ހުޅުމާލޭގެ ދެ ސަރަހައްދަކުން ކާރު ޕާކުކުރަން 70 ޖާގަ ދޫކުރަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފި އެވެ.
އެ ކޯޕަރޭޝަނުން ކާރު ޕާކުކުރަން ޖާގަ ދޫކުރަން ހުޅުވާލި ދެ ސަރަހައްދަކީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން ފިތުރޯނު ޕާކިން ޒޯނުން 50 ޖާގައާއި ނެއިބާހުޑް 1 ގައި ހުންނަ ރެޑްވޭވް މެގަމޯލް ކައިރިން ހުންނަ އުނިމާ ޕާކިން ޒޯނުން 20 ޖާގަ އެވެ.
އެތަންތަނުން ޕާކިންއަށް ޖާގަ ދޫކުރަނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ބިޑު އުސޫލުންނެވެ. ބިޑު ކުރުމުގެ އެންމެ ދަށް އަގަކީ 1،500ރ. އެވެ. އަދި އެ ޖާގަތަކަކީ ތިން މަސް ދުވަހުގެ މުއްދަތަކަށް ދުކުރާ ތަންތަނެވެ.
އުނިމާ ޕާކިން ޒޯނަކީ ރެޑްވޭވް މެގަމޯލްއާއި ޖެހިގެން ދުވާ ޓްރެކް ކުރިމައްޗަށްވާ ގޮތަށް ހުންނަ ރޯހައުސްތަކުގެ ދެ ބްލޮކް ދެމެދުން އޮންނަ ޖާގައިގައި ތަރައްގީކުރާ ޕާކިން ޒޯނެކެވެ.
ފިތުރޯނު މަގު ކައިރިން ޕާކިންއަށް ދޫކުރަނީ މިހާރު ވެސް އެ ސަރަހައްދުގައި އޮންނަ ޕާކިން ޒޯނުގެ ތެރެއިން ޖާގަތަކެކެވެ.

އެޗްޑީސީން އެކަމަށްޓަކައި ކުރި އިއުލާނެއްގައި ބުނީ ޕާކިން ޖާގައަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އުމުރުން 18 އަހަރުވެފައިވުމާއެކު ޖާގައިގައި ބާއްވާ އުޅަނދަކީ އެމީހެއްގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ އުޅަނދަކަށް ވުންވެސް ލާޒިމުވާނެ ކަމަށެވެ.
އެޗްޑީސީންް އިތުރަށް ބުނީ ޕާކިން ޖާގަތައް އިހްތިޔާރު ކުރުމުގެ އިސްކަން ދެވޭނީ އެންމެ މަތިން ބިޑު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. އެޗްޑީސީން ބުނީ ހަމަހަމަ ފުރުސަތު ދިނުމަށްޓަކައި ކޮންމެ މީހަކަށް ވެސް ހުށަހެޅޭނީ ޕާކިން އެއް ޖާގައަށް އެދި އެއް ފޯމު ކަމަށެވެ.

ހުޅުމާލެއިން ކުއްޔަށް ދޫކުރާ ޕަކިން ޖާގަތައް ދޭ ސަރަހައްދުތައް. (ކ) ފިތުރޯނު ހިނގުން ޕާކިން ޒޯނު، (ވ) އުނިމާ ޕާކިން ޒޯނު.
ބިޑު ފޯމު އެޗްޑީސީން ކުރި އިއުލާނުގައި ވެ އެވެ. ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ، ކާރުގެ ރެޖިސްޓްރޭޝަން އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 1،500ރ. އެޗްޑިސީއަށް ދައްކަން ޖެހޭނެކަމަށް އެ އިއުލާނުގައި ބުނެ އެވެ.
ބިޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު 10:00 އާއި 11:00 އާ ދެމެދު އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރަށެވެ. ބިޑު ފޯމު ހުޅުވުން އެ ދުވަހު 11:15 ގައި އޮންނާނެ އެވެ.













