ސިއްހީ ދާއިރާ ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދީ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމަށް ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓު ހަދިޔާކުރުމަށް އުރީދޫ މޯލްޑިވްސް އިން ނިންމައިފި އެވެ.
އެންމެ ފުރަތަމަ މިފަދަ ހެލްތު ކިޓެއް އުރީދޫން ހަދިޔާކުރީ ގދ. ހޯޑެއްދޫ ސިއްހީ މަރުކަޒަށެވެ. އެ ކިޓު ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އެވެ.
މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުގައި ވާ 167 ހެލްތު ސެންޓަރާއި ހެލްތު ޕޯސްޓަށް މި ކިޓު އުރީދޫން ހަދިޔާކުރާނެ އެވެ.
އެ ކުންފުނިން ހަދިޔާކުރާ މި ކިޓުގައި ސްޓެތެސްކޯޕު، ޑިޖިޓަލް ސްފިގުމާނޯމީޓަރު، ޕަލްސް އޮކްސިމީޓަރު، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރު އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިންމު އާލާތްތައް ހިމެނެ އެވެ. އުރީދުން ވަނީ މިއަހަރުގެ ތެރޭގައި މި ކިޓުތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ސަރުކާރުން ސިއްހީ ހިދުމަތް ދިނުމަށް ކުރާ މަސައްކަތްތައް މީގެކުރިން ވެސް އުރީދޫން ބޮޑު އެހީތަކެއް ވެދީފައިވެ އެވެ. އެގޮތުން، 2018 ގައި އެ ކުންފުނިން ވަނީ އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސު ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފަ އެވެ.

އޭގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ސަރުކާރުން ކުރި މަސައްކަތްތަކަށް އެހީތެރިވެ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫން 2.5 މިލިއަން ރުފިޔާ ހަދިޔާކުރި އެވެ.
އުރީދޫ އަކީ ކާރިސާގެ ވަގުތުތަކުގައި، ޑިޖިޓަލް ޒަރިއްޔާާތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކާ ގުޅުވާލަދީ، މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ގޮންޖެހުންތަކުން އަރައި ގަތުމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ.













