ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒް އިނީ ތިން ވަނަ ދަރިއަކަށް ބަލިވެ ކަމަށް އިންސްޓަގްރާމް މެދުވެރިކޮށް އޭނާ އިއުލާންކޮށްފި އެވެ.
އިންސްޓަގްރާމްގައި 40 މިލިއަން ފޮލޯވަރުންނާ އެކަމުގެ ހަބަރު ހިއްސާ ކުރަމުން ބްރިޓްނީ ބުނީ އޭނާ އާއި ބައިވެރިޔާ ސޭމް އަސްގަރީ ތިބީ ދަރިފުޅުގެ އިންތިޒާރުގައި ކަމަށެވެ.
އުމުރުން 40 އަހަރުގެ ބްރިޓްނީގެ ދެ ފިރިހެން ދަރިން ތިބެ އެވެ. އޭނާ ބުނީ ކުރިން ބަލިވެ އިން އިރު، ޑިޕްރެޝަނާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ގިނަ އަހަރުތަކެއް ވަންދެން ބްރިޓްނީގެ ހަޔާތުގެ ކަންކަން ކޮންޓްރޯލް ކުރުމުގެ ބާރު "ކޮންޒަވޭޓާޝިޕް"ގެ ދަށުން ގާނޫނީ ގޮތުން ހަވާލުކޮށްފައި އޮތީ އޭނާގެ ބައްޕައާ އެވެ.
ކޮންޒަވޭޓާޝިޕްއާ ދެކޮޅަށް ބްރިޓްނީ ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ ޖޫން މަހު އޭނާ ބުނީ ކައިވެނި ކުރުން އަދި ދަރިން ހޯދުން ވެސް އޭނާއަށް މަނާ ކަމަށެވެ.

ބައްޕަގެ ގާނޫނީ ބެލެހެއްޓުމުގެ ދަށަށް ބްރިޓްނީ ދިޔައީ 2008 ވަނަ އަހަރު ނަފްސާނީ މައްސަލަތަކެއް ދިމާވެ، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ނިންމަން އުނދަގޫވުމުން ކަމަށް އޭނާގެ ބައްޕަ ބުނެ އެވެ.
ބްރިޓްނީ ވަނީ އުމުރުން 28 އަހަރުގެ ސޭމްއާ އެކު އާއިލާއެއް ފަށަން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. ކޯޓު އަޑުއެހުންތަކަށް ފަހު، ދާދި ފަހުން ކޮންޒަވޭޓާޝިޕް ނިމުމަކަށް ގެނެސްފައި ވާތީ، ބްރިޓްނީގެ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ނިންމުމުގެ އިހްތިޔާރު މިހާރު އޭނާއަށް އޮވެ އެވެ.










