ރ. ދުވާފަރުގެ ރީތިކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކައިދިނުމުގެ ނިޔަތުގައި އަމިއްލަ ދެ ފަރުދަކު އިސްނަގައިގެން ދުވާފަރުގައި ފޮޓޯ މުބާރާތެއް ފަށައިފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ (މޯ) އަދި ހުސެއިން މުހައްމަދު ގުޅިގެން ފެށި މި މުބާރާތަކީ ދުވާފަރުގެ ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއަރުވައި، ލޯކަލް ޓޫރިޒަމް ފުރިހަމަވުމުގެ ކުރިން ރަށުގެ ރައްޔިތުންނަށާއި މުޅި ރާއްޖެއަށް އެ ރަށުގެ ރީތިކަން ދައްކައިދިނުމުގެ މަގުސަދުގައި ފެށި މުބާރާތެކެެވެ.
"ދުވާފަރުގެ ރައްޔިތުންނަކީ ވެސް ތަފާތު ދިރިއުޅުމުގެ ވައްޓަފާޅިއެއް އޮންނަ ބައެއް. އަޅުގަނޑުމެންގެ ބޭނުމަކީ އެކަންކަން ގިނަ ބަޔަކަށް ދައްކުވައިދީ، ފޮޓޯގްރާފަރުން ވެސް އުފެއްދުން. އަދި ރަށުގެ ރީތިކަން ދެއްކުން،" ހުސެއިން މުހައްމަދު ބުންޏެވެ.
މި މުބާރާތުގެ ގަވާއިދު ބުނެފައިވާ ގޮތުން ބައިވެރިކުރާ ފޮޓޯ ވާންޖެހޭނީ ދުވާފަރުގެ ފޮޓޯއަކަށެވެ. ފޮޓޯ އެޑިޓްކުރުމުގައި ބޭނުން ކުރެވޭނީ ހަމައެކަނި އެންމެ އާދައިގެ އުކުޅުތަކެވެ.
މުބާރާތުގައި ބައިވެރިވުމަށް ފޯނުން ނަގާ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓުކޮށްގެންނެވެ. ފޮޓޯ ޝެއާކުރާއިރު uniquedhuvaafaru# ޓެގް ކުރަން ވެސް ޖެހެ އެވެ. އަދި މި މުބާރާތް އިންތިޒާމުކުރާ އީސަ އާއި ހުސެއިން ވެސް ޓެގް ކުރަންޖެހެ އެވެ.

ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މުބާރާތުގައި ބައިވެރިވެ ވޭނެ އެވެ. މުބާރާތުގެ އެންމެ ރީތި ފޮޓޯއަށް 100 ޑޮލަރުގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
"މިއީ ފުރަތަމަ މުބާރާތް ވީމާ ފައިސާގެ އިނާމު ކުޑަވި ނަމަވެސް، މި މުބާރާތުން ރަށަށް ލިބޭ ފައިދާ ވަރަށް ބޮޑުވާނެ،" އީސަ ބުންޏެވެ.
ދުވާފަރަކީ ސުނާމީ ކާރިސާ އަށް ފަހު ކަނދޮޅުދޫ ރައްޔިތުން އާބާދުވެ ދިރިއުޅެމުން އަންނަ ރަށެވެ. ސާޅީސް ނުވަ ހެކްޓަރުގެ މި ރަށުގައި ގާތްގަނޑަކަށް 3،000 މީހުން ދިރިއުޅެ އެވެ. ރަށަކީ ހިތްގައިމު ރަށެކެވެ. ރީތި ބީޗެއް އޮވެ އެވެ.













