ރަމަޟާން މަހުގެ މަތިވެރިކަމާއި މާތްކަން އަދަބިއްޔާތުގެ ތެރެއިން އެންމެ އަލިގަދަކޮށް ފެންނާން އޮންނަނީ ޅެންވެރިކަމުންނޭ ދެންނެވުން ގޯހެއް ނުވާނެ އެވެ. ޅެމާއި، ލަވަ އާއި މަދަޙަ، ޘަނާ އާއި ދުޢާގެ ތެރެއިންނެވެ. މޮޅެތި ގިނަ ޅެންވެރިން އެ މައްސަރެއްގެ މަތިވެރިކަމުގެ މައްޗަށާއި އިސްލާމީ ތާރީޚާއި ކީރިތި ރަސޫލާގެ ސިޔަރަތުގައި ރަމަޟާން މަހު ހިނގާފައިވާ ހާދިސާތަކަށް ޅެންބަހުރުވައިން އިންސާފުކުރައްވާފައިވެ އެވެ. މިއަދު، އަޅުގަނޑު މި މަސައްކަތް ކުރަނީ އެ ތަނުން ބައެއް ޅެމާއި މަދަޙައިގެ ތެރެއިން ރަމަޟާން މަހާއި އެމަހުގެ މާތްކަމަށް އަލިއަޅުވާލުމަށެވެ.
ދެބަސްވުމެއް ނެތްގޮތުގައި ރަމަޟާން މަހުގެ ވާހަކަވެސް އެންމެ ފުރިހަމައަށް ޅެންބަހުރުވައިން ފެންނަ އެއް ފޮތަކީ ޔޫސުފު މުޙައްމަދު ފުޅުގެ ގަލަމުން އަމުނުއްވާފައިވާ "ސީރަތުގެ މަދަހަ" މި ފޮތެވެ. މި ފޮތުގެ ނަން މާ ގިނަ ކިޔުންތެރިންނަށް ދެކެފަރިތަ ނަމަކަށް ނުވުން އެކަށީގެންވެ އެވެ. އެހެން ނަމަވެސް އަދިވެސް، ދިވެހި ރޭޑިއޯ އަދި ޓީވީ ޗެނަލްތަކުން މި މަދަޙަތައް އަޑުއިވެމުންދެ އެވެ. ބަދުރު ހަނގުރާމައިގެ ހަނދާނުގައި ހައްދަވާފައިވާ މަދަޙަތަކުގެ ތެރެއިން "ރަމަޟާން މަހުގެ 17 ވަނަ ދުވަހުގެ މުނާސަބަތުގައި ބަދުރު ހަނގުރާމައިގެ ހަނދާން" ("ކުރަންވީ ހަނދާނާއި ޛިކުރާ ތަކޭމީ...") މި މަދަޙައަށް ފުރަތަމަ ބަލާލާނަމެވެ. ބަދުރު ހަނގުރާމަ ހިނގާދިޔަ ގޮތާއި މުސްލިމުންނާއި މުޝްރިކުންގެ ހަރަކާތްތައް ރޭވިގެން ދިޔަ ގޮތުގެ ތަފްޞީލު ދެއްވާފައިވަނީ ސަޙާބީންގެ ނަންފުޅުވެސް ހިމަނުއްވައިގެންނެވެ. މައިގަނޑަކާއި 27 ކަޑީގެ ދިގު މި މަދަޙަ ކިޔަމުންދާއިރު، ތިމާއަށް މި ހުރެވުނީ ބަދުރުގެ މައިދާނުގައޭ ހީވާ ކަހަލައެވެ. ކުޑަ މިސާލެއްގެ ގޮތުގައި މަދަހައިގެ ފަހު ތިން ކަޑި މިތާ ނަކަލުކޮށްލާނަމެވެ.
" މި އުއްމަތުގެ ފިރުޢައުނުވެސް ޤަތުލުވީތާ، ވަކިން އަދި އަދާވާތް އިތުރު ފާޅުވެވިގެން
ފިލާވަޅު މިމާތް ޤުދުރަތުގެ ދެއްކެވީތާ، ޒަމާންތައް ހަނދާންކޮށް ކުރާ ޔާދުތާމީ
ކުރަންވީ ހަނދާނާއި...
ކިހާ މަދުބައެއްތޯއެ ގަދަފަދަ މިވީދެން، އެހާގިނަ ޢަދަދަކާއި ހަނގުރާމަކޮށްގެން
ތެދޭ ނަޞްރަކީ އިޒުނައޭ މާތް އިލާހީ، މިދޭހަށް ޔަޤީންކޮށްލަދިން ވާޤިޢާ މީ
ކުރަންވީ ހަނދާނާއި...
އެއީ ހޯމަ ދުވަހޭ ސަތާރަވި ރަމަޟާން، އެތަށް މުޢުޖިޒާތެއް ގެނައި މީ އެ ރަމަޟާން
މި މައްސަރުގެ ބަރަކާތް އިތުރު ދެއްވަވާދޭ، އިލާހީ މި ނިޢުމަތް އެދޭ ހެޔޮ އެދުން މީ
ކުރަންވީ ހަނދާނާއި..."
ބަދުރު ހަނގުރާމައިގެ ވާހަކަ މި ހިސާބުން ނިމުނީއެއް ނޫނެވެ. މި މަދަޙައިގައި ބަދުރު ހަނގުރާމަ ހިނގައިދިޔަ ގޮތުގެ ތަފްޞީލުތައް ދެއްވުމަށްފަހު، "ޒަރަސުން ހަސީނަ" މި ރާގަށް ހައްދަވާފައިވާ "ބަދުރު ހަނގުރާމަ" މި މަދަޙައިގައި ޅެންވެރިޔާ ކިޔުއްވައިދެއްވަނީ ބަދުރު ހަނގުރާމައިން ދޭ ދަރުސްތައް ނުވަތަ ފިލާވަޅުތަކެވެ. މި ފަހަރު ކުރު މަދަހައެކެވެ. މައިގަނޑަކާއި ހަތަރު ކަޑިއެވެ. މުޙައްމަދު ﷺ އަށް ދެއްވާފައިވާ މަތިވެރި މަޤާމުގެ ވާހަކައެވެ. "މައްކާ ބިމުން ފައްސާ ނަގާލި ކުށެއް ނުވާ މަޢުޟޫމެކޭ" މި ގޮތަށް ރަސޫލާ ﷺ ސިފަކުރައްވާފައިވާއިރު، އެކަލޭގެފާނަށް ބަދުރުގައި ލިބިވަޑައިގެންނެވި ނަޞްރުގެ ބުރަދަން ހާމަވެގެންދެއެވެ. ހަތިޔާރުން މުއްސަނދިވެގެން، މަތިހަށި ނަގާ އައި މުޝްރިކުން ދަތިހާލުގައި ނަފުސާއި ފުރާނަ ނަގާލަން ޖެހުނު ވާހަކައެވެ. މުސްލިމުންގެ މީސްކޮޅު މަދުކަމާއި މުޝްރިކުންގެ ބައި ގިނަ ކަމުން، މާތް ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަކުރައްވައިފި ބަޔަކަށް ނަޞްރުލިބޭނޭކަން އެނގޭކަމެވެ. ފަހު ކަޑީގައި ވިދާޅުވެފައިވަނީ ބަދުރު ހަނގުރާމައިގެ ޖުމުލަ ފިލާވަޅެވެ.
"ދެއްކީ މި ބަދުރުގެ ވާޤިޢާ ކައު މުޞްޠަފާގެ ކަރާމަތޭ
ޙައްޤާއި ވާދަކުރަންއުޅޭ ބަޔަކަށް ލިބޭނެ ޢިޤާބެކޭ
ދަރުސުން ޔަޤީނެ ފިލާދަނީ..."
އަދި އިތުރު މަދަޙައެކެވެ. ހަމަ އެ ފޮތެވެ. "ޢަޒުވަތު ބަދުރުގެ ނަތީޖާ" ("ޔަޤީނޭ މުލްކު ރަޙްމާނީ...") މި މަދަޙައިގައިވެސް ކިޔައިދެނީ އިސްލާމް ދީނުގެ މަގުގައި ކުރާ ޖިހާދުތަކަށް ނަޞްރުދެއްވާނޭ ވާހަކައެވެ. މަދަހައިގެ މައިގަނޑުންވެސް މި ޝިޢާރު ސާފުވެއެވެ.
"ޔަޤީނޭ މުލްކު ރަޙްމާނީ، ހިނގާނީ ހަމަ ދެ ދުނިޔޭގައި
ފަނާވާނީ އެހެން ހުރިހާ ނުފޫޒެއް އެންމެ އާޚިރުގައި"
އަނެއްކާވެސް އިސްލާމީ ތާރީޚުގައި ރަމަޟާން މަހާ ގުޅޭ އެހެން ހާދިސާއެކެވެ. އަނެއްކާވެސް "ސިޔަރަތުގެ މަދަޙަ" މި ފޮތުގައި ޔޫސުފު މުޙައްމަދު ފުޅު ލިޔުއްވާފައިވާ މަދަޙައެކެވެ. "ރަމަޟާން މަހުގެ ވިހި ވަނަ ދުވަހުގެ މުނާސަބަތުގައި މައްކާ ފަތަޙަ ކުރެއްވި ހަނދާން" ("އެމުނޭށިޔޭ ރަން ހާރުތައް...") މި މަދަހަ އެވެ. މައިގަނޑަކާއި ބާވީސް ކަޑީގެ މައްޗަށް އެކުލެވިގެންވާ ދިގު މަދަޙައެކެވެ. މައްކާ ފަތަޙަކުރެއްވުމަށް ވަޑައިގެންނެވި ލަޝްކަރުގެ ޢަދަދުން ފެށިގެންގޮސް، އެ ދަތުރުގައި ހިނގި އެކި މުހިއްމު ޙާދިސާތަކާއި އެ ހާދިސާތައް ހިނގައިދިޔުމުގައިވީ ޙިކުމަތުގެ ވާހަކަތަކެވެ. މި ދިގު މަދަޙައިން އަޅުގަނޑަށް ޚާއްޞަވާ ދެ ކަޑި މިތާ ލިޔެލާނަމެވެ.
"ޙުރުމަތް އެ ގެފުޅަށް ދެއްވަވާ ދޮރުކޮޅު މަތީގައި ހުންނަވާ
މައްކާގެ މުޝްރިކުނާ މުޚާޠަބު މީކުރެއްވެވި ބަސްފުޅުން
އެމުނޭށިޔޭ...
އެއުރެން ހަދާނެ ގޮތެއް ނުއެގި ކަދުރާ ބިމަށް އެޅިފައިވުމުން
މިނިވަންކުރެއްވެވި އަޑުއަހާ އެންމެން އެތާ އިސްލާމްވުމުން
އެމުނޭށިޔޭ..."
ހަމަ މައްކާ ފަތަޙަކުރެއްވުމުގެ ވާހަކަ އެވެ. މި ފަހަރު އެހެން މަދަޙައެކެވެ. "މައްކާ ފަތަޙަކުރެއްވުން" މި މަދަޙައިގެ ފަހު ކަޑީގައިވާ ވާހަކައަށް ބަލާލަމާތޯ އެވެ.
"ޝިޢާރުތަކުން އެކަޢުބާއާ ޚަލީލީ ރަމްޒުތައް ދިރިގެން
އައީ އަބަދަށްޓަކައި ޛިކުރާ ވެވޭނެ މި ރޫޙުތައް ދިރިގެން
އިނާޔަތުގައިވި ނަޞްރުގެ މާނަތައް ހުރިހާ އެ ހޯއްދަވަނީ
ހިމޭންކަމުގައި..."
މައްކާ ފަތަޙަ ކުރެއްވުމުގެ ވާހަކަ އެވެ. މައްކާއިން ފިލައިގެން ނުދެވި ތިބި މީހުންނަށްވެސް އަމާންކަން ދެއްވުމުން، އެ ދެއްކެވި ރިވެތި މިސާލުގެ ވާހަކަ އެވެ. ބާޠިލްގެ މައްޗަށް ޙައްޤު ހޯދި މަތިވެރިކަމުގެ ވާހަކަ އެވެ.
ރަމަޟާން މަހާ ގުޅުވައިގެން "ސީރަތުގެ މަދަޙަ"އިގެ ތެރެއިން ޔޫސުފު މުޙައްމަދު ފުޅު ދެން ބައްލަވާފައިވާ އެއް ޝިޢާރަކީ އެ މައްސަރަކީ ކީރިތި ޤުރުޢާން ބާއްވާލެއްވި މައްސަރުކަމެވެ. "ކީރިތި ޤުރުއާން" ("ޤުރުއާނީ މި ކީރިތި ޤާނޫނޭ...") މިއީ އެފަދަ މަޝްހޫރު އެއް މަދަހައެވެ. އެހެންނަމަވެސް މިއަށް ވުރެ ތަފްޞީލުކޮށް، "ލައިލަތުލް ޤަދުރިގެ ހަނދާން" މި މަދަޙައިގައި ލައިލަތުލް ޤަދުރިގެ މުހިއްމުކަމާއި ފައިދާތައް ކިޔުއްވައިދެއްވައި، އެ ރެއާ ގުޅޭގޮތުން ޢިލްމުވެރިންގެ ރަޢުޔު ހުރި ނެތް ގޮތަށްވެސް އިޝާރާތްކުރައްވާފައިވެ އެވެ. މައިގަނޑަކާއި އަށް ކަޑީގެ މައްޗަށް އެކުލެވިގެންވާ މަދަޙައެކެވެ. ދެ ކަޑިއެއް މިތަނުގައި ލިޔެލާނަމެވެ.
"ފުރުޞަތޭމީ އަޖުރާ ދަރުމަ އޮހޭ ޢަދަދުނުވާ
ރަޙުމަތުން ހެޔޮގޮތުގައި އަޅުތަކުނަށް އަންނަ ނިދާ
އެދުނު ވަރަކަށް އެ ޘަވާބޭ މި ޢަނީމާވާނީ
އެރެއަކީ ކީރިތި ޤުރުއާނުގެ ވީމާތް އެ ނުޒޫލް
ރޭމެޔޭ ޢާލަމްގައި އައުވެ ހިގާނޭ އަލިނޫރު
ހިތްތަކާ މޭގެ ދިރުން ޝައުޤުގައޭ ގެނުވާނީ"
ރަމަޟާން މަހާ ގުޅޭ ގޮތުން ޅެމާއި މަދަހަ ލިޔުއްވާފައިވަނީ ހަމަ އެކަނި ޔޫސުފު މުޙައްމަދު ފުޅެއް ނޫނެވެ. އެ މަދަޙައެއް އަޑު ނީވެނީސް ރަމަޟާން މަސް އައިހެންވެސް ހީނުވާ ކަމަށް އަޅުގަނޑުމެންގެ ޖީލުގެ ގިނަ ބަޔަކަށް ޤަބޫލުކުރެވޭ މަދަހައެއް ވޭ ނޫންތޯ އެވެ.
ނަފުސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް
ޣަފުލަތާ ވަކިކޮށްލަދޭށޭ އަންނަނީ ރަމަޟާން ކަރީމް"
މިއީ އާދަމް ނަސީރު އިބްރާހިމްގެ ރަން ގަލަމުން އަމުނުއްވާފައިވާ ޝުޢޫރެކެވެ. ޅެމުގެ ސުރުޚީއަކަށް ކުރައްވާފައިވަނީ ސުވާލެކެވެ. "ރަމަޟާން މަސް އަންނަނީ ކީއްކުރަން؟" މިއެވެ. ދިހަ ބައިތުގައި އޮންނަނީ މިސުވާލަށް ދެވިދާނޭ ދިހަ ޖަވާބެވެ. ލައިލަތުލް ޤަދުރި ގެ ވާހަކައެވެ.
"އެ ރެޔަކަށް އެއްހާސް އެތައް ގިނަ މައްސަރެއްގެ ޘަވާބުދީ
އެ ރެޔަކުން ހަދިޔާ ކުރާށޭ އަންނަނީ ރަމަޟާން ކަރީމް"
ފިޠުރު ޒަކާތުގެ ވާހަކައެވެ. ފިޠުރު ޒަކާތުގެ ސަބަބުން "އަޚުތަކުން ހެއްވާލަދޭން" އަންނަ މައްސަރެއް ކަމެވެ. އުރެދުމާއި މަގުފުރެދުމާ ގުޅުންހުރި ހުރިހާ ބާރުތައް ދުރަށް "ފައްސާލަދޭން" އަންނަ މައްސަރެއް ކަމުގައެވެ. އަޅުކަމާއި ޛިކުރަށް އިހުމާލުވެ "ފަޅުވި ހިތް އާބާދު"ކޮށްދޭން އަންނަ މައްސަރެއް ކަމުގަ އެވެ. ރަމަޟާން މަހުގެ މުހިއްމު ކަން ލިސްޓުކޮށްދެއްވާފައިވަނީ މޮޅު ޅެންބަހުރުވައިންނެވެ.
އަދުގެ ދިވެހިރާއްޖޭގައި ރަމަޟާން މަސް ފެއްޓުމަށް ކުރާ އިޢުލާނަކީ މިއޭ ދެންނެވުންވެސް ދޮގަކަށް ނުވާނެއެވެ. ރަމަޟާން މަހުގެ މުހިއްމުކަން މި ދެ ފޮޅުވަތުން އެކަނިވެސް އެބަ ސާފުވެ އެވެ.
ހަމައެކަނި މި މަދަޙައެއް ނޫނެވެ. "ކާއިނާތުގެ ހިލަން" މި ޅެންފޮތުގައިވާ "ނުދާށޭ އޭ ޝަހުރު ރަމަޟާން" މި ޅެމުގައި އާދަމް ނަސީރު އިބްރާހިމް ރަމަޟާން މަހަށް އަލްވަދާޢު ވިދާޅުވަނީ މި ދަންނަވާގޮތަށެވެ.
"ޞިޔާމުގެ މަދްރަސާ ތިޔައީ ހެވާ ތަޤްވާގެ މާތް ކިއްލާ
ޤިޔާމު ސުޖޫދުގައި ރޫޙާ ޟަމީރާ ނަފުސުތައް ދިއްލާ
މިޔާއެކު ކޮންމެ ގެޔަކުން، ނޫރަކުން، ވޮށަކުން މިހެން ބުނެދޭ
ނުދާށޭ އޭ ޝަހުރު ރަމަޟާން، ވިދާ ކަރުނައިން ނިދާ އިވެނީ"
އެހެން ޅެމެކެވެ. ފާޠިމަތު ސަޢީދުގެ "ރޯދަ ވާޖިބު ވެއްޖެނަމަ" މި ޅެމުގައި ދެއްވަނީ ރޯދަމަހު ތިބާގެ ޢަމަލުތައް ބަހައްޓާންވީ ގޮތުގެ އިރުޝާދެވެ. އެންމެ ފުރަތަމަ ބައިތު އަޅުގަނޑުމެންނާ މުނާސަބުވަނީ، ރޯދައިގެ މާތްކަން ނޭނގޭނަމަ އެކަން ދަސްކުރުމުގެ މުހިއްމުކަންވެސް މި ބައިތުން އެނގޭތީ އެވެ.
" ރޯދަ ހިފަމާތޯ އެއަށް ލިބިފައިވި މަތިވެރި ގޮތްމަތިން
ހޯދަހޯދައިގެން ވިޔަސް އެކަމުގެ އަމުރު އޮތް ގޮތް މަތިން"
ޅެމުގެ ބަސްމަގު ސާދާ ސީދަލެވެ. ރޯދަ ވާޖިބުވާ ޢުމުރުގެ ކުދީންނަށް ރޯދައިގެ އަޚުލާޤު ކިޔައިދެއްވާފައި ޅެން ނިންމަވާލައްވަނީ އިތުރަށް ދަސްކުރަންވެސް އިލްތިމާސްކުރައްވަމުންނެވެ.
ދެން އަނެއްކާވެސް، އަޅުގަނޑުމެންނާ ތަންކޮޅެއް ފަރިތަ މަދަޙައެކެވެ. މި ފަހަރު އާދަމް ސަލީމުގެ މަޝްހޫރު މަދަޙަ "ރޯދަ" އެވެ. ރަމަޟާން މަހު ގިނައިން އިވޭ މަދަޙައެކެވެ. މައިގަނޑާއި ކަޑި ހަނދާންކޮށްލަމާތޯ އެވެ.
"ރޯދައޭ! ރޯދައޭ! ރޯދައޭ! ރޯދައޭ!
ރޯދަ ހިފުމުން އެތައް ހާސް ޘަވާބެއް ވެޔޭ
ރޫޙު ޠާހިރު ވުމާ ޖިސްމު ޒީނަތް ވުމާ
ނޫރު ލެވިގެން ހިތާ ސިކުނޑިއާ އަލިވުމާ
ނޫރު ނޫރުން ވިދާ ނޫރުތައް ފަރިވުމާ
އޭގެ އިތުރުން އެތައް ހާސް ޘަވާބެއް ވެޔޭ"
ފާޠިމަތު ސަޢީދުގެ ޅެމެކޭ އެއްގޮތަށް، މި ޅެމުގައިވެސް ވަނީ ރޯދައިގެ އަޚުލާޤާއި ރޯދަވެރިޔާއަށް ރޯދައިގެ ސަބަބުން ލިބޭ ދަރުސުތަކުގެ ވާހަކަ އެވެ. ދެރަ ފަޤީރުންގެ ޙާލަށް ތިމާ ހޭލުންތެރިވާ ވާހަކަ އެވެ. ކަންކަމަށް ކެތްތެރިވާން ދަސްވާ ވާހަކައެވެ. އަދި އެ ނޫންވެސް ޘަވާބާއި ދަރުމައިގެ ވާހަކަތަކެވެ.
ރަމަޟާން މަހާއި އެ މަހުގެ މާތްކަމާއި ރޯދަ ވެރިޔާގެ އަޚުލާޤާއި ރޯދަވެރިޔާއަށް ހުރި ޘަވާބުގެ ވާހަކަތައް ޅެންބަހުން ކިޔައިދޭން އަދި އެއްހާސް ލަފުޒުވެސް ހޭދަކުރެވިދާނެ އެވެ. މިއީ ދިވެހި އަދަބިއްޔާތުގައި ފުޅާ ދާއިރާއެއްގައި އިންސާފުކޮށްފައިވާ އަދި އިންސާފުކުރެވެމުންދާ ޝިޢާރެކެވެ. ޅެންވެރިކަމުގެ މި "ބާބުން" ފާހަގަކޮށްލެވޭ މުތީ ތަކެއް އެއް ޞަފުޙާއަކުން ހިއްސާކޮށްލެވުނުކަމަށް ޔަޤީންކުރަމެވެ. ކިޔުންތެރިންނަށް އަލްވަދާޢު ކިޔާހިތް އޮތީ އަނެއްކާވެސް އާދަމް ނަސީރުގެ "ރަމަޟާންގެ ޝިކާޔަތު" މި ޅެމުން ބައިތެއް ހިއްސާކޮށްލަމުންނެވެ.








