ލާމަރުކަޒީ ގާނޫން ލާޒިމްކުރާ ލޭންޑްޔޫޒް ޕްލޭން ނުހެދި އޮތުމުން ކައުންސިލްތަކުން ކުރަން ބޭނުންވާ ވަރަށް ގިނަ މަސައްކަތްތައް ހުއްޓިފައި އެބަހުރި ކަމަށާއި އެކަމަށް ސަރުކާރުން ހައްލެއް ހޯދައިދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި އިލްޔާސް ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ނުހެދުނަަސް ކައުންސިލްތަކުން ކުރަން އުޅޭ މަސައްކަތްތަކަށް މިހާރު ހުއްދަ ދޭން ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ރަށު ކައުންސިލަރުން ތިއްބެވީ ރާވާފައިވާ މަސައްކަތްތަކަށް ހުއްދަ ނުލިބިގެން "ރުޅިގަދަވެފައި" ކަމަށެވެ.
"ލޭންޑް ޔޫޒް ޕްލޭން އޮތަސް ނެތަސް އެ ހުއްދަތައް އެމީހުންނަށް ދީފައި އެކަން ކުރަންވީނޫންތޯ. އެބަޖެހޭ [އެހުއްދަ ދޭން] މި ރަށްރަށުގެ ކައުންސިލަތުން އެތިބީ ކައުންސިލްތަކުގެ އޮފީސްތަކުގައި ކަންތައްތަައް ރާވައިގެން މޭޒުމަތީ ބަހައްޓައިގެން ރުޅިގަދަވެފައި،" އިލްޔާޒް ވިދާޅުވި އެވެ.
ރަށްރަށުގައި ކުރަން ހުރި ވަރަށް ފައިދާބޮޑު މަސައްކަތްތަކަށް ބިންކޮޅެއް ނުލިބި ހުރީ ވެސް ލޭންޑް ޔޫޒް ޕްލޭން ނުހެދިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރަށްރަށުގައި ވިޔަފާރިކުރާ މީހުންނަށް ގުދަނެއް ހަދައިލާނެ ތަންކޮޅެއް ނުލިބިގެން ގޭގެ ކޮޓަރީގައި މުދާ ޖަހައިގެން އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅެ ސަރުކާރުން ހުރިހާ ކަމެއް ހުއްޓާލާފައި ވެސް މި ލޭންޑް ޔޫޒް ޕްލޭންތައް ހަދައިދޭން ވެއްޖެޔެއްނު ހުރިހާ ރަށެއްގައި،" އިލްޔާސް ވިދާޅުވި އެވެ.

ލޭންޑްޔޫޒް ޕްލޭންތައް ނުހެދި ހުރީ ރާއްޖޭގައި އެމަސައްކަތް ކުރާ މީހުންނާއި ކުންފުނިތައް މަދުކަމުން ކަމަށް ބުނާ ކަމަށާއި އެހެންވިއްޔާ ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވި އެވެ. އެކަމުގައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ނުކުރާތީ، ލޭންޑް ޔޫޒް ޕްލޭނަކާ ހެދި މުޅި ރާއްޖެ ހުއްޓިފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.












