އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އައްޑޫ ސިޓީގައި ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 59 އަހަރުގެ އަންހެން މީހާ ބަންދުކޮށްފައިވާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ބަލަން ފަށައިފި އެވެ.
އެ މައްސަލާގައި އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރު ކުރި ނަމަވެސް، އެ ރަށު މީހުން ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ކުއްޖާގެ ކާފައަށެވެ.
ހައްޔަރު ކުރީ ކަމާނުބެހޭ މީހެއް ކަމަށް ބުނެ އައްޑޫ ސިޓީގެ އެ ކުއްޖާގެ ކާފަގެ ގޭ ދޮށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި އަންހެން މީހާ ދޫކޮށްލަން ގޮވާލައި ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ.
އެހެން ވިޔަސް ފުލުހުން ވަނީ ހައްޔަރު ކުރި މީހާގެ އިތުރުން އެހެން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެކިި މިހާތަނަށް ނެތް ކަމަށް ބުނެފަ އެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމުން ބުނީ ޖިންސީ ގޯނާގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެންމީހާގެ މައްސަލަގައި ސޮއިކުރި ޕެޓިޝަން ހުށަހަޅާފައި ވަނީ އާންމުންގެ ފަރާތުން ކަމަށެވެ.

"ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައިވާ އިތުރު މައްސަލައެއް ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުން،" އެޗްއާރްސީއެމުން ބުންޏެވެ.
މައްސަލައިގައި އަނިޔާ ލިބުނު ކުޑަ ކުއްޖާގެ ހައްގު ހޯދައި ދިނުމަށް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތް އެޗްއާރްސީއެމުން ބަލަމުން އަންނަ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ދިވެހި ފުލުހުންގެ ހިދުމަތުން މި މައްސަލައިގައި އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން އަންނަނީ ގާތުން ބަލަމުންނެވެ.
"ކުއްޖާއަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތުކުރެވި ހައްޔަރުކޮށްފައިވާ އުމުރުން 59 އަހަރުގެ އަންހެން މީހާއަށް ކޮމިޝަނުގެ ޓީމަކުން ޒިޔާރަތްކޮށް އޭނާގެ ހާލަތު ބަލާފައިވާނެ. އަދި ތުހުމަތަށް ހައްޔަރުކޮށްފައިވާ އަންހެންމީހާ ބަލަހައްޓަމުން ގެންދިޔަ، ސްކޫލަށްދާ އުމުރުފުރައިގެ، އޭނާއަށް މާމަކިޔާ ތިން ކުދިން ދިރިއުޅޭ މާހައުލަށް ޒިޔާރަތްކޮށް އެކުދިންގެ ހާލަތުވެސް ކޮމިޝަނުން ބަލާފައިވޭ،" އެޗްއާރްސީއެމުން ބުންޏެވެ.
އަދި އެޗްއާރްސީއެމްމުން ބުނީ އެ ތިން ކުދިންގެ ހާލަތު ޖެންޑާ މިނިސްޓްރީން ބަލަމުންދާކަން ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައާ ގުޅުން ހުރި އެންމެންގެ ހައްގުތައް ކަށަވަރުކުރުމުގައި އެޗްއާރްސީއެމްގެ އިހުތިސޯސްގައި ހިމެނޭ ކަންކަން ބަލަމުންގެންދާނެ ކަމަށްވެސް ބުންޏެވެ.
އެޗްއާރްސީއެމުން މައްސަލަ ބަލަން ފަށާފައި ވާއިރު، އަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް މިއަދު ވަނީ ތާއީދު ކޮށްފަ އެވެ.













