ގްރޭޓާ މާލެ އޭރިއާއަށް އެއް ވިއުގަޔަކުން ކަރަންޓު ދިނުމަށް ގާއިމުކޮށްފައިވާ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާތީ އެ ގްރިޑު އޮޕަރޭޝަނަށް ގެނެސް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މިއަދު ހެނދުނު 9:40 ހާއިރުން ފެށިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބުމަަށްފަހު އަނެއްކާ ވެސް ވަނީ ކެނޑިފަ އެވެ.
"އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި މިކުންފުނީގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް ވަނީ މެދުކެނޑިފައި،" ސްޓެލްކޯ އިން މިއަދު ހާމަކޮށްފައިވެ އެވެ.
މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދަނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެ އިންނެވެ. މިވަގުތު މާލޭގެ ކަރަންޓު ހިދުމަތް ކެނޑިފައިވަނީ އިންޓަކަނެކްޝަން އޮޕަރޭޝަނަށް ނުގެނެވޭތީ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
"ވީއެންމެ އަވަހަކަށް އިންޓަރކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުނެފައިވެ އެވެ.













