މެންޗެސްޓާ (އޭޕްރީލް 10) - އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ދެ ޓީމު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
މިރޭގެ މެޗުން މޮޅުވެގެން ސިޓީ އަށް ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރެވެން އޮތެވެ. އަނެއްކޮޅުން ސިޓީ ބަލިކޮށްގެން ލިވަޕޫލަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ދެ ޓީމަށް ވެސް ހާލަތުގެ ފައިދާ ނުނެގި ޖެހުނީ ޕޮއިންޓަކުން ފުއްދާލާށެެވެ. ލީގުގައި ސިޓީ އާއި ލިވަޕޫލަށް ބާކީ ހަތް މެޗު އޮތްއިރު، ސިޓީ އެއް ވަނައިގައި އޮތީ އެއް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އަށް 31 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 31 މެޗުން 73 ޕޮއިންޓް ލިބިފަ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ސިޓީން ލީޑުނެގި އެވެ. އެ ޓީމަށް މި ގޯލު ޖަހައިދިނީ ފަހަކަށް އައިސް ގޯލު ޖެހުމުގެ ރަނގަޅު ފޯމެއްގައި ހުރި ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާ އެވެ. ޑި ބްރޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް ފައިގައި ޖެހިފައި، ދަނޑީގައި ވެސް ޖެހިފަ އެވެ.
ލިވަޕޫލުން ވަނީ މެޗުގެ 13 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ޖެހި ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭރިއާތެެރެއިން ޓްރެންޓް އަލެކްސަންޑާ-އާނޯލްޑް ދިން ބޯޅަ ޖޮޓާ ވަނީ ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް ފައިގައި ޖައްސާފައި ގޯލަށް ވައްދާލައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
ސިޓީން ވަނީ މި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް ހިމަނައިފަ އެވެ. މިއީ 2022 ވަަނަ އަހަރު ފެށި ފަހުން ލީގުގެ މެޗެއްގައި ޖީސޫސް ފުރަތަމަ އެގާރައިގައި ކުޅުނު ފުރަަތަމަ މެޗެވެ. ސިޓީން ދެ ވަނަ ފަހަރަށް ލީޑުނެގީ ޖީސޫސް ޖެހި ގޯލުންނެވެ. މެޗުގެ 36 ވަނަ މިނިޓްގައި ސިޓީގެ ޔޮއާއޯ ކަންސޭލޯ ނެގި ބޯޅައަކަށް ހުސްކޮށްއަރައި ޖީސޫސް ވަނީ ހުރަސްދަނޑީގައި ބޯޅަ ޖައްސައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަަތަމަ ހާފު ސިޓީ ލީޑުގައި އޮވެގެން ނިމުނުއިރު، މިއީ މި ފަހަރު ލީގުގައި ލިވަޕޫލް ކުޅުނު މެޗެއްގެ ފުރަތަމަ ހާފު ނިމުނުއިރު، އެ ޓީމު ބަލިވެފައި އޮތް ފުރަތަމަ ފަަހަރެވެ. ލިވަޕޫލުން ދެ ވަނަ ހާފް ފެށިގެން ދެ މިނިޓް ތެރޭ ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު ޖެހީ މުހައްމަދު ސަލާހު ދިން ބޯޅައަކުން، މިއަދު 30 ވަނަ އުފަން ދުވަސް ފާހަގަކުރާ ސަޑިއޯ މާނޭ އެވެ.
ލިވަޕޫލަށް ލީޑުނަގައިދޭން ޖޮޓާ ޖެހި ބޯޅައެއް ސިޓީގެ ކީޕަރު އެޑަސަން މަތަކުރިއިރު، ސަލާހު ޖެހި ޝޮޓެއް ދިޔައީ އަރިމަތިން ބޭރުންނެވެ. ސިޓީގެ ރަހީމް ސްޓާލިން އެ ޓީމަށް ގޯލެއް ޖަހައިދިން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، ސިޓީގެ ރިޔާދު މާރޭޒް ވެސް ވަނީ އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ހޯދައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. ހިލޭ ޖެހުމަކުން މާރޭޒް ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ދިޔައިރު، އިތުރު ވަގުުތުގައި ޑި ބްރޭނާ ދިން ބޯޅައަކުން ހުސްކޮށް އަރައި، މާރޭޒް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މިރޭގެ މެޗަކީ މި ފަަހަރު ލީގުގައި ސިޓީން ފުރަތަމަ ގޯލު ޖަހައި، މޮޅެއް ނުހޯދި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. ލިވަޕޫލް ދަނޑުގައި މި ފަހަރު ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ 2-2 އިންނެވެ. އެ މެޗުގައި ދެ ފަހަރު ލިވަޕޫލުން ލީޑުނެގިއިރު، ސިޓީ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ހަ ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް ފަސް ވަނަ އަށް އަރަން ކުރި މަސައްކަތް ނާކާމިޔާބުވީ ރަށުންބޭރުގައި ބްރެންޓްފޯޑް އަތުން 2-0 އިން ބަލިވުމުންނެވެ. ރަނގަޅު ފޯމެއްގައި އޮތް ކްރިސްޓަލް ޕެލަސް ވަނީ ލެސްޓާ ސިޓީ ދަނޑުގައި 2-1 އިން ބަލިވެފަ އެވެ. އަދި ރެލިގޭޝަން ޒޯނުގެ މުހިންމު މެޗެއްގައި އަމިއްލަ ދަނޑުގައި ކުޅުނު ނޮރިޗް ސިޓީ ވަނީ 2-0 އިން ބާންލީ ބަލިކޮށްފަ އެވެ.












