ލަންޑަން (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ބާންލީގެ ކޯޗަކަށް ހުރި ޝޯން ޑައިޝް 10 އަހަރަށް ފަހު މަގާމުން ވަކިކުރިއިރު، ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ކްލަބްގެ ކެޕްޓަން ބެން މީ ހިމަނައިފި އެވެ.
ބާންލީ މި ވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގަ އެވެ. ލީގުގެ 18 ވަނައިގައި އޮތް ބާންލީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ބާންލީގައި ޑައިޝް ހޭދަކުރި 10 އަހަރު ތެރޭގައި އެ ޓީމު ދެ ފަހަރެއްގެ މަތިން ދެ ވަނަ ޑިވިޝަނުގައި އޮއްވައި، އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިނެވެ. އެއް ފަަހަރު ލީގުގެ ހަތް ވަނަ ހޯދައިދީ، ޔޫރޮޕާ ލީގަށް ކޮލިފައި ކޮށްދިނެވެ. އެއީ 51 އަހަރު ތެރޭ ބާންލީން ޔޫރަޕްގެ މުބާރާތަކަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެކަަމަކު، މި ފަަހަރު ރެލިގޭޝަންގެ ޕްރެޝަރުގެ ތެރޭގައި ޑައިޝް އަށް މި ވަނީ ވަޒީފާ ގެއްލިފަ އެވެ. ބާންލީގެ ވަގުތީ ކޯޗަކަށް ހަަމަޖެއްސީ 23 އަހަރުން ދަށުގެ ޓީމުގައި ހުރި މައިކް ޖެކްސަން އެވެ. އޭނާގެ އެހީތެރިއަކަށް ޓީމުގެ ކެޕްޓަން މީ ހުންނާނެ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ޓީމެއްގެ ކެޕްޓަން ވަގުތީގޮތުން ނަމަވެސް ކްލަބް ސީނިއާ ޓީމުގެ ކޯޗިން ޓީމުގައި މަސައްކަތްކުރާ ފުރަަތަމަ ފަަހަރެެވެ. ބާންލީގެ 140 އަހަރުވީ ތާރީހުގައި މިއީ ހާއްސަ ކަމެއްގެ ގޮތުގައި އެ ކްލަބްގެ ސަޕޯޓަރުން ވެސް އަންނަނީ ފާހަގަކުރަމުންނެވެ.
އުމުރުން 32 އަހަރުގެ މީ އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ބާންލީ ޓީމަށް ކުޅެމުންނެވެ. އޭނާ ކޯޗިން ސްޓާފުން ތެރޭގައި ބައިވެރިވިގެން ބާންލީ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ވެސްޓް ހޭމާ ދެކޮޅަށެވެ.












