ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ފުރަތަމަ ބޭސް ފިހާރަ ހުޅުވައިފި އެވެ.
"އިސްއެރި-2 ފާމަސީ" ގެ ނަމުގައި ހުޅުވި އެ ބޭސް ފިހާރާގައި ތަފާތު ވައްތަރުގެ ބޭހުގެ އިތުރުން ރީތިވުމަށް ބޭނުންކުރާ އެކިސާމާނު ވިއްކާ މި ފިހާރަ ހުޅުވާފައި ވަނީ އިއްޔެ އެވެ. އެ ފިހާރަ ހުރީ، ހިޔާ އެޗް-05 ޓަވަރުގެ ގްރައުންޑް ފުލޯގަ އެވެ.
ގާތްގަނޑަކަށް 35،000 އަށްވުރެ ގިނަ އާއިލާއަށް އަމާޒުކޮށް ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނުގައި އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ވަސީލަތްތައް އަދިވެސް ހަމައެއް ނުވެ އެވެ.

ހިޔާގެ H5 ވަނަ ޓަވަރުގައި އިސްއެރި-2 ގެ ނަމުގައި ހުޅުވި ފާމަސީ-- ފޮޓޯ: އެޗްޑީސީ
ހިޔާ ފްލެޓްތަކުގެ ޓަވަރުތަކުގެ ގްރައުންޑް ފްލޯ އިން ފިހާރަތައް ހެދުމަށް ތަންތަން ދޫކޮށްފައިވާއިރު، އެ ތަންތަން ނިންމައި އަވަހަށް ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތަށް ދޫކުރާ ތަންތަނުގެ ފުރަތަމަ ތިން މަސް ދުވަހުގެ ކުލި އެޗްޑީސީން ވަނީ މާފުކޮށްދީފަ އެވެ.

މިހާރު އެ ސަރަހައްދުގައި ވަނީ ތިން ފިހާރަ ހުޅުވާފަ އެވެ.
މީހުން ދިރިއުޅެން ފެށިފަހުން ވަނީ އާއްމުކޮށް ގެއަށް ބޭނުންވާ ބާވަތްތައް ވިއްކާ ފިހާރައެއް ހުޅުވާފަ އެވެ. އަދި ފޭސްޓޫގައި ވަނީ ދެ މިސްކިތްވެސް ހުޅުވާފަ އެވެ. ދެ ސްކޫލެއް އެޅުމަށް މިހާރު ހަވާލުކޮށްފައި ވާއިރު މި އަހަރުގެ ފަހުކޮޅަށް ނިންމާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.












