ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް މިއަދު އިހުސާސްވި ފިނިހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އެރިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މިއަދު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި މެޓް އޮފީހުގެ ސްޓޭޝަންތަކުން ރެކޯޑުކުރި ފިނިހޫނުމިނުގެ ތަފާސްހިސާބުން ދައްކާގޮތުން ވައިގެ ތެތްކަމާއި މޫސުމުގެ ސަބަބުން އިހުސާސްވާ ފިނިހޫނުމިން އެންމެ މައްޗަށް އެރީ ހުޅުލެ އަށެވެ.
އެ ސްޓޭޝަނަށް އިހުސާސްވި ފިނިހޫނުމިން ރެކޯޑުކުރެވިފައިވަނީ 43 ޑިގްރީ ސެލްސިއަސްގަ އެވެ. އިހުސާސްކުރެވޭ ފިނިހޫނުމިން 43 ޑިގްރީ ސެލްސިއަސްގަައި ހުރިނަމަވެސް މެދުރާއްޖެ ތެރޭގެ ހަގީގީ ފިނިހޫނުމިނުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 33 ޑިގްރީ ސެލްސިއަސް އެވެ.
ދެކުނުގެ ކައްދޫ، ކާޑެއްދޫ އަދި ގަމަށް ފިނިހޫނުމިން ރެކޯޑުކުރެވިފައި ވަނީ 31-32 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް ފިނިހޫނުމިން އިހުސާސްކުރެވިފައިވަނީ 38-39 ޑިގްރީ ސެލްސިއަސްގަ އެވެ.
އުތުރުގައި މެޓް އޮފީހުގެ ސްޓޭޝަން ހުންނަ ހަނިމާދުއަށް ފިނިހޫނުމިން ރެކޯޑްކުރެވިފައިވަނީ 32 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގަ އެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ ސަރަހައްދުތަކަށް ކޮންްމެވެސް ވަރަކަށް ވިއްސާރައިގެ އަސަރުކުރިނަމަވެސް، ރާއްޖެ ސަރަހައްދުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނޭކަމަށް ލަފާކުރެވޭކަމަށެވެ.
މިމަހަކީ އަހަރުގެ ތެރޭ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސްކަަމަށް ވާތީ އެކަމަށް ސަމާލުވާން މެޓުން ކުރިން ވަނީ އެދިފަ އެވެ.













