ލަންޑަން (އޭޕްރީލް 16) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓާ ސިޓީގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެވިން ޑިބްރޭނާ އާއި ކައިލް ވޯކާ އަށް އަނިޔާގެ ސަބަބުން ނުކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ވޯކާ އާއި ޑިބްރޭނާ އަށް އަނިޔާވީ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ސިޓީން ކުޅުނު މެޗުގަ އެވެ. ވޯކާގެ ކުޑަހުޅަށް އަނިޔާވިއިރު، ޑިބްރޭނާގެ ކުޑަކަޅުވާކައިރީ މަސްގަނޑަށް ވަނީ ތަދުވެފަ އެވެ.
އެތުލެޓިކޯ މެޗަށް ފަހު ސިޓީން ބޭއްވި ފުރަތަމަ ދެ ޕްރެކްޓިސް ސެޝަނުގައި ވެސް ޑިބްރޭނާ އާއި ވޯކާ ބައިވެރިއެއްނުވެ އެެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ދެ ކުޅުންތެރިންގެ ހާލަތު ވެސް އަންނަނީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި ޓީމާ މެދު އަބަދުވެސް ގޮތެއް ނިންމަނީ މެޗު ކުޅެން އޮންނަ ދުވަހު ކަމަށެވެ.
"އެންމެ ރަނގަޅު ޓީމެއް ނަގާނަން. މިއީ މޮޅުވުން ނޫން އެހެން އެއްވެސް ގޮތެއް އޮތް ހާލަތެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާގެ ވާހަކަރަކަށް ބަލާއިރު، ޑިބްރޭނާ އާއި ވޯކާގެ ހާލަތަށް ބަލާފައި ގޮތެއް ނިންމާނީ މިއަދު މެޗު ފެށެން ކުޑަތަންވެފައިވަނިކޮށް ކަމަށް ބެލެވެ އެވެ.
ސިޓީ އަށް އޮތް ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ފާއިތުވި ހަ ވަރަކަށް ހަފްތާގައި ކުޅުމާ ދުރުުގައި ހުރި ޑިފެންޑަރު ރުބެން ޑިއާސް މި މެޗަށް ފިޓްވެފައިވުމެވެ. އެތުލެޓިކޯ މެޗުގެ ސްކޮޑުގައި ޑިއާސް ހިމެނުނު ނަމަވެސް އޭނާ މެޗުގައި ނުކުޅެ އެވެ.
ލިވަޕޫލާ ދެކޮޅަށް މިދިޔަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ލިވަޕޫލާ ދެކޮޅަށް ސިޓީން ނުކުންނައިރު، މިއީ މި ދެ ޓީމު ވެސް މިދިޔަ 12 ވަރަކަށް ދުވަހުގެ ތެރޭގައި ކުޅޭނެ ހަތަރު ވަނަ މެޗެވެ.
"ސީޒަންގެ މިހާ ހިސާބުން ހުރިހާ މުބާރާތެއްގައި ވާދަކުރާނަމަ މިއީ އޮންނަ ގޮތަކީ، ޝެޑިއުލްގެ ޝަކުވާ އަށް ވުރެ އަމިއްލަ އަތުގައި އޮތް މަސައްކަތް ފުރިހަަަމަ ކުރުން ނޫން ގޮތެއް ނެތް،" ގާޑިއޯލާ ބުންޏެވެ.
ލިވަޕޫލަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކޮންމެ ވެސް ވަރަކަށް ދިމާވެފަ އެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ބެންފީކާއާ 3-3 އިން އެއްވަރުވި މެޗުގައި ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ އަށް ކޮންމެ ވެސް ވަރެއްގެ އަނިޔާގެ މައްސަލައެއް ދިމާވި އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޑިކަލް ޓީމުން ހުށަހަޅާފައިވާ ރިޕޯޓަށް ބަލާއިރު، އެންމެ ފަހުން މެޗުގައި ބޭނުންކުރި ހުރިހާ ކުޅުންތެރިން ވެސް މި މެޗަށް ފިޓެވެ. ކްލޮޕް ބުނީ މިއީ ސެމީ ފައިނަލެއް ނަމަވެސް ލިވަޕޫލުން މި މެޗަށް ތައްޔާރުވާނީ ފައިނަލެއްގެ ވިސްނުމުގައި ކަމަށެވެ.
"ސިޓީއާ އެކު އަހަރެމެން ނުކުންނަ ކޮންމެ މެޗެއްގައި ވެސް ވާދަވެރިކަމަށް ބަލާއިރު، މި އޮންނަނީ ފައިނަލެއްގައި އޮންނަ ފަދަ މާހައުލެއް،" ކްލޮޕް ބުންޏެވެ.
އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި މިރޭ ލިވަަޕޫލާއި ސިޓީ ކުޅޭ އެފްއޭ ކަޕް ސެމީ ފައިނަލް މެޗު އޮންނާނީ ރާއްޖެ ގަޑިން 19:30 ގަ އެވެ.












