ލަންޑަން (އޭޕްރީލް 20) - އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން)ގައި ބާކީ ހަތަރު މެޗު ނުކުޅެ އޮއްވައި، ފުލަމް އިން އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
ފުލަމް އިން ފަސް ސީޒަން ތެރޭ ތިން ވަނަ ފަހަރަށް ޕްރިމިއާ ލީގުން ޖާގަ ހޯދީ މިރޭ ކުޅުނު މެޗުގައި 3-0 އިން ޕްރެސްޓަން ނޯތު އެންޑް ބަލިކުރުމަށް ފަހު އެވެ.
ފުލަމް، ޗެމްޕިއަންޝިޕްގެ އެއް ވަނައިގައި އޮތީ 42 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބޯންމައުތަށް 41 މެޗުން ވަނީ 77 ޕޮއިންޓް ލިބިފަ އެވެ.
ފުލަމްގެ ދަނޑު، ކްރޭވަން ކޮޓޭޖްގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި، ސާބިއާގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވިޗް މި ވަނީ ޗެމްޕިއަންޝިޕްގެ މި ސީޒަނުގައި ޖުމްލަ 41 ގޯލު ޖަހައިފަ އެވެ. ޗެމްޕިއަންޝިޕްގެ އެއް ސީޒަނެއްގެ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ 1992/1993 ވަނަ އަހަރުގެ ސީޒަނުގައި ޕޯޓްސްމައުތު ޓީމަށް 42 ގޯލު ޖެހި ގައި ވިޓިންހަމް އަތުގަ އެވެ. މިޓްރޮވިޗް އެ ރެކޯޑް މުގުރާލަން ބާކީ ހަތަރު މެޗު އެބައޮތެވެ.
ޕޯޗުގަލްގެ ކޯޗު މާކޯސް ސިލްވާގެ ކޯޗުކަމުގައި ކުޅޭ ފުލަމް އަށް މިރޭގެ މެޗުގައި އަނެއް ގޯލު ޖަހައިދިނީ ޕޯޗުގީސް ވިންގް، ފަބިއޯ ކަވާލިއޯ އެވެ. މި ސީޒަނަށް ފަހު ކަވާލިއޯ ލިވަޕޫލާ ގުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފުލަމް އިން 2017/2018 ވަނަ ސީޒަނުގައި ވާދަކުރީ ދެ ވަނަ ޑިވިޝަނުގަ އެވެ. ޖެހިގެން އައި ސީޒަނުގައި ޕްރިމިއާ ލީގުގައި ވާދަކުރި ނަމަވެސް ވަނީ ދެ ވަަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. އަނެއްކާ ވެސް 2019/2020 ވަނަ ސީޒަނުގައި ދެ ވަަނަ ޑިވިޝަނުގައި ކުޅެގެން އަނެއްކާ ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި އަނެއްކާ ވެސް ޕްރިމިއާ ލީގުން ރެލިގޭޓްވީ އެވެ. މި ފަހަރު، ދެ ވަނަ ޑިވިޝަނުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ފުލަމް މިހާރު މި ވަނީ އަނެއްކާ ވެސް ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފަ އެވެ.
ޗެމްޕިއަންޝިޕްގެ މި ހަފްތާގައި ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) އަތުން 1-0 އިން ބަލިވެ، ޑާބީ ކައުންޓީ ވަނީ ތިން ވަނަ ޑިވިޝަނަށް ވެއްޓިފަ އެވެ. ކުރީގެ މަޝްހޫރު ފޯވާޑް، ވޭން ރޫނީ ކޯޗުކޮށްދޭ ޑާބީ އަށް މިއީ އުނދަގޫ ސީޒަނެކެވެ.
ޑާބީ އަށް މި ވަނީ 1986 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހިފަ އެވެ. ޑާބީ ރެލިގޭޓްވުމުގެ އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ހިންގުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން 21 ޕޮއިންޓް އުނިކުރުމުންނެވެ.












