މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަހުޖޫބު ޝުޖާއު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަނުކޮށްފި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމަށް މަހުޖޫބު އައްޔަނުކުރުމުގެ ކުރިން އޭނާ ހުރީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ހެޑުގެ ގޮތުގައި ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓު ޑިރެކްޓަރެއްގެ މަގާމުގަ އެވެ.
އަދި، އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް އިސް މަގާމުތަކެއް އޭނާ ވަނީ އަދާކުރައްވާފަ އެވެ. ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ.
މަހުޖޫބު އެ މަގާމަށް އައްޔަނުކުރި ކަަމަށް ޕީސީބީއިން ހާމަކުރީ އެމްއޭސީއެލްގެ ބޯޑަށް އޭނާ އައްޔަނުކުރުމަށް ފަހު އެވެ. މަހުޖޫބު އެ މަގާމަށް އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި އެކުންފުނީގެ ސީއީއޯކަން ވެސް ކުރެއްވި ގޯޑަން އެންޑްރޫ ސްޓުއާޓް މަގާމުން ވަކި ކުރިތާ ފަސް މަސް ފަހުންނެވެ.
މަހުޖޫބު އެމަގާމާއި ހަވާލުވުމާއެކު، އެމްއޭސީއެލްއަށް އިތުރަށް ސީއީއޯއެއް އައްޔަނެއް ނުކުރާނެ ކަމަށް ޕީސީބީއިން ބުނެ އެވެ. އަދި، އޭނާ އަދާކުރައްވާނީ އެމްއޭސީއެލްގެ އެންމެ އިސް މަގާމު ކަމަށް ޕީސީބީން ބުނެ އެވެ.













