. ދެން، ޖެހިގެން އައި އަހަރު ވެސް އެ މުބާރާތުގެ ތަށި ހޯދުމާއި 2010 ވަނަ އަހަރު ތައިލެންޑްގެ ޗެލެންޖް މުބާރާތުން މޮޅުވެގެން ރާއްޖޭގެ ކްރިކެޓް އެހެން ލެވަލަކަށް ގެންދެވުން ވެސް އެއީ ނީޝާމްގެ ކްރިކެޓްގެ ހާއްސަ ހަނދާން ތަކެވެ.
މީގެ ތެރެއިން 2010 ވަނަ އަހަރު ތައިލެންޑް މުބާރާތުގެ ކާމިޔާބީ އަށް ފަހު، ކްރިކެޓް ޓީމު މާލެ އައިއިރު، ހޫނު މަރުހަބާއެއް ޓީމަަށް ކިޔެވެ. ރާއްޖޭގެ ނިސްބަތުން މަދު ބަޔަކު ކުޅެމުން އައި ކްރިކެޓް އިން ފަހުރުވެރި ވަނައެއް ހިފައިގެން އައިސް، ގައުމުގެ އެންމެން ހެއްވާލިއިރު، ފެނުނު މަންޒަރުތަކުން އޭރު ޓީމުގައި ހިމެނުނު ނީޝާމް އަށް ވެސް އުންމީދު އާވި އެވެ.
"އެ ދުވަހު މާލެ އައިއިރު، އެ ސަރަަހައްދު އެއްކޮށް ފުރާލާފައި އޮތީމަ ވަރަށް އުފާވި. ދެން އެ ތަނުގައި ކުރީގެ ކުޅުންތެރިންނާއި ކުޑަކުދިން ވެސް ކްރިކެޓް ދިދަ ހިފައިގެން ތިބީމަ އުފާވި. ހިތަށް އެރި ރާއްޖޭގެ ކްރިކެޓް ކިހާ މައްޗަކަށް ގެންދެވިދާނެއޭ. އެއީ އެހާ ބައިވަރު ބަޔަކު އެތާ ތިބީމަ. ދެން އިހުސާސްވީ އެ ތަނަށް އެހާ ގިނަބަޔަކު އައިސްތިބީ ކްރިކެޓް ބަލާ ގިނަ ބަޔަކު ވެސް ތިބީމައޭ،" ނީޝާމް ބުންޏެވެ.
"އެތަނުގައި ދިދަ ހިފައިގެން ތިބި ކުޑަކުދިން މިއަދު ގައުމީ ޓީމުގައި ތިބީމަ އަދި މާ އުފާވޭ. ވެދާނެ އެކަމުގެ ސަބަބުން އެ ކުދިންނަށް ހިތްވަރެއް ލިބުނީ،"

ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް (ކ) ނީޝާމް އަށް ގައުމީ ކޯޗުގެ ޖޯޒީ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ނީޝާމް ދެކޭ ގޮތުގައި ރާއްޖެ އަށް ކްރިކެޓްގެ މުސްތަގުބަލު އެބައޮތެވެ. ހުނަރުވެރި ކުޅުންތެރިންނަށް ބަލާއިރު، ބިދޭސީ ގައުމެއްގެ ލީގެއްގައި ކުޅެވޭނެ ފަދަ ހުނަރުވެރި ތަރިން ވެސް މި ފަސް ގަނޑުގައި އެބަތިބި އެވެ.
ރާއްޖޭގެ ކްރިކެޓްގައި ނީޝާމް އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެންމެ ފުރަތަމަ ކަމަކަށް އައިސީސީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ރައުންޑުން ފުރުސަތު ލިބޭނެ ދުވަހެކެވެ. ނީޝާމް ދެކޭ ގޮތުގައި އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ. އެއީ ކުޅުމުގެ ކެރިއަރުގައި ވެސް އެ ފުރުސަތު ލިބުމާ ނުހަނު ގާތުގައި އޮވެ، އެކަން ނުވެ ދިއުމުން އޭރުން ފެށިގެން ފިލާވަޅު ނަގަމުން އަންނާތީ އެވެ.
"އަޅުގަނޑުމެން އައިސީސީ ވޯލްޑް ކަޕް ކޮލިފައިން ދެ މުބާރާތެއްގައި ކުޅުން އިރު ވެސް ހަމަ ކުޑަކުޑަ ތަންކޮޅެއް ބަލިވެގެން ދިޔައީ. އެއީ ތައްޔާރީ ކުޑަކުޑަ ތަންކޮޅެއް ދަށްވެގެން ވާ ގޮތެއް ކަމަށް ފެންނަނީ. އެ ރަނގަޅު ކުރެވިއްޖިއްޔާ އަނެއް ރައުންޑަށް ދެވިދާނެ. ހަމައެކަނި ކުޅުންތެރިން މަސައްކަތް ކޮށްގެން ނުވާނެ. އެހެން ކަންކަން ވެސް ރަނގަޅުވާން ޖެހޭ،" ނީޝާމް ބުންޏެވެ.
ނީޝާމް އެ އިޝާރާތްކުރި އެހެން ކަންކަމުގެ ތެރެއިން އެންމެ ބޮޑު ކަަމަކީ ރަނގަޅު ކްރިކެޓް ޓާފެއް ރާއްޖޭގައި އޮތުމެވެ. މާލޭގައި ރަނގަޅު ޓާފެއް އޮވެ، އެ ފެސިލިޓީގައި ގަވާއިދުން ޕްރެކްޓިސް ކޮށްލާފައި ބޭރަށް ގޮސް ދިވެހި ކުޅުންތެރިން ކުޅޭ ދުވަހަކު ތަފާތު ފެންނާނެ ކަމަށް ނީޝާމް ގަބޫލުކުރެ އެވެ. އެ ޔަގީންކަން އޭނާ އަށް އެބައޮތެވެ.
ކުޅިވަރު ކެރިއަރެއް ރަނގަޅަށް ބައްޓަން ކުރަން ބަލާއިރު، ކުޅުންތެރިއަކަށް އަބަދުވެސް އެންމެ ބޮޑު ސަޕޯޓެއް ދޭން ޖެހޭ އެއް ބަޔަކީ ބެލެނިވެރިންނެވެ. އާއިލާ އެވެ. ނީޝާމް މެން ފަދަ ހުނަރުވެރި ކުޅުންތެރިން ކުޅުނު ދުވަސްވަރު ވެސް އޮތީ ވަޒީފާއެއް އަދާކޮށްފައި އައިސް ކުޅުމެވެ. މިއަދު ވެސް އެކަން އޮތީ އެހެނެވެ.
އެތުލީޓެއް ސިފަތައް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަށަގެންނެވުމާއި ކެރިއަރެއްގެ ސިފައިގައި ކުޅިވަރެއްގައި ކުރިއަށް ދިއުމުގައި ބެލެނިވެރިންނާއި ކޯޗުން އަދި ކުޅުންތެރިން ޖެހޭނީ އެކުގައި އެއް ހަމައެއްގައި ވިސްނައިގެން މަސައްކަތް ކުރާށެވެ. ނީޝާމް ދެކޭ ގޮތުގައި ކޮންމެ ކުޅިވަރެއްގައި ވިޔަސް މި ތިން ބައި އެކުނުވެ، ބޭނުންވާ މިސްރާބަކަށް ނުދެވޭނެ އެވެ.












