ތޮއްޖެހިފައިވާ ފުރަމަލޭގޭ އުޅަނދުތަކާއި އޭގެ ދުމުން ފުރިފައިވާ މި ނުތަނަވަސް މާހައުލުން ނުކުމެ ހިންދެމިލަން ބޭނުންވާ މީހުން އެންމެ ގިނައިން ގޮސް އުޅޭ މަންޒިލަކީ މާލެއިން ފުރައިގެން ސްޕީޑު ލޯންޗެއްގައި 25 މިނެޓުން ދެވޭ މާފުއްޓެވެ. އެކުވެރިންނާއެކު ރަށަކަށް ޖައްސަލާނަމަ އެންމެ ފަސޭހައިން ގެސްޓު ހައުސް ކޮޓަރި ވެސް ލިބެނީ މާފުށިންނެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަސް ނިމުމަށްފަހު އަންނަ ފިތުރު އީދު ނުވަތަ ކުޑަ އީދު ބަންދާ ދިމާކޮށް އެތައް ސަތޭކަ ބަޔަކު މާފުއްޓަށް އަރަ އެވެ. މަޖާ މާހައުލެއްގައި ލިބޭ ޗުއްޓީ ހޭދަކޮށްލުމަށެވެ. އެހެން އަހަރުތަކަކެވޭ ވެސް އެއްގޮތަށް ވެސް މިފަހަރުގެ އީދަށް ވެސް ގިނަ ބަޔަކު އަންނާނެ ކަމަށް ލަފާކޮށް މާފުށީ ކައުންސިލް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.
"މުޅި ދުވަހަށް ބަހާލައިގެން ފެސްޓިވަލް ސްޓައިލަށް ބަހާލައިގެން މުޅި ދުވަހަށް ގެންދާ ހަރަކާތްތައް ފަށާނީ އީދު ދުވަހު ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދުން، ސަގާފީ ހެނދުނުގެ ފަރިއްކޮޅަކާއި ސައި ފޮދެއް ވެސް އޮންނާނެ، ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަވީރަކާއި، ހުރިހާ އުމުރުފުރާއަކަށް ހާއްސަކޮށްގެން މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވޭ،" ކުޑަ އީދު ދުވަހު ކުރިއަށްގެންދާ ހަރަކާތްތައް ހިއްސާކުރައްވަމުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވި އެވެ.

މާފުށީގައި އީދު ފާހަގަ ކުރަން ރާވާފައިވާ ކަންކަން މީޑިއާތަކާ އެ ރަށު ކައުންސިލުން ހިއްސާ ކުރަނީ --- ފޮޓޯ: އަދަދު
މާފުށީ ކައުންސިލުން ލަފާކުރަނީ ކުޑަ އީދަށް ގާތްގަނޑަކަށް 5،000 އެއްހާ މީހުން އަންނާނެ ކަމަށެވެ. އެކަމަކު އެ ރަށުގެ ގެސްޓް ހައުސްތަކުގައި ހުރި ކޮޓަރިތަކުގެ ޖާގަ އެވަރުން ފުރޭނެ އެވެ. ކުލަގަދަކޮށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާން ކިތަންމެ ބޭނުންވި ނަމަވެސް ދިމާވާ ދަތިކަމަކީ ގެސްޓް ހައުސްތަކުން ކޮޓަރި ނުލިބުމުގެ ދަތިމަކެވެ.

އެކަމަކު މިފަހަރު ތަފާތު ވާނެ އެވެ. މާފުށީ ކައުންސިލުން ބުނަނީ ކޮޓަރި ނުލިބިދާނެ ކަމަށް ހާސްވާން ނުޖެހޭނެ ކަމަށެވެ. ފިތުރު އީދު ދުވަހުގެ ރޭ ބާއްްވާ ޝޯއަށް ވީހާވެސް ގިނަ ބަޔަކު އައިސް ތިބެވޭނެ އިންތިޒާމު ކައުންސިލުން އޮތީ ރާވައިފަ އެވެ.
"މާލެއިން ދަތުރު ކުރާ ފަރާތްތަކަށް ފަސޭހަ ކުރުމަށް ޓަކައި، ފެރީ ކުރާ ފަރާތްތަކާ މަޝްވަރާ ކުރަމުން މި ދަނީ، އަޅުގަނޑުމެންނަށް ފެރީ ކުރާ އެއް ފަރާތުން، އައިކޮމް އިން ޔަގީން ކަން ދީފައި ވަނީ، މިއުޒިކް ޝޯ ނިންމާފައި ދެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައި، އެހެންވީމާ ޝޯ ބަލާލާފައި މާލެ ދެވޭނެ، ޝޯ ބަލާލަން ވީހާވެސް ގިނަ ބަޔަކު މާފުއްޓަށް އަންނަންވީ،" ކައުންސިލްގެ ރައީސް ސޮލާހް ވިދާޅުވި އެވެ.

މާފުށީ ކުޑަކުދިންގެ ޕާކް
ފިތުރު އީދު ދުވަހު މާފުށީގައި ބާއްވާ މިއުޒިކް ޝޯ ބާއްވަން ނިންމާފައި ވަނީ ކުރިން އެ ރަށުގެ އިސްލާހިއްޔާ ހިންގި ބިމުގަ އެވެ. ގާތްގަނޑަކަށް ދެ ހެކްޓަރަށް ވުރެ ބޮޑު އެ ބިމުގައި ގާތްގަނޑަކަށް 7،000 އެއްހާ މީހުންނަށް ތިބެވޭނެ ކަމަށް މާފުށީ ކައުންސިލުން ބުނެ އެވެ.
މިހާރު ގިނަ އިމާރާތްތަކެއް ހުރި އެ ބިން ހުސްކުރުމުގެ މަސައްކަތް ކައުންސިލުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. ބިމުގައި ހުރި އިމާރާތްތައް ނަގައި، އީދުގެ ކުރިއަށް ބިން ހުސްކޮށްލެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.
"ވަށްމާފުށި މި އޮތީ ނޫންތޯ، އެ ބިމަށް ވުރެ ބޮޑު ވާނެ އެ ބިން، 6،000 އާއި 7،000 އާ ދެމެދުގެ އަދަދަށް މީހުނަށް އެ ތަނުގައި ތިބެވޭނެ ޝޯ ބަލަން، މީހުން އިށީނދެ ތިބެވޭނެ، ދެ ކެންޓީނެއް ވަރު ޖަހާނެ، ފާހާނާ ވެސް ބަހައްޓާނެ، އިންތިޒާމުތައް ވަރަށް ރަނގަޅު ވާނެ،" ސޮލާހް ވިދާޅުވި އެވެ.

މިއުޒިކް ޝޯ ބޭއްވުމަށް ޓަކައި މާފުށީ ކައުންިސުން ހުސްކުރާ ބިން --- ފޮޓޯ: އަދަދު
އީދު ޝޯގައި ރާއްޖޭގައި ނަން ހިނގާ ފަންނާނުން ބައިވެރިވާނެ އެވެ. މިހާރު ވެސް މާފުށީ ކައުންސިލުން ވަނީ ޔާރާ ޕްރޮޑަކްޝަންގެ ފަންނާނުންނާއި، ސޯފޫރާ ގްރޫޕު ޝޯގައި ހުށަހެޅުންތައް ހުށަހެޅުމަށް ހަމަޖައްސާފަ އެވެ. އަދި، އިތުރު ބޮޑުބެރު ގްރޫޕެއް ވެސް ހަމަޖައްސާނެ އެވެ.
މާފުއްޓަށް ދެ ބަޔަކު ލޯންޗު ފެރީ ދަތުރުފަތުރުގެ ހިދުމަތް ދެ އެވެ. އެއީ އައިިކޮމް ޓުއާސް އަދި މާފުށި ޓުއާސް އެވެ. އައިކޮމް ޓުއާސްއަށް ގުޅޭނެ ނަންބަރަކީ 7712069، 7902069، އަދި 7912069 އެވެ. މާފުށި ޓުއާސްއަށް ގުޅޭނެ ނަންބަރަކީ 7352222، އަދި 7362222 އެވެ. މި ފެރީތަކުން ޚިދުމަތް ދެމުން ދަނީ ކޮޅަކަށް މީހެއްގެ އަތުން 150ރ. ގެ ރޭޓުންނެވެ.
titledesc
"ފެރީކޮށްދޭ އައިކޮމް ޓުއާސް އިން އެބަ ޔަގީންކަން ދޭ، އީދު ދުވަހު އިތުރު ފެރީތައް ބާއްވާނެ ކަމަށް، މާލޭން މާފުއްޓަށް އަންނަން ބޭނުންވެގެން ޓިކެޓު ނަގާ ކޮންމެ ފަރާތެއް މާފުއްޓަށް ގެނެސްދީ، އީދު ޝޯ ނިންމާފައި ދަންވަރު އަލުން މާލެ ގެންގޮސްދޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް،"










